ވަކީލުކަމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ވަކީލުކަމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހުޅުވާލައިފި އެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމުގެ ފޯމް ފުރިހަމަކޮށް، މިމަހުގެ 31 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ވަކީލުކަމުގެ ހުއްދަ ދިނުމުގެ ރަސްމިއްޔާތު ބާއްވާނެ ދުވަހެއް އެ އިއުލާނުގައި ބުނެފައެއް ނެތެވެ.

ވަކީލުކަމުގެ ހުއްދަ ލިބެނީ ޝަރީއަތާއި ގާނޫނުގެ ރޮނގުން ޑިގްރީއެއް ލިބިފައިވާ ނަމަ އެވެ. ބޭރުގެ ޔުނިވާސިޓީއަކުން ޑިގްރީ ހާސިލް ކޮށްފައިވާ ނަމަ އެ ޑިގްރީއަކީ ރާއްޖޭގެ ޔުނިވާސިޓީތަކުން ދޭ ފެންވަރުގެ ޑިގްރީއަކަށް އެ ޑިގްރީއެއް ވާންޖެހެ އެވެ. އަދި އެ ޑިގްރީއަކީ އެ މީހަކު ތައުލީމް ހާސިލްކުރި ގައުމުގައި ވަކީލުކަން ނުވަތަ ފަނޑިޔާރުން ކުރުމުގެ ހުއްދަ ދިނުމުގައި ގަބޫލު ކުރެވޭ ޑިގްރީއަކަށް ވާންޖެހެ އެވެ.

މީގެ އިތުރުން ވަކި ބާވަތުގެ ކުށްތަކެއް ސާބިތުވެފައި ނެތުމަކީ ވެސް ވަކީލުކަމުގެ ހުއްދަ ދިނުމުގެ ޝަރުތެކެވެ.

ވަކީލުކަމުގެ ހުއްދަ ދޭނީ އުއްތަމަ ފަނޑިޔާރާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ކޮމެޓީއަކުންނެވެ.

ވަކީލުކަމުގެ ހުއްދަ އަށް އެދި ހުޅުވާލާފައިވާ އިރު ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ބައެއް ވަކީލުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އޭގެ ތެރެއިން 29 ވަކީލެއްގެ ސަސްޕެންޝަން މިހާރު ވަނީ އުވާލައިފަ އެވެ.