01 ޖުލައި 2016 - 14:42

މެންޗެސްޓާ (ޖުލައި 1) - ސްޕެނިޝް ލީގުގެ ސެލްޓާ ވީގޯ އަށް ކުޅޭ ސްޕެއިނުގެ ފޯވާޑް ނޮލީޓޯ އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ އަށް ބަދަލުވެއްޖެ އެވެ.
ސިޓީން ނޮލީޓޯ ގަތީ، އޭނާގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ އަދަދު ކަމަށްވާ 13.8 މިލިއަން ޕައުންޑް ދެއްކުމަށް ފަހު އެވެ. އުމުރުން 29 އަހަރުގެ ފޯވާޑް ވަނީ ސިޓީއާ އެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދައިފަ އެވެ.
އޭނާ އަކީ ސިޓީގެ އާ ކޯޗު ޕެޕް ގާޑިއޯލާ އެ ޓީމަށް ގެނައި ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ގެނައީ ޖަރުމަނުގެ މިޑްފީލްޑަރު އިލްކޭ ގުންޑޮގާން އާއި އޮސްޓްރޭލިއާގެ މިޑްފީލްޑަރު އާރޮން މޫއީ އެވެ.
ނޮލީޓޯ ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ގައުމީ ޓީމަށް ހުރިހާ މެޗެއްގައި ކުޅެފަ އެވެ. އެކަމަކު ދެ ވަނަ ބުރުން ސްޕެއިން ކަޓާފައިވާތީ ނޮލީޓޯ މިހާރު ވަނީ ސިޓީއާ ރަސްމީކޮށް ގުޅިފަ އެވެ.
"ޕެޕް ގާޑިއޯލާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗު. އޭނާއާ އެކު އަހަންނަށް ކުރިއެރުން ލިބޭނެ،" ނޮލީޓޯ ބުންޏެވެ.