ބީއެމްއެލްގެ ބްރާންޗްތަކުން ޑޮލަރު ބުކިން ހެދުން ހުއްޓާލަނީ
ބީއެމްއެލްގެ ބްރާންޗްތަކުން ޑޮލަރު ބުކިން ހެދުން ހުއްޓާލަނީ

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކުން ޑޮލަރު ބުކިން ހެދުން ހުއްޓާލަން ނިންމައިފި އެވެ.

އެ ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބްރާންޗްތަކުން ޑޮލަރު ބުކިން ހެދުން ހުއްޓާލި ނަމަވެސް އޮންލައިންކޮށް ބުކިން ހެދުމަށް ދަތިވާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ ކަސްޓަމަރުންނަށް ބްރާންޗްތަކުން ޑޮލަރު ބުކިން އަދިވެސް ހަދައިދެމުން ދާނެ ކަމަށެވެ. އަދި ހދ. ހަނިމާދޫ އާއި ސ. ގަން އެއާޕޯޓުން ފުރާ ކަސްޓަމަރުންނަށް އެއާޕޯޓަކާ އެންމެ ކައިރި ބްރާންޗަކުން ޑޮލަރު ބުކިން ހެދުމުގެ ހިދުމަތް އަދިވެސް ދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ވަނީ ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޭނުންވާ ޔޫއެސް ޑޮލަރު ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮންލައިންކޮށް ޑޮލަރު ބުކްކުރެވޭނެ ނިޒާމެއް ތައާރަފްކޮށްފަ އެވެ. އެ ސިސްޓަމް ތައާރަފްކުރުމާއެކު ދަތުރުވެރިން ޑޮލަރު ގަތުމަށް ބޭންކުގެ ބްރާންޗްތަކުގައި ކިޔޫގައި މަޑުކުރަން ނުޖެހި، ފުރަން ދާއިރު އެއާޕޯޓުން ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ ގޮތް ހަމަޖެހިގެން ދިއުމުން އެ ނިޒާމަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑުވި ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ތައާރަފްކުރި ޑޮލަރު ނިޒާމުގެ ދަށުން މިހާތަނަށް 63 ހާހަށްވުރެ ގިނަ ދަތުރުވެރިންނަށް 31 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ.