01 އޮކްޓޯބަރ 2017 - 14:58

މި އަހަރުގެ މާލޭ މިޑްނައިޓް ރަން މި މަހުގެ 19 ވަނަ ދުވަހުގެރޭ ބާއްވަން ތައްޔާރުވަމުން އެބަދެ އެވެ.
އާއްމު ރޭސްތަކާ ހިލާފަށް ރޭގަނޑު 10 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މި އިވެންޓުގައި މައިގަނޑު ތިން ރޭހެއް އޮންނާނެ އެވެ. އެގޮތުން ފަސް ކިލޯމީޓަރު (މާލެ ވަށައި އެއް ބުރު) ގެ އޯޕަން އިވެންޓަކާއި 15 އަހަރުން ދަށުގެ އިވެންޓެއް ވެސް އޮންނައިރު 10 ކިލޯމީޓަރުގެ ދުވުމާއި ހިނގުމުގެ ރޭސް ވެސް އޮންނާނެ އެވެ. ހާފް މެރެތަން (މާލެ ވަށައި ހަތަރު ބުރު) ރޭސް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިވެންޓް ފުރިހަމަކުރާ 50 އަހަރުން މަތީގެ ދުވުންތެރިންގެ އަގުވަޒަންކުރުމަށް ވަނީ ހަމަޖެހިފައިވެ އެވެ.
އަމިއްލަ ޖަމިއްޔާއަކުން އިންތިޒާމްކުރާ މިޑްނައިޓް ރަންގެ ރޭސްތައް ނިންމާ ކޮންމެ ބައިވެރިއަކަށް ވެސް މެޑަލެއް ދިނުމަށް ހަމަޖެހިފައިވާއިރު ތިން ގަޑިއިރަށް ވުރެ އަވަހަށް ހާފް މެރެތަން ރޭސް ނިންމާ ދުވުންތެރިންނަށް ފިނިޝާ ޓީޝާޓެއް ދޭނެ އެވެ.
ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 10-6 އަށް އަށް ގ. ކަކާގެއާގޭގައި ހުންނަ ފިޒިއޯ ކްލިނިކުން ރެޖިސްޓްރީކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އަދި ކޮންމެ ދުވަހެއްގެ ހަވީރު 5-6 އަށް ދުވާ ޓްރެކް ސަރަހައްދުގައި ވެސް ރަޖިސްޓްރީކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
މިއީ މިޑްނައިޓް ރަން ބާއްވާ ތިން ވަނަ ފަހަރެވެ. މިޑްނައިޓް ރަން ނުވަތަ ރޭގަނޑުގެ ލަސް ވަގުތުތަކުގައި ބާއްވާ ރޭސް ތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މަޝްހޫރު އިވެންޓެކެވެ. މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ދުވުމަކީ ވަކި ވަގުތަކަށް ހާއްސަ އިވެންޓެއް ނޫން ކަން އަންގައިދިނުމެވެ. ރޭހުގައި ބައިވެރިވެވޭނީ ފީއެއް ދައްކައިގެންނެވެ.