02 އޮކްޓޯބަރ 2017 - 06:14

ފުރާނައަށް އެންމެ ނުރައްކާ ވައްތަރުތަކުގެ ކެންސަރުތައް ޖެހުމުގެ މައިގަނޑު އެއް ސަބަބަކީ ހަކުރުއަޅައިގެން ތައްޔާރުކޮށްފައި ހުންނަ ކާނާ ކެއުމެވެ. ފަހުގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ހަކުރު ގިނައިން އެކުލެވޭ ކާއެއްޗިއްސާއި ބޯ އެއްޗެހި ބޭނުންކުރުމުން ކުއްލިއަކަށް ސެލްތަކަށް އަންނަ ބަދަލެއްގެ ސަބަބުން ކާއެއްޗެހި ދަތުރުކުރާ ހޮޅިއަށް ކެންސަރު ޖެހެން މެދުވެރިވެއެވެ. މިއީ ދުނިޔޭގެ އެކި ހިސާބުތަކުގައި އަހަރަކު އެތައް ހާސް ބަޔަކު މަރުވާ ނުރައްކާތެރި ކެންސަރެކެވެ.
ޔޫރަޕްގައި މި ބާވަތުގެ ކެންސަރު ޖެހޭ މީހުން އެންމެ ގިނައީ އިނގިރޭސި ވިލާތުގަ އެވެ. އެ ގައުމުގެ މީހުންގެ ތެރެއިން އަހަރަކު 9،000 މީހުންނަށް އެސޯފެގަސް ކެންސަރު ޖެހެ އެވެ.
މުޅި ދުނިޔޭގައި ވެސް ފާއިތުވީ 40 އަހަރު ތެރޭގައި މި ކެންސަރު ޖެހޭ މީހުންގެ އަދަދު ވަނީ އާދަޔާޚިލާފަށް އިތުރުވެގެން ގޮސްފަ އެވެ. އެހެންކަމުން ސައިންސްވެރިން މިހާރު ގަބޫލުކުރަނީ ހަކުރު ބޭނުންކުރާ މިންވަރު އިތުރުވެގެން ދިއުމުގެ ސަބަބުން މި މައްސަލަ އިތުރަށް ގޯސްވަމުން ދަނީ ކަމަށެވެ.
ލަންޑަންގެ ކުއީން މޭރީ ޔުނިވަސިޓީގެ ޕްރޮފެސަރު ގްރަހަމް މެކްގްރެގާ ވިދާޅުވީ މިފަހަރު މި ހޯދުނު ހޯދުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ފަދަ ކަމެއް ކަމަށެވެ.
"މިހެން ދިމާވާ ސަބަބެއް އަދި އެނގިފައި ނެތަސް ހަކުރަކީ ސީދާ ކެންސަރު ޖައްސާ އެއްޗެއްކަން މި ރިޕޯޓުން ވަނީ ހާމަވެފައި. މިއީ ވަރަށް މުހިއްމު ހޯދުމެއް. އަދި މިއީ އަހަރެމެން މިހާރު ބޭނުންކުރާ ގިނަ އަދަދެއްގެ ހަކުރު އަޅާފައިވާ ކާ އެއްޗެހިން ލިބޭނެ ގެއްލުންތަކުގެ ދިފާއުގައި ވާހަަކަ ދައްކާ މީހުންނަށް ލިބުނު ވަރަށް ބޮޑު ފިލާވަޅެއް ވެސް މެ،" އޭނާ ވިދާޅުވި އެވެ.
މިހާތަނާ ޖެހެންދެން ކެންސަރާއި ހަކުރާ ގުޅުންހުރި ކަމަށް ގަބޫލުކުރެވިފައި އޮތީ ފަލަބަލީގެ ސަބަބުން ކެންސަރު ޖެހޭކަން އެނގިފައި ވާތީ އެވެ. އާދަޔާޚިލާފަށް ފަލަވުމަކީ ކެންސަރު ޓިއުމަރު އުފެދުމުގެ ނުރައްކާ އިތުރުވެގެންދާ ކަމެކެވެ.
ނަމަވެސް ސައިންސްވެރިންނަށް މިހާރު ހޯދިފައިވާ ގޮތުގައި ހަކުރުގެ ނޭދެވޭ އަސަރު ސީދާ އިންސާނުންގެ އެސޯފެގަސް ނުވަތަ ކާއެއްޗެތި ދަތުރުކުރާ ހޮޅީގައި ހުންނަ ސެލްތަކަށް ކުރެ އެވެ. އަދި ހަކުރުގެ ސަބަބުން ކެންސަރު ޖެހުމުގެ މަރުހަލާ އާ ހަމައަށް ސެލްތައް ގެންދެ އެވެ.
އެސޯފެގަސް އަކީ ކާ އެއްޗެތީގައި ހުންނަ ނިއުޓްރިއަންޓްސް ބަނޑަށް ގެންގޮސްދޭ ފުޑް ފައިޕް އެވެ.
ޔުނިވަސިޓީ އޮފް ނޯތު ކެރޮލައިނާގެ ތަޖުރިބާކާރުން މި ދިރާސާ ކުރުމަށް ބެރެޓްސް އެސޯފެގަސް ކިޔާ މައްސަލައެއް ކުރިމަތިވެފައިވާ 472 ބަލި މީހަކު ހޯދި އެވެ. މިއީ ކާއެއްޗެހި ދަތުރުކުރާ ހޮޅީގައި ހުންނަ ސެލްތަކަށް ސީރިއަސް ގެއްލުންތަކެއް ލިބި ކެންސަރަށް ބަދަލުވުމުގެ ފުރަތަމަ މަރުހަލާ އަށް ކިޔާ ނަމެކެވެ.
އިނގިރޭސި ވިލާތުގައި އެކަނިވެސް މި ބަލި ޖެހިފައިވާ 1.5 މިލިއަން މީހުން އެބަތިއްބެވެ. މި ހާލަތުގައި ތިބޭ މީހުންގެ ޓިއުމަރު އުފެދުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމާއި މާގިނައިން ބަނގުރާ ބުއިން އަދި ސަރުބީ ގިނައިން ހުންނަ ކާނާ ކެއުމަކީ ވެސް ބެރެޓްސް އެސޯފެގަސްގެ ނުރައްކާ އިތުރުވާ ކަންކަމެވެ.
މި ދިރާސާކުރި ސައިންސްވެރިން ސުވާލު ކަރުދާހެއް ތައްޔާރުކޮށް ދިރާސާއަށް ހޮވި ބައިވެރިންނާ ހަވާލު ކުރި އެވެ. މި ސުވާލުތަކުގެ ޖަވާބު ހޯދައިގެން، ބެރެޓްސް އެސޯފެގަސް ޖެހިފައިވާ މީހުން ކޮންމެ ދުވަހަކު ކިހާ ވަރަކަށް ހަކުރެއް ބޭނުންކުރި ބައެއްތޯ ބަލައި ޗެކް ކޮށްފައި ވެއެވެ. އަދި ބެރެޓްސް އެސޯފެގަސްގެ މައްސަލަ ނެތް 492 ވޮލަންޓިއަރުން ވެސް ޓެސްޓްކޮށް ދެބައިމީހުންގެ ނަތީޖާ އަޅާ ކިޔާފައި ވެއެވެ.
ޔޫރަޕިއަން ޖާނަލް އޮފް އެޕިޑިއޮމޮލޮޖީގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓުގައިވާ ގޮތުން ކާއެއްޗެހި ދަތުރުކުރާ ހޮޅިއަށް ގެއްލުން ވެފައި ތިބި މީހުން ދުވާލަކު އެވްރެޖްކޮށް 82 ގްރާމް ހަކުރު ބޭނުން ކޮށްފައި ވެއެވެ. ނަމަވެސް ޕްރި-ކެންސަރަސް ސެލްސްތައް ނެތް މީހުން އެވްރެޖްކޮށް ބޭނުންކޮށްފައިވަނީ 74 ގްރާމެވެ.
ސައިންސްވެރިން ބުނަނީ މާގިނައިން ހަކުރު ކެއުމާއި ބުއިމުގައި ބޭނުންކުރާ މީހުންގެ ފުޑް ޕައިޕްގެ އެތެރެ ދުލީގައި ކެންސަރު ޖެހުމުގެ ނިޝާންތައް ހުންނަ މިންވަރު 80 ޕަސެންޓް އިތުރު ކަމަށެވެ.
ހަކުރު އެންމެ ގިނައިން މީހުން ބޭނުން ކުރަނީ ހަކުރު އަޅައިގެން ތައްޔާރުކޮށްފައިވާ ބުއިންތަކާއި ފޮނި ކާއެއްޗެތީގެ ގޮތުގައި ކަން ވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
މީގެ ކުރިން 2015 ގައި އިނގިރޭސި ސަރުކާރުގެ ސައިންޓިފިކް އެޑްވައިޒަރީ ކޮމިޓީ އޮން ނިއުޓްރިޝަން އިން ނެރެފައިވާ އިރުޝާދެއްގައި ބުނެފައިވަނީ ބޮޑެތި މީހުން ދުވާލަކު 30 ގްރާމަށް ވުރެ ގިނައިން ހަކުރު ބޭނުން ނުކުރުމަށެވެ. މި ވަރު ފިޒީ ޑްރިންކެއްގެ އެންމެ ދަޅެއްގައި ވެސް ހުންނާނެ އެވެ.
ކެއުމާއި ބުއިމުގައި ހަކުރު ގިނައިން އެކުލެވޭ އެއްޗެހި ބޭނުންކުރުން މަދުކޮށްލައިގެން، ޚާއްސަކޮށް ދޯބުރާލި ހަކުރު ބޭނުންކުރުން މަދުކޮށްގެން ކެންސަރުގެ ނުރައްކާ ދަށް ކުރެވޭނެކަން ޕްރޮފެސަރު ފާހަގަކުރެއްވި އެވެ.
ހަކުރުގެ ސަބަބުން ސެލްތައް ކެންސަރު ޖައްސާ ސެލްތަކަކަށް ބަދަލުވާ ގޮތް ވަނީ ކީއްވެގެން ކަމެއް އަދި ހޯދިފައެއް ނެތެވެ. ނަމަވެސް ގަބޫލު ކުރެވެނީ ހަކުރު ގިނައިން ބޭނުންކުރުމުން ހަށިގަނޑުން ހޯމޯން އިންސިއުލިން ބޭނުންކުރާ މިންވަރަށް ބުރޫ އަރައި އެސޯފެގަސްގައި ހުންނަ ހަލާކުވެފައިވާ ސެލްތައް މަރާމާތުވާލެއް ލަސްވަނީ ކަމަށެވެ.