އެމެރިކާ އިން އަޅަން އުޅޭ ފިޔަވަޅުތައް ފެއިލްވާނެ: ނޯތު ކޮރެއާ
އެމެރިކާ އިން އަޅަން އުޅޭ ފިޔަވަޅުތައް ފެއިލްވާނެ: ނޯތު ކޮރެއާ

ޕިއޮންޔޮން (އޮކްޓޯބަރު 1) - ނޯތު ކޮރެއާއާ ދެކޮޅަށް އަޅަން އެމެރިކާ އިން މަސައްކަތް ކުރާ ދަތި ކުރުމުގެ ފިޔަވަޅުތައް ފެއިލްވާނެ ކަމަށާއި "ނިއުކްލިއާ ބާރަކަށް" ނޯތު ކޮރެއާ ވާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

ކޮރެއާގެ ނިއުސް އެޖެންސީން ބުނީ ދަތި ކުރުމުގެ ފިޔަވަޅު އަޅައިގެން ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރާ ނަމަ އެމެރިކާ އާއި ސައުތު ކޮރެއާ އަށް އެ ވަނީ ވަރަށް ބޮޑު ކުށްހީއެއް ހީވެފައި ކަމަށެވެ. އަދި އެ ފިޔަވަޅުތައް އެންމެ ފަހުން ވާނީ އެމެރިކާގެ ނިމުމަށް ކަމަށް ބުނެ އިންޒާރުދީފައިވެ އެވެ.

ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީން މިހެން ބުނި އިރު ނޯތު ކޮރެއާގެ މައްސަލަ އަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން އުޅުއްވަނީ ޗައިނާގެ ވެރިންނާ ބައްދަލު ކުރެއްވުމަށް އެ ގައުމަށް ވަޑައިގެންނެވެ. ޓިލަސަން ވިދާޅުވެފައި ވަނީ ނޯތު ކޮރެއާއާ ސީދާ ގޮތުން މުއާމަލާތް ކުރަމުންދާ ކަމަށެވެ.

ޗައިނާގައި ވާހަކަ ދައްކަވަމުން ޓިލަސަން ވިދާޅުވެފައި ވަނީ މަޝްވަރާ ކުރަން ބޭނުންތޯ ނޯތު ކޮރެއާ އަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ ގައުމުން ޖަވާބެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ. ސްޓޭޓް ޑިޕާޓްމަންޓުން ވެސް ވަނީ ނޯތު ކޮރެއާއާ މުވާސަލާތީ ޗެނަލެއް ހުޅުވާފައިވާކަން ޔަގީންކޮށްދީފަ އެވެ.