01 އޮކްޓޯބަރ 2017 - 13:56

ލަންޑަން (އޮކްޓޯބަރު 1) - އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ ކޮލެޖުގައި ހުރި މިއަންމާގެ ލީޑަރު އަން ސަން ސޫކީގެ ފޮޓޯ ނަގައިފި އެވެ.
ސެއިންޓް ހިއުސް ކޮލެޖުގެ މައި ދޮރުގައި ހުރި ސޫކީގެ ބޮޑު ފޮޓޯގަނޑު ނަގާފައި މި ވަނީ މިއަންމާގެ ރޮހިންޖާ މުސްލިމުންނަށް މިއަންމާ ސިފައިން ދޭ އަނިޔާތަކާ ގުޅިގެން ދުނިޔޭގެ ނުރުހުން ސޫކީ އަށް އަމާޒުވެފައިވާ ދުވަސްވަރެއްގަ އެވެ. ނޯބެލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ ސޫކީ އަކީ ސެއިންޓް ހިއުސް ކޮލެޖުން ތައުލީމް ހާސިލް ކުރެއްވި ފަރާތެކެވެ. އެ ކޮލެޖުން ފިލޯސޮފީ އާއި ޕޮލިޓިކްސް ކިޔަވާ ވިދާޅުވުމަށް ފަހު ސޫކީ ގްރެޖުއޭޓްވީ 1967 ވަނަ އަހަރު އެވެ. ސޫކީ ވަނީ 1968 ވަނަ އަހަރު ޕޮލިޓިކްސް އިން މާސްޓާސް ނަންގަވައިފަ އެވެ.
އޮކްސްފޯޑުގައި ހުރި ސޫކީގެ ފޮޓޯ އަކީ އެކަމަނާގެ ފިރިކަލުން އަދި އޮކްސްފޯޑުން ކިޔަވާ ވިދާޅުވި މައިކަލް އާރިސްގެ އެއްޗެކެވެ. އޭނާ 1999 ވަނަ އަހަރު އަވަހާރަވުމުން އެ ފޮޓޯ ވަނީ ކޮލެޖުގެ މިލްކަކަށްވެފަ އެވެ.
ކޮލެޖުން ނެރުނު ބަޔާނެއްގައި ބުނީ އާ ފޮޓޯއެއް ލިބިފައިވާ ކަމަށާއި ސޫކީގެ ފޮޓޯގެ ބަދަލުގައި ދެން ބަހައްޓާނީ އެ ފޮޓޯ ކަމަށެވެ. ސޫކީގެ ފޮޓޯ ނެގީ ރަކީން ސްޓޭޓުގައި މިހާރު ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެންކަން ނުވަތަ ނޫންކަން ކޮލެޖުން ނުބުނެ އެވެ. ރަކީންގައި ހިންގާ ޖަރީމާ އދ. އިން ސިފަކޮށްފައި ވަނީ ނަސްލެއް ނައްތާލުން ކަމަށެވެ.
ސެއިންޓް ހިއުސް ކޮލެޖުން ތައުލީމް ހާސިލްކުރި މަޝްހޫރު ފަރާތްތަކުގެ ތެރޭގައި އިނިގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި އާއި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ ހިމެނެ އެވެ.