02 އޮކްޓޯބަރ 2017 - 06:13

ރަންވީރު ސިންގަކީ އޭނާ ކުޅޭ ކޮންމެ ކެރެކްޓާއެއްގެ ތެރެއަށް ވަރަށް ބޮޑަށް ވަންނަ މީހެކެވެ. ޝޫޓިން ނޯންނަ ވަގުތުތަކުގައި ވެސް އެ ކެރެކްޓާ އުޅޭ ގޮތަށް އޭނާ އުޅެ އެވެ.
ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ"ގައި އަލާއުއްދީން ޚިލްޖީ ކިޔާ ވަރަށް ނުލަފާ މީހެއްގެ ރޯލު އަދާކުރަން ޖެހުމުން ރަންވީރު އިސްތަށިގަނޑާއި ތުނބުޅި މަތިމަސް ދިގުކޮށް ވަރަށް ރަނގަޅަށް އެ ރޯލަށް ތައްޔާރުވި އެވެ. އެ ފިލްމުގެ ޝޫޓިންގ އޮތް ދުވަސްވަރު ރަންވީރު އުޅެމުންދިޔައީ ހަމަ "ޕަދްމާވަތީ"ގައި އޭނާގެ ކެރެކްޓާ އުޅޭ ގޮތަށެވެ. އެގޮތުން އެއްފަހަރަކު އޭނާގެ އެޕާޓްމަންޓަށް ވަދެ ތަޅުލައިގެން އެ ކެރެކްޓާއަށް ހެދިގެން ވެސް އެތައް ދުވަހެއް ރަންވީރު ހޭދަކުރި އެވެ.
މިހާރު އެ ފިލްމު ނިމުމުގެ އެންމެ ފަހު މަރުހަލާއަށް އަޅާފައި ވިޔަސް ރަންވީރަށް އޭނާ ކުޅެފައިވާ ކެރެކްޓާއާ ވަކިވުމަކީ އުނދަގޫކަމަކަށް މިހާރު ވަނީ ވެފަ އެވެ. އެހެންވެ ސައިކޭޓްރިސްޓެއްގެ އެހީ އޭނާ މިހާރު ހޯދަމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
"ޕަދްމާވަތީ"ގެ ސެޓުގައި މަސައްކަތްކުރާ ރަންވީރުގެ ގާތް މީހަކު އިންޑިއާ ޓައިމްސް އަށް ކިޔައިދީފައިވާ ގޮތުގައި ރަންވީރުގެ ކެރެކްޓާއަކީ ވަރަށް ނުލަފާ، ވަރުގަދަ އަދި ބިރުވެރި މީހެކެވެ. މި ފިލްމުގެ ޝޫޓްކުރުމުގައި އަހަރެއްހާ ދުވަސް ހޭދަވެފައި ވުމާ އެކު މުޅި އަހަރު ދުވަހު ޚިލްޖީގެ ޝަޚްސިއްޔަތު އެއްގޮތަކަށް ހިފެހެއްޓުމަށް ރަންވީރަށް ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިވި އެވެ. މި ރޯލާ ހެދި އެހެން މީހުންނާ ރަންވީރު މުއާމަލާތްކުރާ ގޮތަށާއި އޭނާގެ މިޒާޖަށް ހަގީގަތުގައި ވެސް ވަރަށް ބޮޑަަށް ވަނީ އަސަރުކޮށްފަ އެވެ.
އެހެންކަމުން ޚިލްޖީގެ ކެރެކްޓާ ކުޅެ ނިމުމާ އެކު ސައިކޭޓްރިސްޓެއްގެ އެހީ ހޯދަން ރަންވީރުގެ އެކުވެރިން އޭނާއަށް މަޝްވަރާ ދިނީ އެވެ.
ހަމަ ގައިމު ވެސް ފިލްމު ރިލީޒްކުރުމުން ރަންވީރުގެ މަސައްކަތް ބެލުންތެރިންނަށް ވެސް ފެނިގެން ދާނެ އެވެ. އަދި ސްކްރީނުން މިފަހަރު ރަންވީރު ފެންނާނީ ދުވަހަކު ވެސް އޭނާ ނުފެންނަ ކަަހަލަ ގޮތަކަށް ކަމަށް ވެސް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.
ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ރިލީޒްކުރާ "ޕަދްމާވަތީ"ގައި ދީޕިކާ ޕަދުކޯން ބަތަލާގެ ރޯލު ކުޅޭއިރު ޝާހިދު ކަޕޫރު ވެސް މުހިއްމު ކެރެކްޓާއަކުން ފެންނާނެ އެވެ.