01 ޖުލައި 2016 - 14:34

ލިލް، ފްރާންސް (ޖުލައި 1) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ބެލްޖިއަމާ ދެކޮޅަށް ނުކުންނާނީ އެ ޓީމުގެ ފެންވަރު އެނގި އެ ޓީމަށް އިހުތިރާމްކޮށްގެން ކަމަށާއި އެކަމަކު ކޮލިފައިންގައި އެ ޓީމާ ދެކޮޅަށް ނެރުނު ނަތީޖާ މި ފަހަރު ވެސް ތަކުރާރުކުރެވޭނެ ކަމަށް ވޭލްސްގެ ކޯޗު ކްރިސް ކޯލްމަން ބުނެފި އެވެ.
ކޮލިފައިންގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗު 0-0 އެއްވަރުވި އިރު ދެ ވަނަ މެޗުން ވޭލްސް ވަނީ 1-0 އިން މޮޅުވެފަ އެވެ. އެކަމަކު 23 ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ ހޯދީ ބެލްޖިއަމެވެ. ވޭލްސް ދިޔައީ 21 ޕޮއިންޓާ އެކު ދެ ވަނަ އަށެވެ.
"އަހަރެމެން ބެލްޖިއަމަށް އިހުތިރާމްކުރަން. އެއީ ވަރަށް މޮޅު ޓީމެއް އެކަމަކު އެ ޓީމަށް ވަރަށް އުނދަގޫ މެޗުތަކެއް އަހަރެމެެން ދީފައި ހުރީ. މި ފަހަރު ވެސް އެކަން އޮތީ އެހެން. ފަސޭހަ ވާނެ ކަމަށް ވިސްނައިގެން ނުވާނެ،" ކޯލްމަން ބުންޏެވެ. "މިދިޔަ އަހަރުތަކުގެ ތެރޭ ބެލްޖިއަމާ ދެކޮޅަށް އަހަރެމެން ހަތަރު ފަހަރު ކުޅެފިން. ދެ ޓީމަށް ވެސް ދެ ޓީމުގެ ގޮތް އެނގޭނެ. އެކަމަކު އަހަރެމެން ބޮޑަށް ވިސްނަންވީ އަހަރެމެންގެ އަމިއްލަ ކުޅުން ކުޅެން."
އޭނާ ބުނީ ބެލްޖިއަމަކީ އެޓޭކްކުރާ ޓީމެއް ގޮތަށް އަދި ވޭލްސް އަކީ ޑިފެންސްކުރާ ޓީމެއް ކަމަށް ވާހަކަދެކެވޭ ކަމަށާއި އެކަމަކު ޖެހި ގޯލުގެ އަދަދަށް ބަލާއިރު ދެ ޓީމުގައި މާބޮޑު ތަފާތެއް ނެތް ކަމަށެވެ.
"ބެލްޖިއަމުން ކުޅެނީ ވަރަށް އަވަސް، ވަރުގަދަ ގޭމެއް. އެކަމަކު ވިސްނަން ޖެހޭ އަހަރެމެންނަކީ ޑިފެންސްކުރާ އިރު އެހާ ވަރުގަދައަށް އެކަންކޮށްފައި އެޓޭކްކުރަން ވީމާ ހަމަ އެ ގޮތަށް އެޓޭކްކުރާ ޓީމެއް. އެހެންވެ އަހަންނަށް އެބައޮތް އިތުބާރު،" އޭނާ ބުންޏެވެ.
ބެލްޖިއަމްގެ ކޯޗު މާކް ވިލްމޮޓްސް ބުނީ ވޭލްސް އަކީ މަތިން އަންނަ ބޯޅަތަކަށް މޮޅު ޓީމެއް ކަމަށާއި އެހެންވެ ބެލްޖިއަމުން ކުޅެން ޖެހޭނީ ޕާސިން ގޭމެއް ކަމަށެވެ.
"އަހަރެމެން ޕާސިން ގޭމެއް ކުޅެގެން ކާމިޔާބުވާން އޮތީ. ވޭލްސް އަކީ މަތިން އަންނަ ބޯޅަތަކަށް މޮޅު ޓީމެއް. ވީހާ ވެސް ބޮޑަށް ތިރިން ކުޅެން ޖެހޭނީ. ވޭލްސްގެ ޖޭމްސް ކޮލިންސް އަކީ މި ޒަމާނުގެ ސްވީޕަރެއް. އަނެެއްކާ މުޅިން ފްރީކޮށް ކުޅޭ ވޭލްސްގެ ތިން ކުޅުންތެރިއަކު ތިބޭ. އެ ކުޅުންތެރިން ހުއްޓުވަން ޖެހޭނެ،" ވިލްމޮޓްސް ބުންޏެވެ.
ދެ ޓީމަށް ބަލާއިރު މަޝްހޫރު ތަރިން ގިނައީ ބެލްޖިއަމްގަ އެވެ. އެކަމަކު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ގަރެތު ބޭލް ހުރީ ވޭލްސްގަ އެވެ. ކޮލިފައިންގައި ބެލްޖިއަމް އަތުން ވޭލްސް މޮޅުވިއިރު ލަނޑު ޖެހީ ވެސް އޭނާ އެވެ. ބެލްޖިއަމްގެ ތަރިންގެ ތެރެއިން އެ ޓީމުގެ ކެޕްޓަން އެޑިން ހަޒާޑަށް އަނިޔާގެ މައްސަލައެއް ދިމާވި ނަމަވެސް އޭނާ މިހާރު ވަނީ ފިޓްވެފަ އެވެ. އެކަމަކު އަނިޔާގެ ސަބަބުން ޑިފެންޑަރު ޖޭން ވާޓޮންގެން އަށް މުބާރާތުގައި ދެން ނުކުޅެވޭނެ އެވެ.
މުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަޒާޑް ވަނީ ވޭލްސްއާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ބުނެފަ އެވެ.
"ވޭލްސްގެ ޑިފެންސް ވަރަށް ވަރުގަދަ. މޮޅު މިޑްފީލްޑަރުންނާ އެކު ފޯވާޑް ލައިނަށް ކުޅެން އެހެރީ ދުނިޔޭގެ ތަރިއެއް. އެންމެ ފަހުން އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އަހަރެމެންނަށް ފުރުސަތު ތަނަވަހެއް ނުކުރެވޭ. އުއްމީދުކުރަން މި ފަހަރު ހަމަލާ އުފައްދައި އަދި ލަނޑު ވެސް ޖެހޭނެ ކަމަށް،" ހަޒާޑް ބުންޏެވެ.
މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދަމު 00:00 ގަ އެވެ.