ނޯތު ކޮރެއާ އާއި އެމެރިކާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަނީ
ނޯތު ކޮރެއާ އާއި އެމެރިކާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަނީ

ބެއިޖިން (އޮކްޓޯބަރު 1) - ނޯތު ކޮރެއާއާ "ސީދާ ގޮތެއްގައި" މުއާމަލާތް ކުރަމުންދާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެއްޖެ އެވެ.

ޗައިނާ އަށް ކުރައްވާ ދަތުރުފުޅުގައި ޓިލަސަން ވިދާޅުވީ ނޯތު ކޮރެއާއާ ސީދާ ވާހަކަތަކެއް ފެށޭނެ ގޮތަކީ ކޮބައިތޯ އެމެރިކާ އިން ބަލަމުންދާ ކަމަށެވެ.

"ނޯތު ކޮރެއާއާ އެކު މުވާސަލާތީ ގުޅުމެއް އެބައޮތް. އަޅުގަނޑުމެން މިތިބީ އަނދިރި ހާލަތެއްގައެއް ނޫން،" ޓިލަސަން ވިދާޅުވި އެވެ.

އެމެރިކާ އާއި ނޯތު ކޮރެއާ އިން ދާދި ފަހުން ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. އެކަމަކު މި ދެ ގައުމުގެ މެދުގައި މުވާސަލަތީ ގުޅުމެއް އޮތްކަމެއް ކުރިއަކުން ނޭނގެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ފަހުން ވަނީ ޕިއޮންޔޮންއާ އެކު މުވާސަލާތީ ވަރަށް ގިނަ ޗެނަލްތައް ހުޅުވާފައިވާކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް އަދި ހޯދިފައި ވަނީ ކުޑަ ކުރިއެރުމެއް ކަމަށް ބުނެފައިވެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ހީތާ ނައުއޭޓް ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ މަޝްވަރާތަކަށް ތައްޔާރުކަން ނޯތު ކޮރެއާގެ އޮފިޝަލުންގެ ފަރާތުން ފާޅުކޮށްފައި ވަނީ ވަރަށް ކުޑަ ޝައުގުވެރި ކަމެއް ކަމަށެވެ.

އެމެރިކާ އިން ބޭނުން ވަނީ ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލާށެވެ. އަދި ޗައިނާ މެދުވެރިކޮށް ނޯތު ކޮރެއާ އަށް ފިއްތުންތައް ކުރިމަތި ކުރެވޭނެ ކަމަށް އެމެރިކާ އިން ގަބޫލް ކުރެ އެވެ. ޗައިނާ އިން މިދިޔަ ހަފުތާގައި ވަނީ އެ ގައުމުގައި ހިންގާ ނޯތު ކޮރެއާގެ ކުންފުނިތައް ބަންދު ކުރަން ނިންމައިފަ އެވެ.