01 އޮކްޓޯބަރ 2017 - 11:31

އޮގްސްބާގް (އޮކްޓޯބަރު 1) – ޖަޕާން މިޑްފީލްޑަރު ޝިންޖީ ކަގާވާގެ ލަނޑާ އެކު އޮގްސްބާގް އަތުން 2-1 އިން މޮޅުވެ ޖަރުމަން ލީގުގެ އެއް ވަނައިގައި ބޮރޫޝިއާ ޑޯޓްމަންޑުން މަގާމް ދަމަހައްޓައިފި އެވެ.
ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ ޑޯޓްމަންޑް އޮތީ 19 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި 14 ޕޮއިންޓާ އެކު އޮތް ހޮފެއިންހަމް އާއި 13 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ބަޔާން މިއުނިކް ކުޅެފައިވަނީ އެއް މެޗު މަދުންނެވެ.
އޮގްސްބާގުގެ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ހަތަރު ވަނަ މިނެޓުގައި ޑޯޓްމަންޑުގެ އެންޑްރީ ޔަމޮލެންކޯ ވަނީ ލީޑު ނަގައިފަ އެވެ. އޮގްސްބާގުން އެއްވަރުކުރީ 11 ވަނަ މިނެޓުގަ އެވެ. ޑޯޓްމަންޑް މޮޅުވި ލަނޑު މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިއާ ކަގާވާ ޖެހީ 23 ވަނަ މިނެޓުގަ އެވެ.
ލީގުގައި މިރޭ ފްރީބާގާ ދެކޮޅަށް ހޮފެއިންހެމް ނުކުންނައިރު ބަޔާން ނުކުންނާނީ ހާތާ ބާލިންއާ ދެކޮޅަށެވެ. މިއީ ބަޔާނުން ކޯޗުގެ މަގާމުން ކާލޯ އަންޗެލޮޓީ ވަކިކުރުމަށް ފަހު ކުޅޭ ފުރަތަމަ މެޗެވެ. އެ ޓީމުން ކޯޗު ވަކިކުރީ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ފްރާންސުގެ ޕީއެސްޖީ އަތުން 3-0 އިން ބަލިވި މެޗުގަ އެވެ. މިރޭ އެ ޓީމަށް ކޯޗުކޮށްދޭނީ އެސިސްޓަންޓް ކޯޗު ވިލީ ސެންޔޯލެވެ.