އެޓްލާންޓިކް މަތިން އެއާ ފްރާންސްގެ ބޯޓެއްގެ އިންޖީން ފޭލްވެއްޖެ
އެޓްލާންޓިކް މަތިން އެއާ ފްރާންސްގެ ބޯޓެއްގެ އިންޖީން ފޭލްވެއްޖެ

ލޮސް އެންޖަލްސް (އޮކްޓޯބަރު 1) - އެޓްލާންޓިކް ކަނޑުގެ މަތިން ދަތުރު ކުރަމުން ދަނިކޮށް އެއާ ފްރާންސްގެ މަތިންދާ ބޯޓެއްގެ އެއް އިންޖީނު ފޭލްވުމުން ބޯޓުގެ މިސްރާބު ކުއްލިއަކަށް ބަދަލުކޮށް ކެނެޑާގައި ޖައްސައިފި އެވެ.

އެޓްލާންޓިކް މަތިން އެއާ ފްރާންސްގެ ބޯޓެއްގެ އިންޖީން ފޭލްވެއްޖެ
އެޓްލާންޓިކް މަތިން އެއާ ފްރާންސްގެ ބޯޓެއްގެ އިންޖީން ފޭލްވެއްޖެ

އެއާބަސް އޭ380 ގެ ފްލައިޓް އޭއެފް66 ގެ ހަތަރު އިންޖީނުގެ ތެރޭން އެއް އިންޖީނު ފޭލްވީ އެމެރިކާގެ ލޮސް އެންޖަލްސް އިން ފުރައިގެން ފްރާންސްގެ ޕެރިހަށް ދަތުރު ކުރަނިކޮށް، ގްރީންލެންޑުގެ ހުޅަނގުންނެވެ. މި ހާދިސާގައި ބޯޓުގައި ތިބި 496 ޕަސިންޖަރުންނާއި 24 ފަޅުވެރިންގެ ތެރޭން އެކަކަށް ވެސް ގެއްލުމެއް ނުލިބެ އެވެ.

ބޯޓުން ދަތުރު ކުރި ކުރީގެ އެއާކްރާފްޓް މެކޭނިކެއް ކަމަށްވާ ޑޭވިޑް ރެހްމާ ބީބީސީ އަށް ބުނީ އޭނާގެ އޮބްޒަވޭޝަންތަކަށް ބަލާއިރު ލަފާކުރެވެނީ އިންޖީނުގެ ބުރަފައްޗެއް ފޭލްވީ ކަމަށެވެ. އޭނާ ބުނީ ބާރު އަޑަކާ އެކު ކުއްލި ލޮޅުމެއް ބޯޓަށް އެރި ކަމަށެވެ. އަދި އެއީ އިންޖީނު ފޭލްވެގެން އެރި ލޮޅުމެއް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ރެހްމާ ބުނީ އެއީ ދޫންޏެއް ޖެހިގެން ހިނގި ހާދިސާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. ސަބަބަކީ އެހާ މަތިން ދޫނި އުދުހިދާނެ ކަމަށް ނުބެލެވޭތީ އެވެ.

އިންޖީން ފޭލްވުމާ އެކު ޕައިލެޓުން ވަނީ އެ އިންޖީނު ނިއްވާލައިފަ އެވެ. އަދި ތިން އިންޖީނުގައި ގަޑިއެއްހާ އިރު ދަތުރު ކުރުމަށް ފަހު ވަނީ ކެނެޑާގެ އިރުމަތީގެ ލެބްރާޑޯގެ ގޫޒް ބޭ އެއާޕޯޓުގައި ސަލާމަތުން ޖައްސައިފަ އެވެ. އެކަމަކު އެއީ އެއާބަސް އޭ380 ގެ ބޮޑެތި ބޯޓު ފަހަރު ހޭންޑްލް ކުރެވޭ ވަރުގެ އެއާޕޯޓަކަށް ނުވާތީ ޕަސިންޖަރުން ގިނަ އިރު ބޯޓުގައި ތިބެން ޖެހުނެވެ.

ބައެއް ޕަސިންޖަރުން ނެގި ފޮޓޯތަކުން ފެންނަ ގޮތުގައި އިންޖީނުގެ ކަވަރުވަނީ އެކުގައި ހަލާކުވެފަ އެވެ.

އެއާ ފްރާންސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޯޓުގެ އެއް އިންޖީނަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އަދި އެ ވަގުތު ބޯޓުގެ ކްރޫން އަމަލުކޮށްފައި ވަނީ އެންމެ ފުރިހަމަ އަށް ކަމަށް ބުނެފައިވެ އެވެ.