ކެޓަލޯނިއާގެ ވޯޓުލާ މަރުކަޒުތައް ފުލުހުން ބަންދުކޮށްފި
ކެޓަލޯނިއާގެ ވޯޓުލާ މަރުކަޒުތައް ފުލުހުން ބަންދުކޮށްފި

ބާސެލޯނާ (އޮކްޓޯބަރު 1) - އަމިއްލަ ގައުމެއްގެ ގޮތުގައި މިނިވަންކަން އިއުލާންކުރަން ފެނޭތޯ ބެލުމަށް ކެޓަލޯނިއާގައި މިއަދު ވޯޓު ނަގަން ހަމަޖެހިފައިވާ މަރުކަޒުތައް ސްޕޭން ފުލުހުން ބަންދުކޮށްފި އެވެ.

ކެޓަލޯނިއާގެ ވޯޓުލާ މަރުކަޒުތައް ފުލުހުން ބަންދުކޮށްފި
ކެޓަލޯނިއާގެ ވޯޓުލާ މަރުކަޒުތައް ފުލުހުން ބަންދުކޮށްފި

ސްޕޭނުގެ އިރު އުތުރުގެ ކެޓަލޯނިއާގައި ރައްޔިތުން ހުކުރު ދުވަހުން ފެށިގެން ވަނީ ވޯޓު ފޮށިތައް ކައިރިއަށް ޖަމާވާން ފަށައިފަ އެވެ. ބައެއް މީހުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ރޭ ވެސް ހޭދަކުރީ ވޯޓު ފޮށިތައް ކައިރީގަ އެވެ.

ސްޕޭނުގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ވޯޓު ފޮށިތައް ބަހައްޓާފައި ހުރި ސަރުކާރުގެ ގިނަ އިމާރާތްތައް ބަންދުކޮށްފައިވާ ކަމަށެވެ. މެޑްރިޑުގައި ގާއިމްކޮށްފައިވާ މައި ސަރުކާރުން ބުނީ 2،315 ސްޓޭޝަނުގެ ތެރޭން 1،300 ތަން ބަންދުކޮށްފައިވާ ކަމަށެވެ.

ކެޓަލޯނިއާގައި ހުންނަ ސްޕޭނުގެ އެންމެ އިސް އޮފިޝަލް އެންރިކް މިއްލޯ ވިދާޅުވީ ފުލުހުން ވޯޓު ވޮށިތައް ބަންދުކުރި އިރު 163 ސްކޫލެއްގައި ބެލެނިވެރިންނާއި ދަރިވަރުން ހަރަކާތްތައް ހިންގަމުންދިޔަ ކަމަށެވެ.

ބާސެލޯނާގެ ސްކޫލެއްގައި ހުރި ކެޓަލޯނިއާގެ މިނިވަން ކަމަށް ކެމްޕޭން ކުރާ ސަޕޯޓަރަކު ބުނީ ބޮޑެތި މީހުންނާއި ކުޑަ ކުދިން، ސްކޫލްތަކުގައި ޖިމް މެޓްތަކާއި ސްލީޕިން މެޓްތަކުގައި ނިދާތާ ދެ ދުވަސްވެފައިވާ ކަމަށެވެ.

ފުލުހުންނަށް އަންގާފައި ވަނީ ބާރުގެ ބޭނުން ނުކޮށް ސްކޫލްތައް ހުސް ކުރުމަށެވެ. މިއްލޯ ވިދާޅުވީ ހެނދުނު 6:00 ގެ ފަހުން ސްކޫލްތަކުގައި ތިބޭ މީހުން ކޯޓު އަމުރާ އެއްގޮތަށް ސްކޫލްތަކުން ނެރޭނެ ކަމަށެވެ.

ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުއިގްޑެމޮންޓް ވިދާޅުވީ ކިތަންމެ މަދު ބަޔަކު ވޯޓުލީ ނަމަވެސް މިނިވަން ކަމަށް އާނ ބަސް ބުނެފި ނަމަ އަންގާރަ ދުވަހު މިނިވަންކަން އިއުލާން ކުރާނެ ކަމަށެވެ.

- ސްޕޭނުގެ އާބާދީގެ 16 ޕަސެންޓް ދިރިއުޅެނީ ކެޓަލޯނިއާގައި

- ސްޕޭނުގެ އެކްސްޕޯޓުގެ 25.6 ޕަސެންޓަކީ ކެޓަލޯނިއާގެ ތަކެތި

- ސްޕޭނުގެ ޖީޑީޕީގެ 19 ޕަސެންޓް އުފައްދަނީ ކެޓަލޯނިއާގައި

- ސްޕޭނުގެ ބޭރުގެ އިންވެސްޓްމަންޓުގެ 20.7 ޕަސެންޓް ދަނީ ކެޓަލޯނިއާ އަށް