"ކެޓަލޯނިއާ މައްސަލައިގައި ބާސެލޯނާ އަށް ގެއްލުމެއް ނެތް"
"ކެޓަލޯނިއާ މައްސަލައިގައި ބާސެލޯނާ އަށް ގެއްލުމެއް ނެތް"

ބާސެލޯނާ (އޮކްޓޫބަރު 1) - ސްޕެއިނުން ވަކިވެ ކެޓަލޯނިއާ ވަކި ދައުލަތަކަށް ހެދުމަށް މިއަދު ނަގާ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ބާސެލޯނާގެ ފުޓްބޯޅަ ޓީމަށް އަށް އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކެޓަލޯނިއާގައި ވަކި ދައުލަތަކަށްވާން ނަގާ ވޯޓު ފާސްވެއްޖެނަމަ ސްޕެނިޝް ލީގުން ބާސެލޯނާ ވަކިވާނެ އެވެ. އަދި އެ އަށް ފަހު ބާސެލޯނާ ފްރެންޗް ލީގު ނޫނީ އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވެދާނެ ކަމަށް ބުނެ ވަނީ މީޑިއާގައި އަޑުފެތުރިފަ އެވެ. އެހެން ނަމަވެސް ސްޕެނިޝް ލީގުގެ އޮފިޝަލަކާ ހަވާދީ ރިޕޯޓްތައް ބުނާ ގޮތުގައި ކެޓަލޯނިއާ ވަކި ދައުލަތަކަށް ވިޔަސް ބާސެލޯނާ އަށް ލަލީގާގައި ވާދަކުރެވޭނެ އެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ކުޅޭ ފަހު މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅޭނެ އެވެ. ވަލްވޭޑޭ ބުނީ ބާސެލޯނާގެ ހުރިހާ ވިސްނުމެއް ހުރީ ކަޓަލޫނިއާ ވޯޓަކަށް ނޫން ކަމަށާއި މިރޭގެ މެޗަށް ކަމަށެވެ.

"ކެޓަލޯނިއާ ވޯޓަކީ މި ސަރަހައްދަށް ވަރަށް މުހިއްމު ކަމެއް. އެކަމަކު ބާސެލޯނާ ކުޅުންތެރިން މާ ބޮޑަށް އެކަމަކަށް ނުވިސްނާ. ކުޅުންތެރިންގެ ވިސްނުން ހުރީ ލަސް ޕަލްމަސް މެޗަށް. އިންޓަނޭޝަނަލް ބްރޭކަށް ދާއިރު އެއް ވަނަ މަގާމު ދަމަހައްޓަން ވަރަށް މުހިއްމު މި މެޗުން މޮޅެއް ހޯދުން،" ވަލްވޭޑޭ ބުންޏެވެ.

ބާސެލޯނާގެ ތޯމަސް ވާމެލަން އާއި އާޑާ ޓުރާން މި ސީޒަނުގައި މިހާތަަނަށް މެޗެއް ކުޅެފައިނުވާއިރު، އެންމެ ފަހުން ކުޅުނު މެޗުތަކުގައި ޖެރާޑް ޑެލަފޭއު ވެސް ބޭނުމެއް ނުކުރެ އެވެ. ވަލްވޭޑޭ ބުނީ އެ މެޗަކަށް ނަގާނީ އިދިކޮޅަށް ނުކުންނަ ޓީމަށް ބަލައިގެން މެޗަށް ބޭނުންވާ އެންމެ މުހިއްމު ކުޅުންތެރިން ކަމަށެވެ.

"ޓީމުގައި 24 ކުޅުންތެރިންގެ ސްކޮޑެއް އެބައޮތް. މި ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ނުދެވޭނެ. މެޗަށް ނަގާ ސްކޮޑުގައި 18 ކުޅުންތެރިން ހިމެނޭއިރު ކޮންމެ ވެސް ބައެއް ބާކީވުން އެކަށީގެންވޭ،" ވަލްވޭޑޭ ބުންޏެވެ.

އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އަށް އިތުރު ކުޅުންތެރިން ގަންނަން ބޭނުންވާ ކަމަށް ވަލްވޭޑޭ ވަނީ ބުނެފަ އެވެ. ލަސް ޕަލްމާސް އާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ 19:15 ގަ އެވެ.