އެކަނިވެލީމާ ހިތުގައި ރިހުމެއް އުފެދޭ
އެކަނިވެލީމާ ހިތުގައި ރިހުމެއް އުފެދޭ

އިސްތަށިގަނޑުގެ ބައެއް ހިސާބުގައި ހުރީ މަޑު މުށިކުލައެވެ. އަލި މުށިކުލައެއް ހުރި ތަންތަން ވެސް ހުއްޓެވެ. ތުންފަތުގައި ޖައްސައިފައިހުރީ ވަރަށް މަޑުމަޑު ފިޔާތޮށިކުލައެކެވެ. އެސްފިޔަތައް ކަޅުވެފައި ދިގެވެ. އަތުގެ ދިގު ނިޔަފަތިތަކުގައި ހުރީ ކަޅުކުލައެވެ. އަތުގައި އޮތީ އެންމެ ފަހުގެ ފޯނެކެވެ. ކޮނޑުގައި އޮތް އަތްދަބަހުން އަރާ އޮފު ގަދަވެފައި ނަލައެވެ. ލައިގެންހުރި ހެދުމާއި އަރައިގެން ހުރި ފައިވާނުގެ ވާހަކަ ދައްކާނެކަމެއް ނެތެވެ. ހައްތާ ވެސް އަހަރެން ބޭނުން އެއްޗެއްސެވެ. އާތިފާދައްތައަކީ އަހަރެން ވާން ބޭނުންވާ މީހާއެވެ. ނަމޫނާއަކަށް އަހަރެން ބަލާ ދައްތައެވެ. އަހަރެން ބަލަންހުރިތަން ފެނިފައި ދައްތަ އައިސް އަހަރެންގެ ކޮލުގައި ހިފައިލިއެވެ. ދަބަހަށް އަތްކޮށްޕައިލައިފައި ލިޕްސްޓިކެއް ނަގައި ދިއްކޮށްލިއެވެ.

"ބުނީމެއްނު މި ކުލައޭ ބޭނުމީ،" ތުންފަތް ދައްކާލައިފައި އާތިފާދައްތަ ބުންޏެވެ. "ހަމަ މީގެ އެއްޗެއް މި ގެނައީ."

އަހަރެންނަށް ލިބުނު އުފަލުގެ ކޮޅެއް ނެތެވެ. ލިޕްސްޓިކު ހިފައިގެން ދުއްވައިގަތްއިރު ޝުކުރުއަދާކުރަން ވެސް ހަނދާނެއް ނެތެވެ. ފަހުން ހަނދާންވެގެން ދުވެފައި އައިސް އާތިފާދައްތަ ގައިގައި ބައްދާލައިފައި އެތެރެއަށް ވަނީމެވެ. ކޮޓަރިއަށް ވަދެ ލޯގަނޑު ކައިރިއަށް ހުއްޓިފައި ތުންފަތުގައި ލިޕްސްޓިކު ޖައްސައިލީމެވެ. އަހަރެން ހީވީ އެހެން ކުއްޖަކަށް ބަދަލުވިހެންނެވެ.

"ވަރަށް ލޯބި!" ދުރުގައި ބަލަންހުރި އާތިފާދައްތަ ބުނި އަޑު އިވުނެވެ.

އަހަރެން އަނެއްކާ ވެސް ދުވެފައި ގޮސް އާތިފާދައްތަ ގައިގައި ބައްދައިލީމެވެ. ދައްތަ ގައިން ދުވި މީރުވަސް އިހުސާސް ކުރެވުނީ އެ ވަގުތުއެވެ. އަހަރެންގެ ހިތް ބުންޏެވެ. އެ ސެންޓުގެ އަގު ހެވެއް ނުވާނެއެވެ. ދައްތަ އިނދެގެން އުޅެނީ މާލޭގެ މުއްސަންޖަކާއެވެ. ގިނަ އެއްޗެހި ގެންނަނީ ބޭރުން އޯޑަރުކޮށްގެންނެވެ. ވަގުތީގޮތުން ވެސް ދިރިއުޅެނީ ގެއެއްގެ ހަތްވަނަ ފަންގިފިލާގައެވެ. ސައިކަލު ގަންތާ މަހެއް ނުވެއެވެ. ބޭނުން ކޮންމެ ރެސްޓޯރަންޓަކަށް ވަދެއެވެ. މޫނު ރީތިކުރަން ކަމެއް ނުކުރާ ހަފުތާއެއް ނުދެއެވެ. އާތިފާދައްތަ އުޅެނީ ހުވަފެނީ ދުނިޔެއެއްގައެވެ.

"އަޅެ ދައްތާ މަ ވެސް ބޭނުން މާލެދާން،" އަހަރެން ބުނީމެވެ. "ތިއްތައްތަ ގޭގަ ވެސް ހުރެދާނަމޭ. ނިދިއައީމަ ދެން ކޮންމެވެސް ތާކު ނިދާނީ. އޯކޭވާނެ."

"މި މަންޖެ މަ މޮޔަކޮށްލާނެ،" ހީނގެންފައި އާތިފާދައްތަ ބުންޏެވެ. "ހުންނާނެ ތަނެއް ނޫނޭ މައްސަލައަކީ. ބުނީމެއްނު ބޭބެގެ ގެ ހަދާތީ އަހަރުމެން މި އުޅެނީ އެހެން ތަނެއްގައޭ. އެ ތަނުގައި ހުރެވޭނެ. ކިޔެވުމަށް ހަދާނީ ކިހިނެއް؟ މީ ޗުއްޓީއެއް ނޫނެއްނު."

"ތެންކިޔޫ ތެންކިޔޫ!" އަހަރެން ދުއްވައިގަތީ ފޮށްޓަށް އެއްޗެހި އަޅާށެވެ. "ޓެން މިނިޓްސް އިނގޭ."

އަހަރެން ފޮށި ހިފައިގެން އައިއިރު ޅިޔަނު ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ. ޙަޤީޤަތުގައި، އަހަރެން ފުރަންއުޅޭ ކަމެއް މައިންބަފައިންނަކަށް ނޭނގޭނެއެވެ.

"ބަލަ މަންމަ ގާތުގަ ބުނެ ވެސް ނުލާތަ ފުރަނީ؟" އާތިފާދައްތަ ސުވާލުކުރިއެވެ.

ޅިޔަނު އެ ކަމާ ހަވާލުވިއެވެ. އަހަރެންދެކެ ޅިޔަނު ވަރަށް ލޯބިވެއެވެ.

"މަ އެ ކަން ހަމަޖައްސާނަން،" ޅިޔަނު ހަމަޖެހިލައިފައި ބުންޏެވެ. "މި ފަހަރު އޭނަ ގޮވައިގެން ދާންވާނީ."

އަހަރެންނަށް މާލެ އާދެވުނީ ޅިޔަނު ކުރި މަސައްކަތުންނެވެ. އެ ދަތުރަކީ، ކުއްލިއަކަށް ހަމަޖެހުނު ދަތުރެކެވެ. މީހުންނަށް ހީވާނީ އެހެންނެވެ. އެހެންނަމަވެސް، އެ ދަތުރަށް އަހަރެން ތައްޔާރުވާތާ އެތައް މަހެއް ވެއްޖެއެވެ. ކުޑަކުދިންނަށް ޓިއުޝަންދީގެންނާއި، ހަދިޔާއަށް ލިބޭ ހުރިހައި ފައިސާއެއް އަހަރެން ރައްކާކުރީ އެ ހިފައިގެން ކަށްވަޅަށް ދާކަށް ނޫނެވެ. މީހުންނަށް އަހަރެން ފެންނާނީ، ސޭކުގޮތެއް ހުންނަ ފުރާވަރުގެ ކުއްޖެއްގެ ސިފައިގައެވެ. އަހަރެން ތައްޔާރުވެގެން ހުރި ވަރެއް އެކަކަށް ވެސް ނޭނގޭނެއެވެ.

އާތިފާދައްތަ ވަރަށް ހޫނު މަރުޙަބާއެއް އަހަންނަށް ކިޔެވެ. ކިޔަވަން މާލޭގައި ހުރުމަށް އެދުނެވެ. ރަނގަޅު އިސްކޫލަކުން ޖާގަ ހޯދައިދޭނެކަމާއި، ކިޔަވާ މުއްދަތުގައި އަދާކުރެވޭނެ ވަގުތީ ވަޒީފާއެއް ވެސް ހޯދައިދޭނެކަމަށް ވަޢުދުވިއެވެ. އަހަރުމެން ވާހަކަދައްކަން ތިއްބައި ޅިޔަނު ވަނެވެ. ޅިޔަނު ބޭނުންވީ އަހަންނަށް ކޮޓަރިއެއް ހުސްކުރާށެވެ. އާތިފާދައްތަ އުޅެނީ ތިން ކޮޓަރީގެ ތަނެއްގައެވެ. ދެމަފިރިންނާއި ދަރިފުޅަށް ބޭނުންކުރަނީ ދެ ކޮޓަރިއެވެ. ތިންވަނަ ކޮޓަރީގައި ހުރީ ގެންގުޅޭ ބޭކާރު ސާމާނުތަކެވެ.

"އަހަރެންގެ ފަހަރިއަށް ކޮޓަރިއެއް ހުންނަންޖެހޭނެ!" ޅިޔަނު ބުންޏެވެ.

އަހަންނަކީ އެންމެން ވެސް ލޯބިވާ ކަހަލަ ސިފައެއް ލިބިފައިވާ އަންހެންކުއްޖެކެވެ. އަހަރެންގެ ހިނިތުންވުމާއި ކަޅިރަވައިގެ ޖާދޫ ފަތުރައިލަން މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ. ތޫނު އެންމެ ބަލައިލުމަކުން ހިތުގެ ނާރުތަކާ ކުޅެލެވޭކަން އަހަންނަށް އެނގެއެވެ. ރަކިރަކި އެންމެ ހިނިތުންވެލުމަކުން ހިތުގެ މިސްރާބު ބަދަލުކޮށްލެވޭކަން އަހަރެން ދަންނަމެވެ. ހުސްހަށިބަޔަށް އަހަރެން ހުރީ ދަޢުވަތު ނުލިބޭތީއެއް ނޫނެވެ. ވަގުތު ނުޖެހޭތީއެވެ.

"އަދި އިހަށް ތި ހިސާބަށް ނުވިސްނަބަލަ!" އަހަރެން ބުނީމެވެ. "ކަމެއްވާކަށް ނުނަގާނެ މާ ގިނަ ދުވަހެއް."

އަހަރެން ބުނި އެއްޗެއްގެ މާނަ އެކަކަށް ވެސް ނުވިސްނުނެވެ. އަތުގައި ހުރި ފައިސާ ޚަރަދުކޮށްގެން އަހަރެން އިސްތަށިގަނޑުގައި ކުލަޖައްސައިލީމެވެ. ރީތި ދެތިން ހެދުމެއް ގަތީމެވެ. މޫނުގެ އަލިކަން އިތުރަށް ގަދަކުރީމެވެ. މީރުވަސްދުވާ ސެންޓުފުޅިއަކާއި، ފައިވާނެއް ގަތީމެވެ. ކުރުކޮށް ބުނާ ނަމަ، އާތިފާދައްތައަކަށް އަހަރެން ވީމެވެ. ފައިގެ ބޮޑުވައިއިނގިލިން ފެށިގެން ނިތްކުރިޔާ ހަމައަށެވެ.

އާތިފާދައްތައަކީ ގިނަ ވަގުތު ބޭރުގައި އުޅޭ މީހެކެވެ. ދަރިފުޅުބަލަން ގޭގައި އިންނަނީ ޅިޔަނެވެ. އަހަރެން ވަރަށް ފަރުވާތެރިކަމާ އެކުގައި ދާގަނޑު ފަތުރައިލީމެވެ. ދަންތުރަ ވެސް ޖެހީމެވެ. ބެދޭމަޅިއާއި ކަށިނަރު ވެސް އެތުރީމެވެ. ގޭގެ އެކި ތަންތަނުގައެވެ. ފުރަތަމަ ފުރުޞަތު އަހަންނަށް ލިބުނީ ސިޑިމަތިންނެވެ. އަހަރެން މައްޗަށް އެރިއިރު އޭނަ ފައިބަނީއެވެ. ސިޑި ހަނިކަމުން، އެކަކު ތަންދެއްކީމައި ނޫނީ އަނެކަކަށް ޖާގައެއް ނުލިބޭނެއެވެ. އަހަންނަށް ތަންދައްކަންވެގެން އެ ތަނުގައި ހުރި ފާރަށް އޭނަ ބަދަލުވިއެވެ. އަހަރެން ބަދަލުވީ ފިއްސަކަށެވެ. އެ ފިހިވަޅު ހިތުގައި އުމުރަށް ހަރުލައްވައިފައި އަހަރެން ސިޑިން މައްޗަށް އެރީމެވެ. ފަސްއެނބުރި ބަލައިލީމެވެ. އޭނަ ހުރީ ހިލަގަނޑަކަށް ވެފައެވެ. އަހަރެންގެ ލޮލުގެ އަލިފާނުން އޭނަ ވިރުވައިލައިފައި ދިޔައީމެވެ. ފެށުމަކަށް އެ ވަރު ފުދޭވަރު ވިއެވެ.

ޔުމްނާއަށް ވަރުގަދަ ރޯގާއެއް ޖެހުނެވެ. ބޭސްކޮށްކޮށް ފަސޭހައެއް ނުވިއެވެ. ޔުމްނާއަކީ އާތިފާދައްތަގެ ދަރިފުޅެވެ. ޅިޔަނު ބޭނުންވީ ޔުމްނާ ގޮވައިގެން ރާއްޖެއިން ބޭރަށް ފުރާށެވެ. އެކުގައި އަހަރެން ވެސް ގެންދަން އެ މީހުން ބޭނުންވިއެވެ. އަހަރެން އެއްބަހެއް ނުވީމެވެ. އަހަރެން މާލޭގައި ބެހެއްޓިޔަސް އަހަންނަށް އުޅެވޭނެއެވެ. ކޮންމެވެސް ވަރަކަށް ކައްކަން އެނގެއެވެ. ގެ ބަލަހައްޓަން ވެސް އެނގެއެވެ. ވަރަށް ބޮޑަށް މަޝްވަރާކުރުމަށް ފަހު، އަހަރެން ބަހައްޓައިފައި ދާން ޅިޔަނު އެއްބަސްވިއެވެ. ކުއްލިއަކަށް ކަމެއް ދިމާވެއްޖެއްޔާ ގުޅާނެ ނަންބަރެއް ވެސް ޅިޔަނު ދިނެވެ.

ގޭގެ އެންމެން ފުރުމުން އަހަރެން ވަރަށް އެކަނިވިއެވެ. ރަށުގައި އުޅުނުއިރު ވެސް، އެކަނިވެރިކަމަކީ އަހަރެންގެ ހިތުގައި ރިހުމެއް އުފެދޭ ކަމެކެވެ. މާލޭގައި އުޅެންޖެހުނީ ރަށަށް ވުރެ ފުރިހަމަ ތަނެއްގައެވެ. ފޫހިފިލުވާނެ ވަސީލަތްތައް ވެސް ހުއްޓެވެ. ދެ ފިކުރެއްގައި ހިނގަމުން އައިސް ބޮޑުކޮޓަރީގައި ހުރި ސޯފާގައި އަހަރެން އިށީނދެލީމެވެ. ޓީވީ ހުޅުވާހިތެއް ނުވިއެވެ.

"ޓީވީގެ ރިމޯޓު މަސައްކަތެއް ނުކުރޭ!" ދެރަވެފައިވާ މޫނެއް ޖަހައިފައި އަހަރެން މެސެޖެއް ލިޔެލީމެވެ. "މިހާރު ކަރަންޓެއް ވެސް ނެތް. ވަރަށް ބިރުގެންފަ އެކަނިމާއެކަނި ގޭގަ މީނީ."

ވަގުތުން ޖަވާބު އައެވެ. އަހަރެން ދުވެފައި ގޮސް ހެދުން ބަދަލުކޮށްލައި ތައްޔާރުވީމެވެ. ހުރިހައިތަނެއް ނިއްވައިލީމެވެ. އެންމެ ބޮތްކެއް ފިޔަވައެވެ. އަހަރެން އަލިކުރީ ހަމައެކަނި އަހަރެންގެ މޫނަށެވެ. އަދި ދޮރުފޮތިގަނޑު ބިއްދޮށަށް ވަދެ ނިވައިވީމެވެ. އިރުކޮޅެއް ނުވެ ދޮރުގައި ޓަކިދިނެވެ. ވަނުމަށް އެދި އަހަރެން މެސެޖެއް ފޮނުވީމެވެ. ދޮރު ހުޅުވުނެވެ. އަހަރެން ސިއްރުން ބަލަން ހުރީމެވެ. އޭނަ ވަދެފައި ދޮރު ލެއްޕިއެވެ. އަހަރެންގެ މޫނު ނޫން ތަނެއް އޭނައަކަށް ނުބެލުނެވެ.

"މި ތާ ކަރަންޓު އެބަ ހުއްޓެއްނު!" އޭނަ ބުންޏެވެ.

"މިހާރަކު ނެތެއްނު!" ސުވިޗު ނިއްވައިލަމުން އަހަރެން ބުނީމެވެ.

ޔުމްނާގެ ބޭސްފަރުވާގެ ކަންތައް ނިންމައިފައި އާތިފާދައްތަ އައިއިރު، ގޭގައި ހުސްވެފައިހުރި އެޕާޓުމަންޓު ރީތިކުރަނީއެވެ. އެއީ ކުރާ ކަމެކެވެ. އަލުން ކުއްޔަށްދިނުމުގެ ކުރިން މަރާމާތުކުރަން ޖެހެއެވެ. އެކަމަކު، އެ ތަން އާދަޔާ ޚިލާފަށް ރީތިކުރިއެވެ. ޅިޔަނަށް އެ މަންޒަރު ފެނިގެން އައިސް އާތިފާދައްތަ ގާތުގައި އެ ވާހަކަ ދެއްކިއެވެ. އަހަރެން އިނީ ޔުމްނާއަށް ކާންދޭށެވެ. އާތިފާދައްތަގެ ފޯނު ރަނގަބީލުވިއެވެ.

"ބައްޕަ ކީއްވެގެން މި ގުޅަނީ؟" އާތިފާދައްތަ ބުނެލި އަޑު އިވުނެވެ.

ދައްތަ ފޯނު ނެގިއެވެ. އަހަރެންގެ ހިތުގެ ވިންދު މަޑުމަޑުން އަވަސްވިއެވެ.

"އަސްލު ވެސް ބައްޕަމެން މާލެއަށް ބަދަލުވަނީ؟" ވަރަށް އުފާވެފައި އާތިފާދައްތަ ބުންޏެވެ. "ތިބެނީ މި ގޭގައޭ؟"

އަހަރެން ނޭވާ ހިފަހައްޓައިލައިގެން އިނީމެވެ. ބިރަކުން ނޫނެވެ. އުފަލުންނެވެ.

"އޭނ؟ މި ގޭގެ ވެރިމީހާ ޝަކީބު؟" ވަރަށް ހައިރާންވެފައި ދައްތަ ބުނި އަޑު އިވުނެވެ.

ވާހަކަދައްކައި ނިމިގެން މޭޒުމަތީގައި ފޯނު ބާއްވައިފައި އާތިފާދައްތަ ބަލަހައްޓައިގެން އިނީ އަހަންނާ ދިމާއަށްކަން އަހަންނަށް ކަށަވަރުވިއެވެ. ބޭނުން ނަމަ ނޭނގޭކަމަށް ހެދިގެން އަހަންނަށް އިނދެވުނީހެވެ. އެކަމަކު، ވަރަށް ސާބިތުކަމާ އެކުގައި އަހަރެން ބަލައިލީމެވެ. ހިނިތުންވެލީމެވެ. ފަޚުރުވެރިކަމާ އެކުގައި ބޯޖަހައިލީމެވެ.

ރަސްމިއްޔާތު ކިތަންމެ ކުޑަ ނަމަވެސް، ޝަކީބުގެ ހަގު އަންބަކަށް އަހަރެން ވީމެވެ. އަހަންނަށް ވުރެ އުމުރުން ދޮށީ ދެ ކުދިންގެ ދޮންމަންމައަކަށް އަހަރެން ވީމެވެ. އެ ކަމާ އެކަކު ވެސް އަހަންނަށް ހަމްދަރުދީ ފާޅުކުރާނެކަމެއް ނެތެވެ. ޢާއިލާއެއް ރޫޅާލުމުގެ ޒިންމާ އަހަރެންނެއް ނުއުފުލާނަމެވެ. އަހަރެން ބޭނުން ނަމަ ޝަކީބުގެ ދޮށީއަނބި ވަރިކުރަން ވެސް ޝަކީބު ހުރީ ތައްޔާރަށެވެ. އެ ކަން ނުކުރީ އަހަރެން އެދުނީތީއެވެ. މީހުންނަކަށް އެ ކަމެއް ނޭނގޭނެއެވެ.

ބޭނުމެއް ނެތް ކަމެއް އެކަކު ވެސް ނުކުރާނެވެ. އަހަރެންގެ ނަޒަރުގައި، ކޮންމެ ކައިވެންޏަކީ ވެސް ޒާތެއްގެ ވިޔަފާރިއެކެވެ. ޒަވާޖީހަޔާތެއް ފަށަނީ އުންމީދުތަކަކާ އެކުގައެވެ. އުފަލުގައި ދިރިއުޅުމަކީ ކޮންމެ މީހެއްގެ ވެސް ހުވަފެނެކެވެ. ހުވަފެން ޙަޤީޤަތަކަށް ހެދީތީ އަހަރެން ކުށްވެރި ނުކުރާށެވެ. ތަނަވަސްކަން އަހަރެން ހޯދީ އެކަށީގެންވާ ވަރުގެ ބޮޑު އަގެއް އަދާކޮށްފައެވެ.

ނިމުނީ