01 އޮކްޓޯބަރ 2017 - 08:14

"ސެމްސަންގް ގިއާ ފިޓް 2 ޕްރޮ" އަކީ "ފިޓްނެސް ޓްރެކާ"އެކެވެ. މިއީ، ސެމްސަންގުން ބުނި ގޮތުގައި، އައިފޯން އަދި އެންޑްރޮއިޑް ފޯނުތަކާ ވެސް ގުޅުވާލެވޭ އާލާތެކެވެ. އެކަމަކު އައިފޯނުގައި މަސައްކަތްކުރާނެ ކަމަށް ބަލައި، މި ޑިވައިސް ގަތުން އަދި ބުއްދިވެރި ނޫނެވެ. މަސްރަހު ދިރާސާކުރާ މީހުން ދޭ ނަސޭހަތަކީ ވެސް މި އެވެ.
އެޕަލް ފިޔަވައި އެހެން ކުންފުންޏަކުން އުފައްދާ ހާޑްވެއާ އަދި ސޮފްޓްވެއާ، އައިފޯނުގައި ބޭނުންކުރެވެނީ އެޕަލް އިން ހުއްދަ ދިނުމުން، ހުއްދަ ދިން އިރަކުންނެވެ. ސެމްސަންގް ގިއާ ފިޓް 2 ޕްރޮ އަށް ވެގެން އުޅެނީ ވެސް މި ކަހަލަ ގޮތެކެވެ. މި ޑިވައިސް އައިފޯނާ ގުޅުވާލުމަށް ބޭނުންވާ "ޑްރައިވާ އެޕްލިކޭޝަން" އަށް އެޕަލް އިން އަދި ހުއްދައެއް ނުދެ އެވެ.
އައިފޯނުގައި މަސައްކަތްކުރާ ގޮތަށް ސެމްސަންގުން ފިޓްނެސް ޓްރެކާ އުފެއްދި ނަމަވެސް، އައިފޯނު ބޭނުންކުރާ މީހުންނަކަށް އެ އުފަލެއް އަދި ނެތެވެ. ސެމްސަންގް ގިއާ ފިޓް 2 ޕްރޮ ބޭނުންކުރަން އެދޭ ނަމަ، މި ވަގުތަށް އޮތް ހައްލަކީ އެންޑްރޮއިޑް ފޯނެއް ހޯދުމެވެ.
މިއީ ހައިޓެކް ޒަމާނުގައި "ތާޑް ޕާޓީ" ކުންފުނިތަކަށް އެޕަލް އިން ކުރާ ޖެއްސުމެކެވެ. ސަބަބު މިއޮތީ އެވެ.
ފިޓްނެސް ޓްރެކާ އަދި ސްމާޓް ގަޑީގެ ވިޔަފާރި އަށް އެޕަލްގެ ޝައުގުވެރިކަން ވަަރަށް ބޮޑެވެ. އައިފޯނުގައި ބޭނުންކުރެވޭ ގޮތަށް އެޕަލް އިން އުފައްދާ މި ފަދަ އާލާތްތަކަށް ބިޔަ މާކެޓެއް އެބަ އޮތެވެ. އައިފޯނު ބޭނުންކުރާ މުޖުތަމައުގައި ކޮންމެ މީހަކަށް ވެސް މި ފަދަ އާލާތެއް މުހިންމެވެ.
ސްމާޓް ގަޑިތަކާއި ފިޓްނެސް ޓްރެކާތައް އިހަށް ދުރަށް ޖައްސާށެވެ. މި ދައްކަނީ ބިލިއަން ޑޮލަރުގެ ވިޔަފާރީގެ ވާހަކަ އެވެ. އެޕަލް އަށް ފުރުސަތު އޮތް ވިޔަފާރީގައި އެހެން ބަޔަކަށް ތަން ދައްކާނެ ކަމެއް ނެތެވެ.