21 މެއި 2016 - 18:49

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ އޮތް އައިޝްވަރިޔާ ރާއީގެ އާ ފިލްމު "ސަރަބްޖީތު"ގެ ޕްރެމިއާގައި އައިޝްވަރިޔާގެ މައިންބަފައިންނާއި ބޭބެގެ އިތުރުން ފިރިމީހާ އަބީޝެކް ބައްޗަން އާއި މައިދައިތަ ޖާޔާ ބައްޗަން އަދި ބަފައިބެ އަމީތާބް ބައްޗަން ވެސް ބައިވެރިވި އެވެ.

މި ހަފުލާގައި ގިނަ ބަޔަކަށް ވަރަށް ފާހަގަ ކުރެވުނު ކަމެއް ހިނގި އެވެ. ޕްރެމިއާގެ ފޮޓޯގްރާފަރުން އައިޝްވަރިޔާއާ އެކު އާއިލާގެ އެންމެންގެ ފޮޓޯ ނެގުމަށްފަހު އަބީޝެކާ އެކު ވަކިން ފޮޓޯ ނަގަން ބޭނުންވެގެން އެކަމަށް އެދެން ފެށި އެވެ. ނަމަވެސް އަޑު ނީވޭ ކަމަށް ހަދާފައި އަބީޝެކް ހިނގައިގަތުމުން އައިޝްވަރިޔާ ގޮސް އޭނާގެ އަތުގައި ހިފައިގެން ގެނެސް ދެ މީހުން އެކުގައި އެކި ގޮތްގޮތަށް ކެމެރާއަށް ކުރިމަތިލާން ފެށި އެވެ. ނަމަވެސް ކުއްލިއަކަށް ދެން ފެނިގެން ދިޔައީ "ކަލޭމެން އައިޝްވަރިޔާ ގެ ފޮޓޯ ނަގާށޭ" ކިޔާފައި އަބީޝެކް އެތަނުން ދުރަށް ދިޔަ ތަނެވެ. ޚުދް އައިޝްވަރިޔާ އަށް ވެސް ހައިރާންވެގެން "އަރޭ"އޭ ބުނެލެވުނުތަން ފެނިގެން ދިޔަ އެވެ.
އަބީޝެކްގެ އަމަލުތައް ބެހެއްޓިގޮތުން ލަދުން ހުރެ އައިޝްވަރިޔާ އަށް ވެސް އިތުރަށް ފޮޓޯގްރާފަރުންނާ ކުރިމަތިލާން ނުކެރި ދެއަތް ޖޯޑުކޮށްލާފައި ސަލާންކޮށްލުމަށް ފަހު އެތަނުން އަވަހަށް ދުރަށް ދިޔަ އެވެ.
މި މަންޒަރު ގިނަ ބަޔަކު ވީޑީއޯ ކޮށްފައިވާތީ މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. އަދި އެއް ބަޔަކު ބުނަނީ އަބީޝެކް އާއި އައިޝްވަރިޔާގެ ގުޅުން ހީނަރުވެ ދެ މިހުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް ހުރިކަން އަބީޝެކްގެ އަމަލުތައް ހުރި ގޮތުން ޔަގީންވާ ކަމަށެވެ.
ނަމަވެސް މި ދެމަފިރިންގެ ގާތް މީހަކު ބުނި ގޮތުގައި އައިޝްވަރިޔާ އާއި އަބީޝެކްގެ މެދުގައި އެއްވެސް ކަހަލަ މައްސަލައެއް ނެތެވެ. އަބީޝެކް ކަންތައްކުރި ގޮތުން ބައެއް މީހުންނަށް އޭނާ ހިތްހަމަނުޖެހިގެން ކުރިކަމެއް ކަމަށް ފެނުނު ނަމަވެސް ހަގީގަތުގައި އޭނާ އެކަން ކުރީ އެ ރެއަކީ އައިޝްވަރިޔާއަށް ޚާއްސަ ރެއަކަށް ވާތީ އޭނާ އެކަނި ފޮޓޯ ނަގަން ފުރުސަތު ދިނުމުގެ ގޮތުން ވިސްނުންތެރިކަމާ އެކު ކުރި ކަމެއް ކަމަށް އެމީހުންގެ އެކުވެރިޔާ ބުންޏެވެ. އަދި އައިޝްވަރިޔާ އާއެކު ޕްރެމިއާ އަށް އާއިލާގެ އެންމެން އައީ އޭނާއަށް ސަޕޯޓްކުރުމަށް ކަމަށާއި އެފަދަ މުނާސަބަތެއްގައި އައިޝްވަރިޔާ ވަކިން ފޮޓޯ ނެގުން މާ އައުލާކަން ބޮޑުކަމަށް އަބީޝެކް އަށް ފެނުނީ ކަމަށް ވެސް އެކުވެރިޔާ ބުންޏެވެ.
ކޮންމެއަކަސް މި ހާދިސާގެ ސަބަބުން ގިނަ ބަޔަކު މިހާރު ވަނީ އަބީޝެކް އާއި އައިޝްވަރިޔާގެ ގުޅުން ވެސް ބޮލީވުޑްގެ ގިނަ ދެމަފިރިންގެ ގުޅުންތައް ފަދައިން ކެނޑިގެން ދާން ދެން މާގިނަ ދުވަހެއް ނެތް ކަމަށް ބުނަމުންނެވެ.
އަބީޝެކް އާއި އައިޝްވަރިޔާގެ ކައިވެންޏަށް ނުވަ އަހަރު ފުރުން މިދިޔަ އޭޕްރީލްމަހު އެމީޙުން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ހަތަރު އަހަރުގެ އަންހެންކުއްޖެއް މި ދެމަފިރިންނަށް ލިބިފައިވެ އެވެ.