01 އޮކްޓޯބަރ 2017 - 06:12

އިންޑިއާގައި، ލެޕަޑެއްގެ ޝިކާރައަކަށްވި އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖަކު، އޭނާއާ އެއް އުމުރެއްގެ ކުއްޖެއްގެ މަސައްކަތުން ސަލާމަތްކޮށްފި އެވެ.

އިންޑިޔާގެ ގުޖްރާތު ސްޓޭޓްގެ އަވަށެއްގައި މިދިޔަ އަންގާރަ ދުވަހު މި ހާދިސާ ހިނގީ ޖައިރާޖް ގޯހިލް އާއި އޭނާގެ އެކުވެރި ނިތޭޝް އެ ކުދިންގެ ގޭގެ ބޭރު މަގުމަތީގައި ކުޅެން އުޅެނިކޮށެވެ. ގަސްތަކު ތެރޭ ފިލައި އޮތް ލެޕަޑެއް ހަމަލާ ދިނީ ނިތޭޝް އަށެވެ.
ނިތޭޝްގެ ގައިގައި ހިފައިގަނެ ބިންމަތީގައި ދަމާފައި ގެންދަން ފެނުމުން ޖައިރާޖް ވަނީ ހިލަގަނޑަކުން ލެޕަޑަށް ހަމަލާ ދީފަ އެވެ. ލެޕަޑް ފެނިގެން ބިރުން އެ ކުއްޖާ ނޫޅެ އެވެ.
ޖައިރާޖް އެއްލި ހިލަގަނޑުން ޖެހުނަސް ލެޕަޑަށް މާ ބޮޑު އަސަރެއް ނުކުރި އެވެ. އެހެންވެ ޖައިރާޖް ދެން އެއްލީ ކުޅެން ގެންގުޅުނު އިލެކްޓްރޯނިކް އެއްޗެކެވެ. މިއީ ވަރަށް ބާރު އަޑެއް ގޮވައި އެއްޗެކެވެ. އިއްތިފާގުން ، އޭގެ ސްވިޗް އޮންވެ ބާރަށް އަޑު ގޮވަން ފެށި އެވެ.
މި އަޑާއެކު ކުއްޖާ ދޫކޮށްލާފައި ލެޕަޑް ފިލައިގެން ދިޔައީ ކަމަށް އެހިސާބުގަނޑުގެ ސީނިއާ ފޮރެސްޓް ޑިޕާޓްމަންޓް އޮފިޝަލު ޓައިމްސް އޮފް އިންޑިޔާއާ ވާހަކަ ދައްކަމުން ބުނެފައިވެ އެވެ.
މި ދެ ކުދިން ކިޔަވަންދާ އަރަތިޔާ ޕްރައިމަރީ ސްކޫލްގެ ޕްރިންސިޕަލް ޕްރަތާޕް ރާތޯޑް ބުނި ގޮތުގައި ޖައިރާޖްގެ އެކުވެރި ނިތޭޝްގެ ފުރާނަ ސަލާމަތްވީ ޖައިރާޖްގެ ހިތްވަރާއި ވިސްނުމުން ކަމަށެވެ. އެހެންވެ ސްކޫލްގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައި ޖައިރާޖަށް ޚާއްސަ އެވޯޑެއް ދޭން ވަނީ ނިންމައިފަ އެވެ.
ގުޖްރާތުގެ މި ސަރަހައްދަކީ ވަރަށް ގިނައިން ލެޕަޑް އުޅޭ އަދި ލެޕަޑްގެ ހަމަލަތައް އިންސާނުންނަށް ވަރަށް ގިނައިން ކުރިމަތިވާ ސަރަހައްދެއް ކަމަށްވެ އެވެ.