01 އޮކްޓޯބަރ 2017 - 06:15

ވަރުން ދަވަން ޑަބަލް ރޯލު ކުޅެފައިވާ "ޖުޅްވާ 2" އާ ދޭތެރޭ ފާޑުކިޔުންތެރިން މާ ބޮޑަކަށް ހިތްހަމައެއް ނުޖެހެ އެވެ. މި ފިލްމަކީ ސަލްމާން ޚާންގެ "ޖުޅްވާ" އަށް ވުރެ ހުރިހާ ގޮތަކުން ވެސް މާ ފީކަޅާ ފިލްމެއްގެ ގޮތުގައި ގިނަ ރިވިއުތަކުގައި ބުނެފައިވެ އެވެ. އަދި މި ފިލްމު ބެލުމަށް ވުރެ އަދިވެސް "ޖުޅްވާ" ބަލާލިއްޔާ މާ ރަނގަޅު ވާނެ ކަމަށް ވެސް ފާޑުކިޔުންތެރިން ބުނެފައިވެ އެވެ.
ގިނަ ރިވިއުތަކުގައި މި ފިލްމަށް ދީފައިވަނީ ފަސް ތަރީގެ ތެރެއިން އެންމެ ދެ ތަރި އެވެ. އަދި ފާޑުކިޔުންތެރިންގެ ތެރެއިން ގިނަ ބަޔަކު ބުނަނީ ސަލްމާން އެކްޓްކޮށްފައިވާ ވަރާ ގާތަށް ވެސް މި ފިލްމުގައި ވަރުން އަށް އެކްޓް ކުރެވިފައި ނުވާ ކަމަށެވެ. ފިލްމުގެ ވާހަކަ ވެސް ވަރަށް ހަމަނުޖެހޭ ކަމަށާއި ހަމައެކަނި ކޮމެޑީ އަކުން ފިލްމެއް ބަލާހިތްވާ އެއްޗަކަށް ނުވާނެ ކަމަށް ވެސް ފިލްމަށް ފާޑުކިޔާފައިވާ ބައެއް ލިޔުންތެރިން ބުނެފައިވެ އެވެ.
ކްރިޓިކްސް ހިތްހަމަނުޖެހުނަސް ބެލުންތެރިން މި ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަން ހުކުރު ދުވަހުގެ ހެނދުނުގެ ޝޯތަކަށް ވަދެފައިވާ މީހުންގެ ނިސްބަތުން ޔަގީންވެ އެވެ. ހެނދުނުގެ ޝޯތައް އެޅުވި ސިނަމާތަކުގެ 40-45 ޕަސެންޓް ޕަސެެންޓް ގޮނޑި ފުލްވެފައިވެ އެވެ. އަދި މެންދުރުފަހާއި ރޭގަނޑުގެ ޝޯތައް ގާތްގަނޑަކަށް ހައުސްފުލް އެވެ. އެހެންކަމުން ހަފުތާ ބަންދާއެކު ފިލްމަށް ބޮޑެތި ކާމިޔާބީތައް ހޯދުމުގެ ފުރުސަތު މިހާރު ވަނީ އިތުރުވެފަ އެވެ.
މިހާރު ލަފާކޮށްފައިވަނީ ހުކުރު ދުވަހު އެކަނި ވެސް މި ފިލްމަށް 16.10 ކްރޯޑު (1.61 ބިިލިއަން ރުޕީސް) ލިބިފައިވާ ކަމަށެވެ. މިއަށް ވުރެ ރަނގަޅު ފެށުމެއް މިއަހަރުގެ މިހާތަނަށް ލިބިފައިވަނީ އެންމެ ދެ ފިލްމަށެވެ. އެއީ ސަލްމާން ޚާންގެ "ޓިއުބުލައިޓް" އާއި ޝާހްރުކް ޚާންގެ "ރައީސް" އަށެވެ.
ވަރުންގެ ފިލްމުތަކުގެ ތެރެއިން ވެސް އެންމެ ރަނގަޅު ފެށުމެއް ލިބިފައިވާ ފިލްމަކީ "ޖުޅްވާ 2" އެވެ. އޭނާގެ "ދިލްވާލޭ" އަށް 21 ކްރޯޑު (2.1 ބިލިއަން ރުޕީސް) ލިބިފައި ވިޔަސް އެ ފިލްމުގައި ޝާޙްރުކް ލީޑް ރޯލު ކުޅޭތީ އެއީ މުޅިން ވަރުންގެ ފިލްމެއްގެ ގޮތުގައި ނުބަލަ އެވެ.
މީގެ ކުރިން ވަރުންގެ ފިލްމަކަށް އެންމެ ރަނގަޅު ފެށުމެއް ލިބިފައިވަނީ "އޭބީސީޑީ 2" އިންނެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު 1.43 ބިލިއަން ރުޕީސް ލިބިފައި ވެއެވެ.
"ޖުޅްވާ"ގައި ސަލްމާން ކުޅުނު ގޮތަށް "ޖުޅްވާ 2" ގައި ވަރުން ވެސް ފެނިފައިވަނީ ރާޖާ އާއި ޕްރޭމް ކިޔާ އެއްމާބަނޑު ދެ މީހެއްގެ ރޯލުންނެވެ.
"ޖުޅްވާ" ގެ ފުރަތަމަ ފިލްމާއި ދެ ވަނަ ފިލްމަކީ ވެސް ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކޮށްފައިވާ ފިލްމުތަކެވެ. ފިލްމުގެ ތަރިންނަކީ ތާޕްސީ ޕަންނޫ އާއި ޖެކްލީން ފެނާންޑިސް އެވެ.