01 އޮކްޓޯބަރ 2017 - 06:15

ސަންޖޭ ދަތު ބޮލީވުޑަަށް އެނބުރި އައުން ފާހަގަކުރި ފިލްމު "ބޫމީ" އަށް ބެލުންތެރިންގެ ހިތްތައް އަތުލުމުގައި ނާކާމިޔާބުވުމުން އެ ފިލްމުގެ ޑައިރެކްޓަރު އޮމަންގް ކުމާރު ވަރަށް މާޔޫސް ވެއްޖެ އެވެ.
ބޫޝަން ކުމާރުގެ ޓީ-ސީރީޒް އާއި ލެޖެންޑް ސްޓޫޑިއޯ ގުޅިގެން ޕްރޮޑިއުސްކުރި "ބޫމީ" އަކީ ޖަލުގައި ގިނަ ދުވަސްތަކެއް ހުރުމަށްފަހު މިނިވަންވި ފަހުން ސަންޖޭ ދަތު ކުޅުނު ފުރަތަމަ ފިލްމެވެ. އެހެންކަމުން ޑައިރެކްޓަރު އުންމީދުކުރީ ވަރަށް ގިނަ ބަޔަކު މިފިލްމު ބަލަން ސިނަމާއަށް ދާނެ ކަމަށެވެ.
ސެޕްޓެމްބަރު 22 ވަނަ ދުވަހު މިފިލްމު ރިލީޒްކުރިއިރު އިތުރު ދެ ފިލްމެއް ވެސް ރިލީޒްކުރި އެވެ. އެއީ ރާޖްކުމާރު ރާއޯގެ "ނިއުޓަން" އާއި ޝްރައްދާ ކަޕޫރުގެ "ހަސީނާ ޕާކާ" އެވެ.
ޓްރޭޑް އެނަލިސްޓުން ވެސް އެންމެ ކުރިން ހީކުރީ މި ތިން ފިލްމުން ކުރެ ކުރި ހޯދާނީ "ބޫމީ" ކަމަށެވެ. އަދި ފުރަތަމަ ދުވަހުގެ ކަލެކްޝަނަށް ބަލާއިރު ކުރީގައި އޮތީ ވެސް މި ފިލްމެވެ. ނަމަވެސް ކުއްލިއަކަށް "ނިއުޓަން" އޮސްކާއަށް ފޮނުވަން ނިންމި ޚަބަރާއެކު އެ ފިލްމަށް ލިބުނު ތަރުހީބު އެތައް ސަތޭކަ ގުނައެއް އިތުރުވެގެން ދިޔަ އެވެ. އަދި "ހަސީނާ ޕާކާ" ވެސް އުންމީދުކުރި ވަރަށް ވުރެ ރަނގަޅަށް ހިނގުމުގެ ސަބަބުން "ބޫމީ" އަށް ލިބުނު މިންވަރު މާ ބޮޑުތަން ދަށަށް ދިޔައީ އެވެ.
ގާތްގަނޑަކަށް 30 ކްރޯޑު (ތިން ބިލިއަން ރުޕީސް) އިން އުފައްދާފައިވާ މި ފިލްމަށް ބުރާސްފަތި ދުވަހުގެ ނިޔަލަށް ލިބިފައިވަނީ އެންމެ 10 ކްރޯޑު (އެއް ބިލިއަން ރުޕީސް) އެވެ. އަދި ހުކުރު ދުވަހު އާ ފިލްމުތައް ރިލީޒްކުރާއިރު މި ފިލްމު އިތުރަށް ހިނގާފާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.
"ބޫމީ" އަކީ ވަރަށް ޖަޒުބާތީ ބަދަލުހިފުމުގެ ޑްރާމާ އެކެވެ. އަދި ބައްޕަ އަކާއި އަންހެންދަރިއެއްގެ ގުޅުން ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގައި ސަންޖޭ ދަތުގެ އިތުރުން ބައިވެރިވަނީ އަދިތީ ރާއޯ ހައިދްރީ އާއި ޝަރަދް ކޭލްކަރް އެވެ.