30 ސެޕްޓެމްބަރ 2017 - 11:14

މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު، 7،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ.
ދަރިވަރުންގެ ބޮޑު އުއްމީދަކާ ގުޅިފައިވާ މި އިމްތިހާން މި އަހަރު ރާއްޖޭގެ 197 ސްކޫލެއްގައި ބާއްވަ އެވެ. ސްކޫލުތަކުން 5،500 އަށް ވުރެ ގިނަ ކުދިން އިމްތިހާން ހަދާއިރު، އަމިއްލަ 52 ސެންޓަރަކުން 1،538 ދަރިވަރުން އިމްތިހާނުގައި ބައިވެރިވެ އެވެ.
މީގެ ތެރޭގައި ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރުގައި އެސްއެސްސީ އިމްތިހާނު ހަދާ 12 ދަރިވަރުން ވެސް ހިމެނެ އެވެ.
މިއަދުން ފެށިގެން ނޮވެމްބަރު 14ގެ ނިޔަލަށް ކުރިއަށް ދާ މި އިމްތިހާނުގައި މިއަދު އޮތީ އިސްލާމް ޓެސްޓެވެ.
އޯލެވެލް އިމްތިހާނު މިއަދު ފެށި އިރު އަންނަ ހޮނިހިރު ދުވަހު އޭލެވެލް އިމްތިހާނު ވެސް ފަށާނެ އެވެ.
އޯލެވެލް އަދި އޭލެވެލް އިމްތިހާނުގައި ރާއްޖޭގެ ދަރިވަރުން ހޯދާ ނަތީޖާ ފަހަކަށް އައިސް ވަރަށް މައްޗެވެ. އެގޮތުން އިމްތިހާނުގެ ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަދަދު އިތުރު ވަމުން އަންނައިރު އިމްތިހާނުގައި ދުނިޔޭގެ ފެންވަރުގެ ވަނަތައް ވެސް އަންނަނީ ހޯދަމުންނެވެ.