30 ސެޕްޓެމްބަރ 2017 - 09:15

މެންޗެސްޓާ (ސެޕްޓެމްބަރު 30) – މެންޗެސްޓާ ޔުނައިޓެޑުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ފްރާންސުގެ ޕައުލް ޕޮގްބާ އަށް ލިބިފައިވަނީ ދިގު މުއްދަތުގެ އަނިޔާއެއްކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.
ޕޮގްބާގެ ފަލަމަސްގަނޑަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި މި މަހުގެ 12 ވަނަ ދުވަހު ސްވިޒަލެންޑުގެ އެފްސީ ބަސެލްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭރު ބެލެވިފައި އޮތީ ޕޮގްބާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ މަހަކާއި ހަ ހަފުތާއާ ދެމެދުގެ މުއްދަތެއްގައި ކަމަށެވެ.
އެ ވާހަކަތަކާ މެދު ވާހަކަދައްކަން މޮރީނިއޯ މީގެ ކުރިން ދެކޮޅު ހަދައިފަ އެވެ. ޕޮގްބާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ސީދާ މުއްދަތެއް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މޮރީނިއޯ ނުދެ އެވެ. އެކަމަކު އަވަސް މުސްތަގުބަލެއްގައި އެނބުރި ނާދެވޭނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފަ އެވެ.
"އޭނާ އަށް ވަނީ އަނިޔާވެފައި. އޭނާ އަށް މާދަމާ (މިއަދު) ނުކުޅެވޭނެ. އަނެއްކާ އެއީ (އެންޓޯނިއޯ) ވެލެންސިއާ ނުވަތަ (ފިލް) ޖޯންގެ އަނިޔާއާ މެދު އަހަންނަށް ކުރެވޭ އުއްމީދު ކުރެވެން އޮތް ފަދަ އަނިޔާއެއް ނޫން. އަހަންނަށް އުއްމީދު އެބައޮތް އެ މީހުން (ވެލެންސިއާ އާއި ފިލް) ޓްރެއިނިން އިން ފެންނާނެ ކަމުގެ. ދިގު މުއްދަތުގެ އަނިޔާގެ ވާހަކަ އަހަރެން ނުދައްކަން،" މޮރީނިއޯ ބުންޏެވެ.
"(ޒަލަޓާން) އިބްރަހިމޮވިޗް، ޕޮގްބާ، (މާކޮސް) ރޯހޯ، އަހަރެން މި ކުޅުންތެރިންނާ މެދު ނުވިސްނަން."
ކަކުލުގެ ލިގަމެންޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭޕްރިލް މަހުން ފެށިގެން ކުޅުމާ ދުރުގައި ތިބި އިބްރަހިމޮވިޗާއި ރޯހޯގެ ލިސްޓުގައި ޕޮގްބާގެ ނަން ހިމެނުމުން ބެލެވެނީ އޭނާގެ އަނިޔާ ވަރަށް ސީރިއަސް ކަމަށެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި 16 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތް ޔުނައިޓެޑަށް، ޕޮގްބާ ނެތުމަކީ ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެކެވެ. އޭނާ އަކީ އެ ޓީމުގެ ގޭމްޕްލޭނުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ އެވެ.
ޕްރިމިއާ ލީގުގައި މިރޭ 7 ޖަހާއިރު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ޔުނައިޓެޑް ނުކުންނާނެ އެވެ.