30 ސެޕްޓެމްބަރ 2017 - 08:20

މެންޗެސްޓާ (ސެޕްޓެމްބަރު 30) – ކާރު އެކްސިޑެންޓެއްގައި ބުރާސްފަތި ދުވަހުގެރޭ އަނިޔާވި މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ދެ ހަފުތާ އާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތެއްގައި ކަމަށް އެ ކްލަބުން ބުނެފި އެވެ.
މި އެކްސިޑެންޓުގައި އަގުއޭރޯގެ ބުރަކަށްޓަށް އަނިޔާވެފައިވާއިރު ކުރިން ބެލެވިފައި އޮތީ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށެވެ. އެކަމަކު ސިޓީގެ ތަރުޖަމާނަކު ބުނީ އެންމެ ފުރަތަމަ ހީކުރިހާ އަނިޔާ ސީރިއަސް ނޫން ކަމަށާއި އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ދެ ހަފުތާ އާއި ހަތަރު ހަފުތާގެ މުއްދަތަކަށް ކަމަށެވެ.
ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް އަގުއޭރޯ އަށް ޔަގީނުން ވެސް ނުކުޅެވޭނެ އެވެ. އަނިޔާ އިން ސަލާމަތްވާން ހަތަރު ހަފުތާ ނަގައިފި ނަމަ އޭނާ އަށް ޕްރިމިއާ ލީގުގައި ސިޓީން ސްޓޯކް ސިޓީ އާއި ބާންލީއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ނަޕޯލީއާ ދެކޮޅަށް ވެސް ނުކުޅެވޭނެ އެވެ.
މީގެ އިތުރުން ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އިން ޕެރޫ އާއި އިކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗުތައް ވެސް ގެއްލޭނެ އެވެ.
ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްސިޑެންޓްވެފައިވަނީ އޭނާ ނެދަލެންޑްސްގެ ވެރިރަށް އެމްސްޓެޑަމްގައި އޮތް މިއުޒިކް ކޮންސެޓެއް ބެލުމަށް ފަހު އެނބުރި މެންޗެސްޓާ އަށް ދިއުމަށް އެއާޕޯޓަށް ދަތުރުކުރަމުން ދިޔަ ޓެކްސީ އެވެ. އެ ކާރު ގޮސް އެރީ ޕޭވްމަންޓް މަތީގައި ޖަހާފައި ހުރި ހޮޅި ދަނޑިއަކަށެވެ. އޭނާ އެމްސްޓެޑަމް އަށް ދިޔައީ އިއްޔެ އަކީ ޗުއްޓީ ދުވަހަކަށް ވުމުންނެވެ.
އެންމެ ދުވަހެއް އޮފަށް ލިބުމުން އޭނާ ނެދަލެންޑްސް އަށް ދިއުމުން އެކަމާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ސުވާލުކުރުމުން ބުނީ "އެއްވެސް މައްސަލައެއް ނެތް" ކަމަށެވެ.
"އަހަރެން ބޭނުންވަނީ ކުޅުންތެރިން އުފަލުގައި ތިބެން. އަހަންނަކީ ކޮންމެ ދުވަހަކު ޓްރެއިނިން ހަދަން ބޭނުންވާ ކޯޗެއް ނޫން އެއްވެސް އިރެއްގައި. އަހަރެން ދެކޭ ގޮތުގައި ކުޅުންތެރިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަރާމުކުރަން ޖެހޭ،" ގާޑިއޯލާ ބުންޏެވެ.