30 ސެޕްޓެމްބަރ 2017 - 09:15

ޒުވާން ދެ ކުއްޖަކު އިއްޔެ ރޭ ކުއްލި ގޮތަކަށް މަރުވެގެން ދިޔައިރު ލިބޭ ހެކިތަކުން އެނގެނީ "ޕާޓީ ޑުރަގްސް" ބޭނުންކުރިކަމެވެ. އެކުދިން ތައްޔާރުވަމުން ދިޔައީ އުފަން ދުވަހުގެ ޕާޓީއަކަށެވެ. މަޖާކުރަން ފެށި ކަންތައް ގޯހުން ގޯހަށް ދިޔައީ އެވެ. ސުވާލަކީ މިކަން މިހާރު ކިހާ އާންމުތޯ އެވެ؟

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޒުވާނުންގެ ތެރޭގައި "މަޖާކުރުމު"ގެ ނަމުގައި ހިންގާ އެކި ހަރަކާތްތަކުގެ ތެރޭގައި އެފަދަ ޑްރަގްސް ބޭނުން ކުރުން މިހާރު އާންމުވެއްޖެ އެވެ. އެ ތަކެތި ބޮޑަށް ބޭނުން ކުރަނީ އުފަން ދުވަހުގެ ޕާޓީތައް ނުވަތަ އަހަރީ ދުވަސްތައް ނުވަތަ ހަފްތާ ބަންދު ފާހަގަކުރަން ޒުވާނުން ބާއްވާ އެއްވުންތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޭންގްތަކުގައި އުޅޭ މީހުން ބޭނުންކުރަނީ ތެޔޮ [މަސްތުވާތަކެތީގެ ދިޔާ ބާވަތެއް]. ދެން މުއްސަނދިންނާއި ރަނގަޅު ވަޒީފާތަކުގައި އުޅޭ ޒުވާނުން ބޮޑަށް މި ބޭނުން ކުރަނީ ޕާޓީ ޑުރަގްސް،" އޭނާ ވިދާޅުވި އެވެ.
ޕާޓީ ޑުރަގެއްގެ ގޮތުގައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރަނީ، އެނގިފައިވާ ގޮތުގައި، އެލްއެސްޑީ އެވެ. އެކަމަކު މިއީ އޯވަޑޯޒްވެއްޖެ ނަމަ ވަރަށް ނުރައްކާތެރި ބާވަތެކެވެ.
"އެލްއެސްޑީ ބޭނުންކުރުމުން ހިތް ހުއްޓެން މެދުވެރިވޭ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އެލްއެސްޑީއަކީ ސިކުނޑީގެ އާންމު މަސައްކަތްތަކަށް ބޮޑު ބަދަލެއް ގެނެސް އެވަގުތު ނުހިނގާ އަދި ހަގީގަތެއް ނެތް ކަންކަން އަސްލުކަމަށް ހީވާ ގޮތަށް ފެންނަ މަސްތުގެ ބާވަތެކެވެ.
ކެޕްސޫލާއި ޕެޗް ފަދަ ޑިޒައިންތަކަށް ހަދާފައި ހުންނަ އެލްއެސްޑީ ބޭނުން ކުރުމުން، ބައެއް ފަހަރަށް، އެތައް ވޭނެއް ތަހައްމަލް ކުރަން ޖެހެ އެވެ. ކެއުމާއި ނިންޖާ ވެސް މީހާ ދުރުވާ ހާލަތްތައް އާދެ އެވެ.
ފުލުހުންގެ ފޮރިންސިކް ޑޮކްޓަރަކު، ނަން ހާމަނުކުރަން އެދިވަޑައިގެން ވިދާޅުވީ، މިހާރު ރާއްޖޭގައި ބޭނުންކުރަނީ ތަފާތު އެކި އެއްޗެހި އެއްކޮށްފައި ހުންނަ ބާވަތެއް ކަމަށާއި އޭގެ ބާރު ގަދަވެ އަދި ބޭނުންކުރުމުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"މިކްސްއިންގެ ސަބަބުން މަސްތުވާން ގެންގުޅޭ އެއްޗަކާ އެއްކޮށްލަނީ. އެއް ކުރުމުގެ ސަބަބުން އޭގެ ޕަވާ އަންނަން ޖެހޭ ވަރަށް ވުރެ މާ ބޮޑުކޮށް އަންނަނީ. އެހެންވެ މަރުވުން ފަދަ ކަންކަން ދިމާވަނީ،" އޭނާ ވިދާޅުވި އެވެ.
"ކުދިކުދި އެތިކޮޅުކޮޅު އެއްކޮށްގެން ގިނަ މީހުން ބޭނުން ކުރަން ވެގެން މި ގެންނަ މިކުސްތައް ނުވަތަ ވިއްކާއިރު އިތުރުކުރަން ގެނެސްފައި ހުންނަ މިކްސްތަކުގެ ސަބަބުން މިހެން އެބަ ދިމާވޭ."
އެފަދަ ޑްރަގްސްއެއް ބޭނުންކުރުމުން ކުއްލިއަކަށް އާދަޔާ ހިލާފަށް ލޭމައްޗަށް ދެ އެވެ. ހިތުގެ ހިނގުން އަވަސްވެ ހާޓްއެޓޭކް އަދި ސުޓްރޯޚް ޖެހުމުގެ ފުރުސަތު ވެސް ބޮޑުވެ އެ.
ރާއްޖެއިން އެލްއެސްޑީ އާންމުކޮށް ފެނުނުކަން ފުލުހުން ފުރަތަމަ އިއުލާންކުރީ އޭޕްރީލް 20، 2014 ގަ އެވެ. ވ. އަންބަރާގައި ގިނަ އަދަދެއްގެ ބަޔަކު މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރި މައްސަލައާ ބެހޭ ގޮތުން ހާމަކަރި މައުލޫމާތުތަކުގެ ތެރޭގައި އެލްއެސްޑީ ވެސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ.
އޭގެ ކުރިން އެ ޑުރަގް އެހާ އާންމުކަން ހާމަވެފައެއް ނެތެވެ. އެލްއެސްޑީ ރާއްޖެ އެތެރެކުރަން އުޅެނިކޮށް 1998 ގައި ކަސްޓްސް އިން އަތުލައިގަތެވެ. އެހެންކަމުން އެ ޑްރަގްސް މީގެ ވިއްސަކަަށް އަހަރު ކުރިން ވެސް ރާއްޖޭގައި ބައެއް މީހުން ބޭނުންކޮށްފައި ހުރުން ވަރަށް އެކަށީގެންވެ އެވެ.
މީގެ އަހަރުތަކެއް ކުރިން އެހެން މާލެ އާއި ހުޅުމާލޭގައި ދެ ޒުވާނަކު މަރުވެފައި އޮއްވާ ފެނުމުން ވެސް، ޕާޓީ ޑްރަގްސްގެ ވާހަކަ ފެތުރުނެވެ. އެކަމަކު ހެންވޭރު ޕާކް ތެރޭގައި މަރުވެފައި އޮއްވާ ފެނުނު 21 އަހަރުގެ ޒުވާނާ އާއި ހުޅުމާލޭ މަގެއް މަތީގައި މަރުވެފައި އޮއްވާ ފެނުނު 19 އަހަރުގެ ޒުވާނާ ބޭނުންކޮށްފައި ވަނީ ކޮން އެއްޗެއް ކަމެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
އިއްޔެ ރޭ ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އަދި ދަފްތަރު ފާތުމަތު ސަމާ، 18، ގެ މަރާ ގުޅިގެން ލޮލުގެ ޑޮކްޓަރު އަބްދުﷲ ޖުނައިދުގެ ފޭސްބުކް ޕޯސްޓުގައި ޒުވާނުންގެ ކިބައިން އެދިވަޑައިގަތީ އަމިއްލަ ފުރާނައާ ނުކުޅުމަށެވެ.
"މި ނުރައްކާތެރި މަސްތުވާތަކެތި ބޭނުންނުކުރޭ!" ދެ ޒުވާނުން މަރުވި ހާދިސާއާ ގުޅިގެން ޖުނައިދު އިލްތިމާސްކުރެއްވި އެވެ.
"އާއްމުން، ޚާއްސަކޮށް ޒުވާނުން ހަނދާން ބަހައްޓަން އެބަ ޖެހޭ އޯވަޑޯޒް ވެއްޖެއްޔާ އެ މީހަކު ވަގުތުން ރެސްޕިރޭޓަރީ ޑިޕްރެޝަން އަށް (ނޭވާލުން ލަސްވުން ނުވަތަ ނޭވާ ތިލަވުމުގެ ސަބަބުން ލޭގައި އޮކްސިޖަން މަދުވުން) އަދި ރެސްޕިރޭޓަރީ އެރެސްޓް އަށް (ނޭވާ ހުއްޓުން) ހިނގައިދާނެކަން. އަދި ކައިރީގައި ތިބޭ މީހުންނަށް އެކަން ރަނގަޅުކުރަން ނޭނގޭނެކަމާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަރު އައިސްދާނެކަން."
ދުނިޔޭގެ އެކި ހިސާބުތަކުގައި، ހުރިހާ އުމުރެއްގެ އެތައް ބައިވަރު ބަޔަކު ވަނީ އޯވަޑޯޒްވެގެން މަރުވެފަ އެވެ. އޭގެ ތެރޭގައި ވަރަށް މަޝްހޫރު މީހުން ވެސް ހިމެނެ އެވެ. ސިއްހީ ހިދުމަތް ކިތައް ފުރިހަމަވެފައި އޮތް ގައުމެއް ނަމަވެސް، ޖުނައިދު ވިދާޅުވި ގޮތުގައި، އެފަދަ ހާލަތެއް ދިމާވެގެން ކުއްލި ފަރުވާދޭ ތަނަކަށް ގެންދިޔަޔަސް ގިނަ ފަހަރަށް އޮންނާނީ ނުރައްކަލުގެ ތެރޭގަ އެވެ.
"އެހެންވީމާ ހުރިހާ ޒުވާނުންނަށް އަޅުގަނޑުގެ ނަސޭހަތަކީ އަމިއްލަ ފުރާނައާ ނުކުޅޭށޭ،" ޖުނައިދު ވިދާޅުވި އެވެ.
"... މިފަދަ (އޯވަޑޯޒްވުމުގެ) މައްސަލައެއް ދިމާވިޔަސް ވަގުތުން ހޮސްޕިޓަލަށް ދާށޭ، އަދި ޑޮކްޓަރުންނާއި ނަރުހުންނަށް އެ ކަމެއް ނުފޮރުވާށޭ. މީހެއްގެ ފުރާނަ ނުރައްކަލުގެ ތެރޭގައި އޮއްވާ 'ހާސްވެގެން' ނުވަތަ އަދަބެއް ލިބިދާނެތީ ޑޮކްޓަރުންނަށް ނުބައި މައުލޫމާތު ދީ އޮޅުވާލުމަކީ އެ ނުރައްކާ އިތުރަށް ބޮޑުވެގެން ހިނގައިދާނެ ކަމެއް."
ރާއްޖޭގައި ކުއްލި މަރުތަކުގައި މަރުވާ ޒުވާނުންގެ އަދަދު މިހާރު ދަނީ ގިނަވަމުންނެވެ. ސިއްހީ ގޮތުން މައްސަލައެއް ހުރިކަން ކުރިން ނޭނގޭ ބައެއް ޒުވާނުން ފެންނަނީ މަރުވެފައި އޮއްވަ އެވެ. އެ ހާދިސާތަކާ ގުޅިގެން ފިކުރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޕާޓީ ޑްރަގްސް ބޭނުންކޮށްގެން ޒުވާނުންތަކެއް މަރުވުމުން، ނުރައްކަލުގެ ރަނގަބީލު އެބަ އަޅަ އެވެ. ހަމައެކަނި ހިމޭނުން ތިބެގެން، ކަންކަން ފޮރުވައިގެން ލިބޭނެ ފައިދާއަކަށް ވުރެ ކުރިމަތިވާ ގެއްލުން ބޮޑުވެދާނެ އެވެ.