އިޚުތިލާފީ މައްސަލަތަކުގައި ވަކި ރައުޔަކަށް ނުވުން
އިޚުތިލާފީ މައްސަލަތަކުގައި ވަކި ރައުޔަކަށް ނުވުން

މާތްވެގެންވާ އިސްލާމް ދީނުގެ އެންމެހާ ހުކުމްތަކަށް ބަލާއިރު އެ އަށް ބަދަލެއް ނާންނާނެ މައިގަނޑު ވަރަށް ގިނަ އުސޫލީ ހުކުމްތަކެއްވެ އެވެ. އެކަމަކު ހަމަ އެއާ އެކު ހާލަތު ބަދަލުވުމުން ބަދަލުވާ، ނުވަތަ އައު ކަމެއް ކުރިމަތިވުމުން އައު ޙުކުމެއް ނެރެވޭ، ނުވަތަ ތަފާތު އިޚްތިޔާރުތަކަށް މަގު ހުޅުވާލެވިފައިވާ ފަރުޢީ ބައެއް ހުކުމްތަކެއް ވެސް ވެ އެވެ.

މީގެ ތެރެއިން އުސޫލީ ހުކުމްތަކަކީ ކީރިތި ޤުރުއާނާއި މާތް ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ކަނޑައެޅިގެން ސާބިތުވާ، އަދި އެކަންކަން ދޭހަވުމުގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައި ނުވާ ކަންކަމެވެ. މިއާ ޚިލާފަށް ފަރުޢީ ބައެއް ހުކުމްތައް ބަޔާން ކުރެއްވުމުގައި ތަފާތު ސަބަބުތަކާ ހުރެ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެ އެވެ. މި ހާލަތުގައި ސައްހަ ގޮތް ކަމަށް ބަލާނީ ކޮން ގޮތެއް ހެއްޔެވެ؟

އުޞޫލީ ކަމެއްގައި ޢިލްމުވެރިން ވިދާޅުވާ ގޮތާ ޚިލާފަށް އެއްވެސް މީހަކު ބަހެއް ބުނެފި ނަމަ އެ ބަހެއް ގަބޫލެއް ނުކުރެވޭނެ އެވެ. ހަމަ އެފަދައިން ފަރުޢީ މައްސަލަތަކުގައި ވެސް އިޖުތިހާދު ކުރުމުގެ ދަރަޖަ އަށް ނުދެވޭ މީހަކު ބުނާ ބަހެއް ބަލައިނުގަނެވޭނެ އެވެ. ނަމަވެސް މުޖުތަހިދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައި ވާނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

މިފަދަ ތަފާތުތަކުން ސަލާމަތްވުމުގެ ނިޔަތުގައި ކޮންމެވެސް އެއް ރައުޔެއް އެއީ ހަމައެކަނި ދީން ކަމުގައި ބައެއް މީހުން ދެކެ އެވެ. އަދި އެ ރައުޔާ އެއްގޮތަށް ޢަމަލު ނުކުރާ ނަމަ އެއީ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ގެނެސްދެއްވި ކަންކަމުގައި ނުހިފައި ދޫކޮށްލުން ކަމަށް ބަލަ އެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި އެކަލޭގެފާނު ގެނެސްދެއްވި ކަންކަމަށް ކިޔަމަންވެ ނަހީ ކުރެއްވި ކަންކަމުން ދުރުހެލިވުމަކީ ވާޖިބެކެވެ. މިކަމަށް ދަލީލު ލިބެނީ ޣަނީމާ މުދަލުން ފައިއުގެ ގޮތުގައި ކީރިތި ރަސޫލާ އަށް ދެއްވޭ މުދަލުން އެކަލޭގެފާނު ދެއްވި އެއްޗެއް ޤަބޫލުކޮށް އެކަލޭގެފާނު ނަހީ ކުރެއްވި އެއްޗަކުން ދުރުހެލިވެ ތިބުމަށް އަލްޙަޝްރު ސޫރަތުގެ 7 ވަނަ އާޔަތު ގައި އޮންނަ އަމުރުފުޅުންނެވެ.

ނަމަވެސް ސުވާލަކީ ކުރިން ދެންނެވި ފަދަ އިޚްތިލާފު ހުރި މައްސަލަތަކުގައި ކީރިތި ރަސޫލާ ގެނެސްދެއްވި ގޮތަކީ ކޮބައިކަން ކަނޑައަޅާނީ ކިހިނަކުން ހެއްޔެވެ؟ އިސްލާމީ ފިޤުހު ނުވަތަ ތަޝްރީޢުގެ ތާރިޚަށް ބަލައިލާ އިރު ފިޤުހު ޢިލްމުވެރިންގެ މަސައްކަތްޕުޅުތައް ފެށުނީއްސުރެ ފިޤުހުގެ ފަރުޢީ މައްސަލަތަކުގައި އިޚްތިލާފު އުފެދިފައިވާކަން އެނގެ އެވެ. ޚުދު ކީރިތި ރަސޫލާގެ ޒަމާނުގައި ވެސް ޙުކުމްތައް ދޭހަވުމުގައި އިޚްތިލާފު އުފެދިފައިވި އެވެ. އެހެންވެ ތަފާތުކޮށް އެއްކަމެއްގައި އަމަލު ކުރެވިފައިވެ އެވެ. ނަމަވެސް މި އިޚްތިލާފުތައް އެއީ މުސްލިމުން ބައިބައި ކުރުވި އިޚްތިލާފުތަކެއް ކަމުގައެއް ނުވެ އެވެ. އެއްވެސް ތައައްސުބެއް ނެތި މިތަފާތު ތަކާ އެކު އެބޭކަލުން އަދި އެބޭކަލުންނަށް ތަބާވީ ބޭކަލުން އުޅުއްވި އެވެ.

އިޚުތިލާފީ މައްސަލަތަކުގައި ދެބަސްވުންތައް އުފެދެން މެދުވެރިވީ މިފަދަ ތަފާތުތަކެއް އޮތުމަކީ މައްސަލައެއް ނޫންކަން ނުދަންނަން ފެށި ހިސާބުންނެވެ. އަދި މި ފަދަ ތަފާތުތަކާ އެކު އުޅެން ދަސްކުރުމުގެ ބަދަލުގައި ތައައްސުބު ވާން ފެށުމުންނެވެ. "ތިމަންމެން ފިޤުހު ޢިލްމުވެރިންނަކަށް ތަބާ ނުވާނަމޭ، ތިމަންމެން ތަބާވާނީ ޤުރުއާނަށާއި ސުންނަތަށޭ" ކިޔައި އެކަމަކު އާޚިރުގައި ކޮންމެވެސް އެއް ރައުޔަކަށް ތަބާވާން ފެށުމުންނެވެ. ނުވަތަ އެއްވެސް ރައުޔަކަށް ނުބަލައި މުޅިން އައު އެހެން ދޭހަ އަކަށް ތަބާވާން ފެށުމެވެ. ނަތީޖާއަކަށްވީ މުޖުތަހިދު ޢިލްމުވެރިން ކުރެއްވެވި މަސައްކަތުން ދޭހަވި ދޭހަވުމަށްވުރެ ދަށު ދަރަޖައެއްގައި ބައެއް ހުކުމްތައް ދޭހަވާން ފެށުމެވެ.

މުޖުތަހިދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައި ވަނީ އެއްވެސް ހާލެއްގައި އެބޭކަލުން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް ގެނެސްދެއްވި ގޮތުގައި ނުހިއްޕަވާކަށް ނޫނެވެ. އެކަމަކު އެ ގޮތުގައި ހިއްޕެވުމަށް ކުރެއްވެވި މަސައްކަތުގެ ތަބީއަތުގެ ގޮތުންނެވެ. މިގޮތުން އެކިއެކި ނައްޞުތައް އެބޭކަލުންނާ ހަމަ އަށް ވާސިލުވުމުގައި ހުރި ތަފާތު ހިމެނެ އެވެ.

އޭގެ ސަނަދު، އެބަހީ އެ ނައްޞު ރިވާވެގެން އައިސްފައިވާ މަގު، އެނގިވަޑައިގަންނަވާ މިންވަރު ހިމެނެ އެވެ. ރާވީންގެ ސީރަތާއި އެބޭކަލުންގެ އުސްތާޛުންނާއި ދަރިވަރުންނަކީ ކޮބައިކަން ތަހުގީގު ކުރެވިފައިވާ މިންވަރު ހިމެނެ އެވެ. ރާވީންގެ ޢަދުލުވެރިކަމާއި، ހިތުދަސްކުރެއްވުމުގެ ފުރިހަމަ ކަމާ ގުޅޭ ގޮތުން ލިބިލައްވާ މަޢުލޫމާތުގެ ތަފާތު ކަން ހިމެނެ އެވެ.

ތަފާތު ގޮތްގޮތަށް އެއް ކަމެއްގައި ހުކުމް ބަޔާން ވެފައިވާ ސައްހަ ނައްސުތައް އެއްކޮށްގެން އެއިން ހުކުމެއް ނެގުމުގައި ނުވަތަ އޭގެ ތެރެއިން ވަކި ގޮތަކަށް ބުރަ ކުރުމުގައި ގެންގުޅުއްވި އުސޫލުތައް ތަފާތުވުން ހިމެނެ އެވެ. ލަފުޒުގެ ގޮތުން އެއް މާނައަށްވުރެ ގިނަމާނަ އެކުލެވޭ ލަފުޒުތައް ބައެއް ނައްޞު ތަކުގައި ހުރުން ހިމެނެ އެވެ. މަޖާޒީ ގޮތެއްގައި ނުވަތަ ޞަރީޙަ ގޮތެއްގައި އޮތް ނައްޞެއްތޯ ދޭހަވުމުގައި ތަފާތުވުން ހިމެނެ އެވެ. މަންސޫޚު ކުރެވިފައިވާ ނައްޞެއްތޯ ނުވަތަ ނޫންތޯ ދެނެގަތުމުގެ ތަފާތު ހުރުން ހިމެނެ އެވެ. ރިވާ ކުރެއްވި ސަބަބަށް ބެލުމާއި ނުބެލުން ހިމެނެ އެވެ.

މިހެންގޮސް ވަރަށް ގިނަ ސަބަބުތައް ހުރެ އެވެ. މިފަދަ ސަބަބުތައް މިގޮތަށް ހުރުމާ އެކު އިޚްތިލާފުތަކުން ދުރަށް ގޮސް އެންމެން ތަބާވާން އެއްގޮތެއް މިފަދަ ފަރުޢީ މައްސަލަތަކުގައި ހޯދުމަކީ ނުވާނެ ކަމެކެވެ. އަދި އެއީ އިސްލާމް ދީން އެކަމަށް އެދޭ ކަމެއް ވެސް ނޫނެވެ. ހަގީގަތުގައި މިފަދަ އިޚްތިލާފު ހުރުމުން ދީނީ ޢިލްމަށް މުއްސަނދިކަން ލިބިގެންދެ އެވެ.

އަބަދުވެސް ދިރާސާ ކުރެވި ދިރުން ލިބެމުންދާ ޢިލްމެއްގެ ގޮތުގައި ދީނީ ޢިލްމު ވެގެންދެއެވެ. ހުރިހާ ތަނަކަށާއި ހުރިހާ ޒަމާނަކަށް ފެތޭ ދީނަކަށް އިސްލާމް ދީން ވެގެން ދެއެވެ. އަދި ހަރުކަށި ބޯދާ ގޮތްތަކެއް އެކުލެވޭ ދީނަކަށްވެގެން ނުދިއުމުގެ ބާރަކަށް މިކަން ވެއެވެ.

ވީމާ މިކަމުގެ ހައްލަކީ ކޮބައި ހެއްޔެވެ؟ ހައްލަކީ ތަފާތުތަކާ އެކު އުޅެން ދަސްކުރުމެވެ. އެއްވެސް ތައައްސުބެއް ނެތި ފިޤުހީ މަޒަހަބުތަކުގެ ތެރެއިން ކޮންމެވެސް އެއް މަޒްހަބަކަށް ތަބާވުމެވެ. ފިޤުހު ޢިލްމުވެރިންގެ ބުރަ މަސައްކަތްޕުޅުތަކަކީ ޤުރުއާނާއި ސުންނަތަށް ފުރިހަމަ އަށް ތަބާވުމަށްޓަކައި އޭގައިވާ ނައްޞުތައް އެންމެ ފުރިހަމަކޮށް ދޭހަކޮށްދެއްވައި ބަޔާން ކޮށްދެއްވުމަށް ކުރެއްވެވި މަސައްކަތްޕުޅުތަކެކެވެ. އެބޭކަލުން އެކަން ކުރެއްވީ ތެދުވެރިކަމާއި އިޚްލާޞްތެރި ކަމާ އެކު އެވެ.

ވީމާ އަޅުގަނޑުމެންގެ މައްޗަށް އޮތީ އެބޭކަލުން ކުރެން އޮޅުން ފިލުވުމެވެ. މާތްﷲ ވަޙީ ބަސްފުޅެއްގެ މާނައިގައި ވަނީ "ފަހެ، ތިޔަބައިމީހުން އެކަން ނުދަންނަނީ ނަމަ، ދެނެތިބުމާއި ހަނދާން ހުރުމުގެ އަހުލުވެރިން ކުރެ ތިޔަބައިމީހުން އަހާށެވެ!" މިގޮތަށް އޮޅުންފިލުވާއިރު ތަފާތު ކޮށް ބުނެދެވިގެން ދާ ނަމަ އެތަނުން ތިމާ ތަބާވާ ވަކި މަޒުހަބެއްގެ ރައުޔުގައި ހިފިދާނެ އެވެ.

ނަމަވެސް މިގޮތަށް ތަބާވާއިރު ތިމާ ތަބާވި ގޮތް އެއީ ހަމައެކަނި ދީން ކަމަށް ބަލައިގެން ނުވާނެ އެވެ. ހަމަ އެފަދައިން މުޖުތަހިދު އެއްވެސް ޢިލްމުވެރިއަކު ޝަރަޙަ ކުރައްވާފައި ނުވާ އެއްވެސް ގޮތެއް އެއީ ދީން ކަމަށް ބަލައިގެން ވެސް ނުވާނެ އެވެ.

މިސާލަކަށް އިޒާރު (ފަޓްލޫނު ނުވަތަ މުންޑު)ގެ ތިރީބައިން ތަނބިކަށި ފޮރުވިފައިވުން އެއީ ކަނޑައެޅިގެން ޙަރާމް ކަމެއްކަމަށް ބައެއް އިލްމުވެރިން ވިދާޅުވެ އެވެ. ނަމަވެސް މިއީ މިކަމުގައި ހަމައެކަނި އޮތް ރައުޔު ކަމުގައި ބަލައި ތަނބިކަށި ނިވާކުރާ ކޮންމެ މީހަކީ ދީނުން ބޭރުވެފައިވާ، އަދި ނަރަކަ އިން ޖާގަ ލިބިފައިވާ މީހެއް ކަމަށް ނިންމިދާނެ ބާވަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ވާރިދުވެފައިވާ ހުރިހާ ޙަދީޘްފުޅުތަކާއި، ދީނުގެ މައިގަނޑު އުޞޫލުތަކުގެ އަލީގައި ޢިލްމުވެރިން އިޖުތިހާދު ކުރެއްވުމަށް ފަހު އެހެން ގޮތަކަށް ޢިލްމުވެރިން ވިދާޅުވާ ހާލަތުގައި އެ ރައުޔުތަކަށް އެއްވެސް ބުރަދަނެއް ދެވިގެން ނުވާނެ ހެއްޔެވެ؟ ސައްހަ މާނަކަމުގައި ވުމުގެ އިޙްތިމާލު އޮތް ހަމައެކަނި އެންމެ ގޮތެއް އެއީ ދީން ކަމުގައި ބަލާނީ ހެއްޔެވެ؟

އެހެންކަމަށް ވާނަމަ އެއީ އެ ޙަދީޘްފުޅުގެ މުރާދުކަން ކަށަވަރު ކުރާނީ ކިހިނެއް ހެއްޔެވެ؟ އެ ޙަދީޘްގެ ބޭރުފުށުން ފެންނަ މާނަތަކުގެ ތެރެއިން އެންމެ މާނައަކަށް ބަލައި ނިންމާލާނީ ހެއްޔެވެ؟ ދީނުގެ މައިގަނޑު އުޞޫލުތަކާއި ހުކުމްތައް ދެނެގަތުމުގެ އެންމެހާ މަންހަޖުތަކަށް ތަބާވެ އެ މައްސަލަ ޝަރަޙަ ކުރައްވާފައިވާ ބޭފުޅުންގެ ރައުޔަށް އެއްވެސް ބުރަދަނެއް ނުލިބޭނެ ހެއްޔެވެ؟ ޢިލްމީ އަމާނާތްތެރިކަމަށް ސަމާލުވުމާއި ހަގީގަތަށް ވާސިލުވާން ބޭނުންވާ ނަމަ މިފަދައިން އަމަލު ކޮށްގެން ނުވާނެ އެވެ.

ވީމާ އިޚްތިލާފު ހުރި މައްސަލަތަކުގައި ނައްޞުތައް ޝަރަޙަ ކުރެއްވުމުގައި ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ޢަމަލު ކުރުމުން އެއީ ދީނާ ޚިލާފުވީ ކަމަށް ބަލައިގެން ނުވާނެއެވެ. އަދި ތިމާއަށް ވިސްނުނު، ނުވަތަ އެހެން ބަޔަކު ތިމާ އަށް ވިސްނައިދިން ގޮތް ގަބޫލު ނުކުރާ މީހުންނަކީ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށް ތަބާނުވާ މީހުން ކަމުގައި ބަލައިގެންވެސް ނުވާނެ އެވެ.