ނޯތު ކޮރެއާ ކުންފުނިތައް ޗައިނާ އިން ބަންދުކުރަނީ
ނޯތު ކޮރެއާ ކުންފުނިތައް ޗައިނާ އިން ބަންދުކުރަނީ

ބެއިޖިން (ސެޕްޓެމްބަރު 29) - ޗައިނާގައި ހިންގާ ނޯތު ކޮރެއާގެ ކުންފުނިތައް ބަންދު ކުރަން އަންގައިފި އެވެ.

ޗައިނާ އިން ބުނީ މި ފިޔަވަޅު އަޅަނީ އދ.ގެ ސަލާމަތީ މަޖިލީހުން ނޯތު ކޮރެއާއާ ދެކޮޅަށް ފާސްކުރި ގަރާރަށް ބޯލެނބުމުގެ ގޮތުން ކަމަށެވެ. ޗައިނާގައި ހިންގާ ނޯތު ކޮރެއާގެ ކުންފުނިތައް ޖެނުއަރީ މަހުގެ ކުރިން ބަންދު ކުރަންޖެހެ އެވެ. އަދި ޗައިނާ އާއި ނޯތު ކޮރެއާގެ ޖޮއިންޓް ވެންޗާތައް ވެސް ބަންދު ކުރަން ޖެހެ އެވެ.

ޗައިނާ އަކީ ނޯތު ކޮރެއާގެ ވިޔަފާރީގައި މުހިންމު ބައިވެރިއެކެވެ. އެކަމަކު އދ.ގެ ގަރާރަށް ކިޔަވަންވުމުގެ ގޮތުން ޗައިނާ އިން މިހާރު ވަނީ ނޯތު ކޮރެއާގެ ޓެކްސްޓައިލް ވިޔަފާރި ހުއްޓުވައި އެ ގައުމަށް ތެޔޮ އެކްސްޕޯޓް ކުރުން ލިމިޓް ކޮށްފަ އެވެ. ނޯތު ކޮރެއާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ސަލާމަތީ މަޖިލީހުން ފާސް ކުރީ މި މަހު 11 ވަނަ ދުވަހު އެވެ.

ނޯތު ކޮރެއާ އިން ކުރަމުން ގެންދާ މިސައިލްތަކާ ގުޅިގެން އެ ގައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު ޗައިނާ އިން އެޅުމަށް އެންމެ ބޮޑަށް ބާރު އެޅުއްވި އެއް ފަރާތަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ރައީސް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވަނީ ދާދި ފަހުން ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.