29 ސެޕްޓެމްބަރ 2017 - 12:56

ލަންޑަން (ސެޕްޓެމްބަރު 29) – މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ ދަތުރުކުރަމުން ދިޔަ ކާރެއް ނެދަލެންޑްސްގައި އެކްސިޑެންޓްވެ އޭނާ އަށް އަނިޔާވެއްޖެ އެވެ.
އަނިޔާގެ ތަފްސީލް ސިޓީން ހާމަކޮށްފައިނުވާއިރު އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އަގުއޭރޯ މިއަދު މެންޗެސްޓާ އަށް އައުމުން ކްލަބުގެ ޑޮކްޓަރުން އޭނާގެ ހާލަތު ބަލާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އަގުއޭރޯގެ ބުރަކަށީގެ ބަދައެއްގައި ވަނީ ރެނދުލައިފަ އެވެ. އެހެންވެއްޖެ ނަމަ އޭނާ ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވެ އެވެ.
ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްސިޑެންޓްވެފައިވަނީ އޭނާ ނެދަލެންޑްސްގެ ވެރިރަށް އެމްސްޓެޑަމްގައި އޮތް މިއުޒިކް ކޮންސެޓެއް ބެލުމަށް ފަހު އެނބުރި މެންޗެސްޓާ އަށް ދިއުމަށް އެއާޕޯޓަށް ދަތުރުކުރަމުން ދިޔަ ޓެކްސީ އެވެ. އެ ކާރު ގޮސް އެރީ ޕޭވްމަންޓް މަތީގައި ޖަހާފައި ހުރި ހޮޅި ދަނޑިއަކަށެވެ.
އޭނާ އެމްސްޓެޑަމް އަށް ދިޔައީ އިއްޔެ އަކީ ޗުއްޓީ ދުވަހަކަށް ވުމުންނެވެ.
މި ސީޒަނުގައި މިހާތަނަށް އަށް މެޗުން ހަތް ގޯލް ޖަހާފައިވާ ފޯވާޑް ކުޅުމާ ދުރަށް ދާން ޖެހިއްޖެ ނަމަ އެއީ ސިޓީ އަށް ކުރިމަތިވާނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ އެވެ. އަނިޔާގެ ތަފްސީލްތައް އަދި ލިބިފައިނުވީ ނަމަވެސް ބެލެވޭ ގޮތުގައި ޕްރިމިއާ ލީގުގައި މާދަމާ ޗެލްސީއާ ދެކޮޅަށް އޭނާ އަށް ނުކުޅެވޭނެ އެވެ.
ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އިން ޕެރޫ އާއި އިކުއެޑޯއާ ދެކޮޅަށް މުހިއްމު މެޗުތަކެއް ކުޅެން ހަމަޖެހިފައިވާއިރު އަގުއޭރޯ ނެތިއްޖެ ނަމަ އެ ޓީމަށް ވެސް މައްސަލަތަކެއް ދިމާވާނެ އެވެ.