01 ޖުލައި 2016 - 13:40

(ޖޫން 29 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"ކޮބާ މިހާރު މާޒިންގެ އެއްވެސް ޚަބަރެއް ވެއްޖެތަ؟" ދާނިޔާގެ މެޔަށް ފިނި ފެން އެއްޗެއް އޮއްސައިލިހެން ހީވި އެވެ. ދޭނެ ޖަވާބެއް ނޭނގި އިރުކޮޅަކު ހުރުމަށް ފަހު އާގަންނަމުން ބުނެވުނީ، "ތިހެން ތި އެހީ ކީއްވެ؟"
"މަ މި ހުރީ ޕޮލިސްގެ ކުޑަ އިވެންޓަކަށް އައިސް ގުރައިދޫގަ. މި ދަނީ މާލެ އަށް ފުރަން. މަށަށް މާޒިންއާ ވައްތަރު މީހަކު ފެނުނު ހެން ހީވާތީ މި އަހާލީ. ދެން އެކަމު އެހާ ވައްތަރީކީ ވެސް ނޫން." ދާނިޔާ އަށް އެހާ ބޮޑަށް އަސަރު ކުރިޔަ ނުދިނުމަށްޓަކައި ޒުމްރާ އޭނާގެ ވާހަކައިގެ ރާގު ބަދަލުކޮށްލި އެވެ.
"ނޫން އެއްވެސް ޚަބަރެއް ނުވޭ. އާއިލާ މީހުން ވެސް މިހާރު ގަބޫލުކުރަނީ މާޒިން މި ދުނިޔޭގައި ނެތް ކަމަށް. ފުލުހުން ވެސް އެއްވެސް އެއްޗެއް ނުބުނެ. އޭނާ މި ރަށުން އެހެން ތަނަކަށް ދިޔަ ކަމެއް ވެސް، މާލެ އަށް ދިޔަ ކަމެއް ވެސް ފުލުހުންނަކަށް ވެސް ނޭނގޭ. ގެއްލުނީ ކަމެއް ވެސް މަރުވީ ކަމެއް ވެސް ނޫނީ ވީ ކިހިނެއް ކަމެއް ވެސް ނުބުނޭ،" ދާނިޔާގެ ހިތުގައި މިހާރު ވެސް ފުރިފައި ވަނީ ހިތްދަތިކަމާއި ފުން ހިތާމަ އިން ކަން އޭނާގެ އަޑުން ޒުމްރާ އަށް އެނގުނެވެ.
"މިހާރު ލޯންޗަށް މި އަރަނީ މާލެ ދާން. އެ ކަމާ ވާހަކަ ދައްކަން، ހަމަޖެހިލައިގެން މާދަމާ ގުޅާނަން. ސީ ޔޫ، ބާއި،" ލޯންޗުގެ އިންޖީނުގެ އަޑާ ހެދި އެއްޗެއް ނުބުނެވި ހުއްޓާ ޒުމްރާ ފޯނު ކަނޑައިލި އެވެ.
ދާނިޔާ އަށް މާދަމާ މާ ލަހެވެ. މި ރޭ ވެސް މާ ދިގެވެ. އޭނާގެ ހިތް އެދެނީ މި ސިކުންތުން އިރު އަރައި އަނެއް ދުވަސް ފެށުމެވެ. އޭނާގެ ހިތް އަބަދު ވެސް ޔަގީންކަން ދެނީ މާޒިން ދުނިޔޭގައި އެބަހުރި ކަމަށެވެ. އެކަން ސާބިތުވާން އުޅެނީ ކަމުގައި ގަބޫލުކުރެވުނެވެ.
ދާލީ ނިންދަވަން އޮތް އިރު ވެސް، ދާނިޔާ އަށް އިރުއިރުކޮޅާ ގަޑި ބަލައިލެވެ އެވެ. ރޭގަނޑުން ބާކީ އޮތީ ކިހާ ވަގުތެއް ކަން ހިތުން ހިސާބުކޮށްލެވެ އެވެ. ދަރިފުޅު ނިދައި އެތައް އިރެއްވި އިރު ވެސް، ދާނިޔާ އޮތީ އެ ފިކުރުގެ ތެރޭގަ އެވެ. ލޮލަށް ބަރުވެ އެސްފިޔަތައް ތަތްވެ އެވެ. އެކަމަކު ވެސް ނިދަން ބޭނުމެއް ނުވެ އެވެ.
ސިހިގެން ގޮސް ހޭލެވުނީ ބާލީސް ދަށުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ލޯ ހުޅުވައި ބަލައިލި އިރު، ކޮޓަރީގެ ދޮރުކަންޏާއި ފާރާ ދޭތެރެ އިން އިރުގެ ހިމަ ދޯއްޖެއް ވަދެ ކޮޓަރިތެރެ އިން ވަނީ ރޭގަނޑުގެ އަނދިރިކަން ގެންގޮސްފަ އެވެ. ލޭންޑް ލައިނަކުން ކަމަށް ވިޔަސް، އެއީ ޒުމްރާގެ ކޯލެއް ކަން ކަށަވަރުވާތީ ހަލޯވ އޭ ބުނަމުން އެނދުން ތެދުވެ ބެލްކަންޏަށް ނުކުތެވެ.
"މި ގުޅީ ރޭގައި ފެށި ވާހަކަ ފުރިހަމަ ކުރަން. މަށަށް އެނގޭ ދާނިޔާ ރޭ ހުރީ ވަރަށް ހާސްވެފައި ކަން ވެސް އަދި ދެރަވެފައި ކަން ވެސް. ރޭގައި ރަނގަޅަށް ނުވެސް ނިދޭނެ ކަން ވެސް އެނގޭ. އެކަމަކު އަހަރެންގެ ދެލޯ ދޮގެއް ނުހަދާނެ،" ޒުމްރާގެ ވާހަކަތައް ކަނުލައި އަޑުއަހަން ދާނިޔާ ހުރީ، ބެލްކަނީގައި މާޒިން އޭނާ ގޮވައިގެން އާންމުކޮށް ލެނގިލައިގެން ހުންނަ ތަނުގައި ލެނގިލައިގެންނެވެ.
އިއްޔެ ގުރައިދޫ މަރުކަޒުން ޒުމްރާ އަށް ފެނުނު ފަޒީލްގެ ހުރިހާ ސިފަތަކެއް ދާނިޔާ އަށް ކިޔައިދިނެވެ. ފަޒީލަކީ މާޒިން ކަން ޔަގީންވާ ކަމާއި ނަމަވެސް އޭނާ ހުރީ ސިކުނޑި މޮޔަވެފައި ކަން ޒުމްރާ ކިޔައިދެމުން ދިޔަ އިރު، ދާނިޔާގެ ދެ ކޯތާފަތް ތެމެމުން ދިޔަ އެވެ.
"މިކަން އަހަރެން އަދި ބަލާނަން. މާޒިން އަށް އެ ހާލަތު ދިމާވީ ކިހިނެއް ކަން ވެސް ހޯދޭނެ. އެކަމު އެންމެ މުހިންމީ އޭނާއަކީ މާޒިން ކަން އޭނާ އަށް ގަބޫލުކުރެވޭ ވަރަށް އޭނާގެ ސިކުނޑި ހަމަޖެއްސުން. އަހަރެން މީގެ ފަހުން ކޮންމެ ދުވަހަކު ދާނީ އަށް ގުޅާފަ އަޕްޑޭޓްތައް ދޭނަން. ހިތްވަރު ގަދަ ކުރޭ. ދެރަ ނުވޭ އިނގޭ،" އެ ހުރިހާ ވާހަކަތަކެއް ދައްކަމުން ދިޔަ އިރު ދާނިޔާގެ ގިސްލުމުގެ އަޑު ޒުމްރާ އަށް އިވެ އެވެ.
ޒުމްރާ ފޯނު ބޭއްވުމުން ދާނިޔާ އަށް ދުއްވައިގަނެވުނީ ކޮޓަރި ތެރެއަށެވެ. އެނދުމައްޗަށް ވެއްޓިގަނެ، ނިދާފައި އޮތް ދާލީގެ ގައިގައި ބައްދައިގަނެ ގިސްލަ ގިސްލާފައި ރޯން ފެށި އެވެ. ދާލީގެ މޫނުގެ އެކި ތަންތާނގައި ބޮސްދެމުން ގަޔާލައި ބޮނޑި ކުރަމުން ދިޔައީ، އެއީ މާޒިން އޭނާ އަށް ދިން އެންމެ އަގުބޮޑު ހަދިޔާކަމަށްވީތީ އެވެ. ދެބަފައިން ވައްތަރުކަމުން ދާލީގެ މޫނުން މާޒިން ސޫރަ ކުރެވޭތީ އެވެ.
****
ޒުމްރާ، ގުރައިދޫ މަރުކަޒުން ގެނައި ލިޔުންތައް ބަލައި ދިރާސާކުރަން ފެށި އެވެ. ފަޒީލް ކަނޑަށް އެރެން އުޅުނު ގޮތާއި އޭނާ ސަލާމަތް ކުރި ގޮތުގެ ޕޮލިސް ރިޕޯޓާއި މަރުކަޒުގައި އޭނާ އަށް ފަރުވާ ދެމުން ދިޔަ ގޮތުގެ ރިޕޯޓްތައް ވެސް، އިން ތާނގައި އިނދެ ކިޔައި ނިންމި އެވެ. އަދި ފަޒީލްގެ އައިޑީ ކާޑަކީ ރަނގަޅު އެއްޗެއްތޯ ބެލުމުގެ މަސައްކަތް ޒުމްރާ ފެށި އެވެ.
ނޭޝަނަލް ރެޖިސްޓްރޭޝަންގެ އައިޑީކާޑް ޑޭޓާ ބޭސްއާ އަޅައި ކިޔުމުން، ފަޒީލްގެ އަތުގައި އޮތް އައިޑީ ކާޑަކީ ރަނގަޅު އައިޑީކާޑެއް ކަން އެނގުނެވެ. އޭނާގެ ނަމަކީ ހަމަ ފަޒީލް އެވެ. އެއީ މާޒިންއެއް ނޫނެވެ. މޫނުގެ ސިފައިގައި އެއްވެސް ތަފާތެއް ނެތަސް ޒުމްރާ އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވި އެވެ. އެހެންކަމުން ރެކްގައި ޖަހާފައި ހުރި ބޮކްސް ފައިލްތައް ބަލަން ފެށި އެވެ. އޭނާ ބޭނުންވާ ފައިލް ފެނުމުން ހިފައިގެން އައިސް ގޮނޑީގައި ހަމަޖެހިލި އެވެ.
އެ ފައިލުން، މާޒިން ފުލުހުންގެ ވަޒީފާ އަށް އެދި ހުށަހެޅި ފޯމް ހޯދައިގެން ބަލަން ފެށި އެވެ. އެ ފޯމުން މާޒިންގެ އައިޑީކާޑު ނަންބަރު ހޯދައި، ނޭޝަނަލް ރެޖިސްޓްރޭޝަންގެ އައިޑީ ކާޑް ޑޭޓާބޭސް އިން އެ ކާޑުގެ ހުރިހާ މައުލޫމާތެއް ހޯދި އެވެ. ޒުމްރާ އަށް ލިބުނީ ހައިރާން ކަމެވެ. އެ ހުރިހާ މައުލޫމާތެއް މާޒިންގެ ފޯމްގައި ހުރި ހުރިހާ މައުލޫމާތާ ދިމާވެ އެވެ. އުފަން ދުވަހާއި ނަމާއި އެޑްރެހާއި އުފަން ރަށާއި މައިންބަފައިންގެ ނަމުގައި ވެސް އެއްވެސް ތަފާތެއް ނެތެވެ.
ނަމަވެސް އެއީ މާޒިންގެ ފޮޓޯއެއް ނޫނެވެ. ގޭންގު ލީޑަރަކާ ވައްތަރު ގޮތެއް ހުންނަ ނުބައި ސިފައެއްގައި ހުރި ކޮންމެވެސް އެހެން މީހެއްގެ ފޮޓޯއެކެވެ. މިއީ ބޮޑު އޮޅުވައިލުމެއް ކަން ޔަގީންވުމުން ފުލުހުންގެ ޑޭޓާބޭސް އިން އެ ދެ އައިޑީކާޑްގެ ހަގީގަތް ހޯދަން ޒުމްރާ ގަސްދުކުރި އެވެ. އަދި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޓިވް ޑިޕާޓްމަންޓުގައި އުޅޭ، ޒުމްރާ ވަރަށް އިތުބާރުކުރާ ކުއްޖަކަށް އިންޓަކަމް އިން ގުޅައި ގެނަ އެވެ.
"މި ދެ އައިޑީ ކާޑު އިންވެސްޓިގޭޓް ކޮށްދީބަލަ އަހަރެމެންގެ ޑޭޓާބޭސް އިން. މިކަން އެހެން އެއްވެސް މީހަކަށް އެނގިގެން ނުވާނެ. މިހާރުން މިހާރަށް ރިޒަލްޓް ބޭނުންވާނެ. މިއީ ނުރަސްމީ ކަމެއް ކަން ހަނދާނުގައި ބަހައްޓާތި،" ޒުމްރާ ބޭނުންވާ ހުރިހާ ކަމެއް ފައްޗަކަށް އަމުނައިލުމުން، އެ ދެ އައިޑީކާޑްގެ ކޮޕީތައް ހިފައިގެން އޭނާ ދިޔަ އެވެ.
އޭނާ ދިޔުމުން ޒުމްރާ އަނެއްކާ ވެސް އިންޓަކަމް އިން ގުޅައި އެހެން ފުލުހަކު ގެނަ އެވެ.
"އަން މި ތަށި ހިފައިގެންދޭ. މި ދެ ފޮޓޯކޮޕީ ވެސް ގެންދޭ." ޓިޝުއެއް އޮޅާލާފައި އޮތް ބިއްލޫރި ތައްޓެއް ޒުމްރާގެ އަތްދަބަހުން ނެގި އެވެ. އެއީ ފަޒީލް އެ ދުވަހު ކޯކް ބުއި ތައްޓެވެ، މޭޒު މަތީގައި އޮތް ދެ ކަރުދާސްގަނޑާ އެކު އެ ތަށި ފުލުހުގެ އަތަށް ދިނެވެ.
"މި ތަށީގައި ހުރި ފިންގަޕްރިންޓް ރިކަވާ ކޮށްފައި، މި ދެ އައިޑީ ކާޑުގައިވާ މީހުންގެ ތެރެއިން މެޗްވަނީ ކާކުގެ ފިންގަޕްރިންޓަކާތޯ ބަލައިދީ. އެންމެ ފުރަތަމަ އެނަލައިޒް ކުރާނީ ނޭޝަނަލް ރެޖިސްޓްރޭޝަންސްގެ ޑޭޓާބޭސްގައި ހުރި ފިންގާ ޕްރިންޓާ މެޗް ވޭތޯ. ދެން އޭގެ ފަހުން ބަލާނީ އަހަރެމެންގެ ޑޭޓާބޭސްގައި ހުރި މި ދެ އައިޑީގެ ފިންގާޕްރިންޓާ މެޗްވޭތޯ. ވީ އެންމެ އަވަހަކަށް ރިޒަލްޓް ބޭނުންވާނެ އިނގޭ. ހަނދާންކުރާތީ މީ އަންއޮފިޝަލް އިނގޭ. ރަސްމީ އެއްވެސް ޑޮކިމެންޓެއް ނުހަދާތި. ކޮށްލަދޭނަން ދޯ! މިއަދު އެބަ ހުރިތަ ވަރަށް ބައިވަރު މަސައްކަތް؟" ޒުމްރާ އާދޭހުގެ ރާގެއްގައި އޭނާގެ ވާހަކަ ނިންމައިލި އެވެ.
"މިހާރު މި އައީ ކުރީ ރޭ ފަޅައިލި ފިހާރައިގެ ތެރެއިން ފެނުނު ޑީއެންއޭ ސާމްޕަލް އެނަލައިޒް ކުރަން ޖައްސާފައި. ބައި ގަޑިއެއްހާ އިރު ތެރޭގައި އެކަން ނިމޭނެ. އިތުރު އެހެން ކަމެއް ނެތް. އޭތި ނިމުނީމާ މި ކަން ނިންމާލެވޭނެ މާ ގިނަ އިރެއް ނުވެ،" ފޮރެންސިކް ލެބްގައި މަސައްކަތް ކުރާ، ޒުމްރާގެ ދެބެންގެ ދެދަރި ކޮއްކޮ އެ ކޮޓަރިން ނުކުންނަމުން ބުންޏެވެ.
****
އޭގެ އެއް ހަފުތާ ފަހެވެ. ދާނިޔާ އޭނާގެ ދަރިފުޅު ގޮވައިގެން އެނދުމަތީގައި އޮތީ ކައިވެނީގެ ހަފްލާގެ ފޮޓޯތައް ލެޕްޓޮޕުން ބަލާށެވެ. ފޮޓޯތަކުން ފެންނަ މީހުންނާ ބެހޭ ގޮތުން ދާލީ ސުވާލު ކުރަމުންދެ އެވެ. ސުވާލުތައް ގިނަވެފައި ފޮޓޯތައް އަވަސް އަވަހަށް ބަދަލުކުރަންޖެހޭ ވަރުން ދާނިޔާ އަށް މާ ގިނަ އިރު އެއްވެސް ފޮޓޯއެއް ބެލޭ ގޮތެއް ނުވެ އެވެ. ނަމަވެސް އެއިން ކޮންމެ ފޮޓޯއަކުން އޭނާގެ ހަނދާންތައް މާޒިންއާ ގާތަށް އޭނާ ގެންގޮސްދެ އެވެ.
ކައިވެނި ޕާޓީ އަށް ފަހު، އެރޭ އެ މީހުން ހޭދަކުރި އުފާވެރި ވަގުތުތަކާއި، ލޯބީގެ ހަދިޔާއެއްގެ ގޮތުން ދާނިޔާ އަށް މާޒިން ދިން ކުޑަކުޑަ ރީތި ގޭގައި އެމީހުންގެ ހަނީމޫން ފެށިގެން ދިޔަ ގޮތް ސިކުނޑީގެ ތެރޭގައި ސިފަވަމުން ދިޔަ އެވެ. ކުޑަކުއްޖެއްގެ ގޮތުގައި ހުރި ދާނިޔާ، ފުރިހަމަ އަންހެނަކަށް ބަދަލުވެގެން ދިޔައީ މާޒިންގެ ސަބަބުން ކަން ހަނދާނަށް ވެރިވަމުން ދިޔަ އެވެ. ލޯތްބަކީ ކޮން އެއްޗެއް ކަމާއި ފޫހިވުމެއް ނެތި ލޯތްބާ އެކު ދިރިއުޅޭނެ ގޮތް ދަސްކޮށްދިނީ މާޒިންގެ ލޯބި ހަރަކާތްތަކުން ކަން ދާނިޔާގެ ހިތުގައި ފެވެމުން ދިޔަ އެވެ.
"މަންމާ! ކޮއްކޮ ދައްކާ ވާހަކަ އަޑެއް ނީވޭތަ؟" ދާނިޔާ ފޮޓޯގަނޑަކަށް ގެއްލިފައި އެތައް އިރެއްވީ އިރު ވެސް ދާލީ ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދިނުމުން، މަންމަގެ ކޮލުގައި ހިފާލަމުން ދާލީ ބުންޏެވެ.
"މަންމާ މި ފޮޓޯއެއްނު މޭޒުމަތީގައި ބޮޑުކޮށްފައި އެ އިނީ ވެސް. މަންމަ ކޮންމެ ދުވަހަކު ރީތިވާ އިރު ވެސް އެ ފޮޓޯ އަށް ގެއްލިފައި ހުންނާނީ. ކީއްވެތައް މި ފޮޓޯ އެކަނި ބޮޑުކޮށްފައި އެ ހުރީ. ކޮއްކޮ ބޭނުމީ ބައްޕަގެ ހުރިހާ ފޮޓޯތައް އެ ގޮތަށް ބޮޑުކޮށްފައި މި ހުރިހާ ފާރުތަކުގައި ހަރުކުރަން. އޭރުން ބައްޕަ އަންނަ ދުވަހުން ބައްޕަ އަށް ވާނީ ސަޕްރައިޒަކަށް." ދާލީގެ ވާހަކަ ނިންމައިލި އިރު، ކަރުނަ ފޫދެމުން ދިޔަ ދެލޮލުގެ ކަޅި ހުއްޓިފައި އޮތީ ކައިވެނި ޕާޓީ ނިމިގެން އެންމެން ނުކުތް ފަހުން ނެގި ފޮޓޯއަކަށެވެ.
އެ ފޮޓޯގަނޑު ޚާއްސަވާ ސަބަބު ދާލީގެ އެ ކުޑަކުޑަ ސިކުނޑި އަށް ނުވިސްނޭނެތީ ދާނިޔާ ވަކި ޖަވާބެއް ނުދެ އެވެ. ނަމަވެސް އެ ފޮޓޯ ނެގި ހިނދުކޮޅު، ދެންމެ ދެންމެ ވީ ކަމެއް ހެން ދާނިޔާގެ ސިކުނޑީގައި މަންޒަރުވާން ފެށި އެވެ.
(ނުނިމޭ)