29 ސެޕްޓެމްބަރ 2017 - 12:40

ސިޑްނީ (ސެޕްޓެމްބަރު 29) - ސައުދީ އަރަބިއާގައި އަންހެނުން ކާރު ދުއްވުމުގެ ހުއްދަ ލިބުމާ އެކު ގައުމަށް ގޮސް ކާރު ދުއްވާ ފުރަތަމަ އަންހެނުންގެ ތެރޭގައި ހިމެނޭނެ ކަމަށް ސައުދީގައި އަންހެނުން ކާރު ދުއްވުމަށް ހިތްވަރު ދިން އެކްޓިވިސްޓް މަނާލް އަލް ޝާރިފް ބުނެފި އެވެ.

އޮސްޓްރޭލިއާގައި މިހާރު ދިރިއުޅޭ މަނާލް ވަނީ ސައުދީގައި ފެށި "ވިމެން2ޑްރައިވް" ކެމްޕޭނުގެ ތެރޭގައި 2011 ވަނަ އަހަރު ކާރު ދުއްވައިގެން ނުވަ ދުވަހަށް ޖަލުގައި ބަންދުކޮށްފަ އެވެ. އޭނާ ވަނީ އިރުމަތީގެ ޚޮބާރު ސިޓީގައި ކާރު ދުއްވި މަންޒަރު ފޭސްބުކަށް އަޕްލޯޑްކޮށްފަ އެވެ.
މަނާލް ބުނީ އަންނަ ޖޫން މަހުން ފެށިގެން ސައުދީގައި އަންހެނުންނަށް ކާރު ދުއްވޭނެކަން ރަސްގެފާންގެ ގަރާރަކުން އިއުލާން ކުރުމާ އެކު އުފަލުން އޭނާ އަށް ރޮވުނު ކަމަށެވެ.
"އަހަން ލިބުނު އުފާ ބަޔާންކޮށްދޭން ވެސް ނޭނގުނު. އެއީ ހަމަ ހަގީގަތުގައި ވެސް ތާރީޚީ ދުވަހެއް،" އޮސްޓްރޭލިއާގެ ނޫހަކަށް އޭނާ ބުންޏެވެ.
ސައުދީގެ ޖަލުން ދޫކޮށްލުމާ އެކު މަނާލް ދިރިއުޅެނީ އޮސްޓްރޭލިއާގަ އެވެ. އޭނާ ބުނީ ހުއްދަ ލިބުމުން އޭނާ ނިންމާފައި ވަނީ ސައުދީ އަށް ދާން ކަމަށެވެ. އަދި ގާނޫނާ އެއްގޮތަށް ކާރު ދުއްވަން ކަމަށެވެ.
"އަހަރެން ދުއްވި ކާރު އަދިވެސް އެބައޮތް. ކާރު ދުއްވުން ހުއްޓާލަން އަހަރެން ދެކޮޅު ހެދިން. އެހެންވެ އާއިލާ އިން ވަނީ އެ ކާރު އަހަންނަށް ބާއްވާފައި. ދެން އަހަރެން ކާރު ދުއްވާނީ ހުއްދައާ އެކު،" މަނާލް ބުންޏެވެ.
މަނާލް އަކީ ސައުދީގައި އަންހެނުން ކާރު ދުއްވުމުގެ ހުއްދަ ހޯދަން އެންމެ ބޮޑަށް ކެމްޕޭންކުރި އެކަކެވެ. އޭނާ މި އަހަރު ވަނީ "ޑެއާރިން ޓު ޑްރައިވް" ގެ ނަމުގައި ފޮތެއް ވެސް ނެރެފަ އެވެ.
ނިއު ޔޯކް ޓައިމްސްގައި ޖޫން މަހު ލިޔުނު ޚިޔާލު ކޮލަމެއްގައި މަނާލް ބުނެފައި ވަނީ ކާރު ދުއްވައިގެން އޭނާ އަށް ބޮޑެތި އަދަބު ދޭން އިމާމުން ބޭނުންވި ކަމަށެވެ. އަދި މަރުގެ އިންޒާރުތައް ލިބެން ފެށުމުން ސައުދީ ދޫކޮށް ދާން މަޖްބޫރުވީ ކަމަށް އޭނާ ބުންޏެވެ.