ޕާކިސްތާން ވޮލީ ތަރި: "ދިވެހިންނަށް ފުރުސަތު ހޯދައިދީ"
ޕާކިސްތާން ވޮލީ ތަރި: "ދިވެހިންނަށް ފުރުސަތު ހޯދައިދީ"

ދިވެހިވޮލީބޯޅަ ކުޅުންތެރިންގެ ކިބައިގައި ހުނަރު އެބަހުރި ކަމަށާއި އެ ކުޅުންތެރިން ކުރިއެރުވުމަށް ބޭނުންވަނީ ގިނަ ފުރުސަތުތަކެއް ކަމަށް މޯލްޑިވިއަން ރެކްރިއޭޝަން ކްލަބަށް ކުޅޭ ޕާކިސްތާން ގައުމީ ޓީމުގެ ކުޅުންތެރިއާ މުރާދު ޖީހާން ބުނެފި އެވެ.

ޕާކިސްތާން ވޮލީ ތަރި: "ދިވެހިންނަށް ފުރުސަތު ހޯދައިދީ"
ޕާކިސްތާން ވޮލީ ތަރި: "ދިވެހިންނަށް ފުރުސަތު ހޯދައިދީ"

ސީލައިފް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައި މޯލްޑިވިއަން އިން ވީއޭއެމް އެސޯސިއޭޝަން ކަޕް ކާމިޔާބުކުރިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ މުރާދެވެ. މިދިޔަ އަހަރު ދިވެހި ސިފައިންގެ ކްލަބަށް ކުޅުނު މުރާދު ވަނީ ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ވެސް އެންމެ ފަހުން އޮތް ސާފް ގޭމްސްގައި ކުޅެފަ އެވެ.

"އިންޝާﷲ. މި ކާމިޔާބީ އަކީ ހަމައެކަނި އަހަރެންގެ މަސައްކަތެއް ނޫން. މިއީ މުޅި ޓީމުގެ މަސައްކަތް. އިންޑިވިޖުއަލް އެވޯޑަށް ވުރެ އަހަރެން ވިސްނަނީ ޓީމަށް. މުޅި ޓީމުގެ ކާމިޔާބީ އަހަންނަށް މާ މުހިއްމު،" މެޗަށް ފަހު މުރާދު ބުންޏެވެ.

މި ފަަހަރުގެ މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އަނެއް ކުޅުންތެރިއަކީ ސީލައިފަށް ކުޅޭ ޕާކިސްތާން ގައުމީ ޓީމުގެ މުބާޝިރު ރާޒާ އެވެ. ކުރިން ޕޮލިހަށް ކުޅުނު ރާޒާގެ ފަރާތުން ރޭގެ މެޗުގައި ވެސް މޮޅު ކުޅުމެއް ފެނުނުއިރު، ބަލިވީ ޓީމެއްގެ ގޮތުގައި އެ ޓީމަށް ނުކުޅެވުމުންނެވެ.

"އަހަރެންނާ މުބާޝިރު، ދެ މީހުން ވެސް ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި ކުޅެފިން. އަބަދުވެސް ރާއްޖެއާ ކުޅެން އުނދަގޫ. މިހާރު މި ކުޅުންތެރިން ކުރިއަރާފައިވާ މިންވަރު އަހަންނަށް ފެނިއްޖެ. ޝޮޓުތަކާއި ރިސީވިން ބައި ވަރަށް ރަނގަޅު މައްސަލަ އުޅެނީ ޑިފެންސް ކުރުމުގައި،" މުރާދު ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ކުޅުންތެރިންނަށް ބޭނުންވަނީ ބައިނަލްއަގްވާމީ ތަޖުރިބާ ކަމަށެވެ.

"ބޭރުގެ ކުޅުންތެރިން ގެނެސްގެން ވީހާވެސް ގިނަ މުބާރާތްތައް ނޫނީ މެޗުތައް ކުޅެންވީ. އެއީ ކުރަންވީ ކަމަކީ. ފުރުސަތު ހޯދައިދިން ވަރަކަށް ކުރިއަރާނީ. ބޭރުގެ ކުޅުންތެރިން ވެސް ގިނަކުރަންވީ އެއީ ވެސް އެއް ގޮތް،" މުރާދު ބުންޏެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ޓީމުތަކަށް ސަރަހައްދުގެ އެކި ގައުމުތަކުގެ ގައުމީ ޓީމަށް ކުޅޭ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވަނީ ކުޅެފަ އެވެ.