ޕާކިންސަންސް ބަލި މަޑުޖައްސާލެވިދާނެ ފަރުވާއެއް
ޕާކިންސަންސް ބަލި މަޑުޖައްސާލެވިދާނެ ފަރުވާއެއް

ޕާކިންސަންސް ބަލި ގޯސްވަމުންދާ މިންވަރު މަޑުޖައްސައިދީފާނެ ކަމަށް ބެލެވޭ ފަރުވާއަކަށް ސިއްހީ މާހިރުންގެ ސަމާލުކަން ލިބިއްޖެ އެވެ.

ވަރަށް ބޮޑު ކުރިއެރުމަކަށް ވެދާނެ ކަމަށް ބެލެވޭ މި ފަރުވާގެ ކްލިނިކަލް ޓްރަޔަލްއެއް އިނގިރޭސިވިލާތުގައި ވަނީ ހަދައިފަ އެވެ. ޕާކިންސަންސް ހުންނަ މީހުންނަށް "އެކްސެނެޓައިޑް" ކިޔާ ބޭހެއް ދިނުމުން އެ މީހުންގެ ހަރަކާތްތައް، އެ ބޭސް ނުދޭ އެ ބަލީގެ މީހުންނަށް ވުރެ މާ ރަނގަޅުކަން އެ ދިރާސާ އިން ވަނީ ފާހަގަކުރެވިފަ އެވެ. "އެކްސެނެޓައިޑް" އަކީ ހަކުރުބަލީގެ މީހުންނަށް ދިނުމުގެ ހުއްދަ އޮންނަ ބޭހެކެވެ.

ނިއުރޮލޮޖިސްޓެއް ކަމަށްވާ ތޯމަސް ފޮލްޓައިނީ އިސްވެ ހުންނަވައިގެން 48 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ދިރާސާ އިން ނަތީޖާ ނެރެވިއްޖެ ނަމަ، މިއީ ޕާކިންސަންސްގެ މިސްރާބު ބަދަލުކޮށްދޭނެ ފުރަތަމަ ބޭހަށް ވެގެންދާނެ ކަމަށް ސިއްހީ މާހިރުން ގަބޫލުކުރައްވަ އެވެ.

އެމެރިކާގައި މި ހަފްތާގައި ބޭއްވި ޕާކިންސަންސް ބަލީގެ މާހިރުންގެ ބައްދަލުވުމެއްގައި ފޮލްޓައިނީގެ ދިރާސާއާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

ދިރާސާގައި ފޮލްޓައިނީ ބޭނުންކުރައްވާފައިވަނީ މެދު މިންވަރަކަށް ޕާކިންސަންސް ބަލި ހުންނަ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ބޭސް ދެއްވި އިރު އަނެއްބައި މީހުންނަށް ބޭހެއް ނުދެއްވަ އެވެ. އޭނާ ބައްލަވާފައި ވަނީ ހަށިގަނޑުގެ ގުނަވަންތައް ހަރުވުމާއި ހަރަކާތް ލަސްވުމާއި، ތުރުތުރު އެޅުން ފަދަ، ޕާކިންސަންސް ބަލީގެ އަލާމާތްތަކަށެވެ. ކޮންމެ 12 ހަފްތާއަކުން އެއްފަހަރު ބަލި މީހުންގެ ހާލަތު ބެއްލެވި އެވެ.

ދިރާސާ އަށް އެއްއަހަރުވީ އިރު، "ޔުނިފައިޑް ޕާކިންސަންސް ޑިޒީސް ރޭޓިން ސްކޭލް"ގެ މިންގަނޑުން ބަލާ އިރު، ބޭސް ނުދޭ ބަލި މީހުންގެ ހާލަތު ވަނީ ދޭއް ނުވަތަ ތިން ދަރަޖަ ދަށަށް ގޮސްފަ އެވެ. ފޮލްޓައިނީ ވިދާޅުވީ އެއީ އާއްމު ހާލަތުގައި އެ ބަލި ގޯސްވަމުންދާނެ މިންވަރު ކަމަށެވެ. އެއާޚިލާފަށް، "އެކްސެނެޓައިޑް" ބޭސް ބޭނުންކުރި މީހުންގެ ހާލަތު ހުރީ ހަމަ އެއްގޮތެއްގައި ހިފެހެއްޓިފަ އެވެ. އެ މީހުންގެ އަލާމާތްތައް އެއްވެސް ވަރަކަށް ގޯހެއް ނުވެ އެވެ. އަދި 12 ހަފްތާގެ މުއްދަތަކަށް ބޭސް މެދުކަނޑާލި ފަހުން ވެސް އަލާމާތްތައް ގޯސްވެފައިވާ ނުވާ ކަމަށް ފޮލްޓައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ވަރަށް ޝައުގުވެރި ނަތީޖާއެއް ކަމަށާއި އެކަމަކު އެ ނަތީޖާ ދެވަނަ ފަހަރަށް ކަށަވަރުކޮށް އިތުރަށް ހަރުދަނާކުރުމަށް، ފުރަތަމަ ފަހަރަށް ވުރެ ގިނައިން ބަލި މީހުން ބޭނުންކޮށްގެން ދިރާސާ ތަކުރާރުކުރަން ޖެހޭނެ ކަމަށެވެ.