މައުލޫމާތު ހާމަކުރުމުގައި އެންމެ ފަހަތުގައި އުޅެނީ ކޯޓުތައް
މައުލޫމާތު ހާމަކުރުމުގައި އެންމެ ފަހަތުގައި އުޅެނީ ކޯޓުތައް

އަމިއްލަ އަށް އިސްނަގައިގެން ދައުލަތުގެ މުއައްސަސާތަކުން މައުލޫމާތު ހާމަކުރާ މިންވަރަށް ބަލާއިރު އެންމެ ކުޑަކޮށް އެކަން ކުރަނީ ކޯޓުތަކުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިއްޔެ ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ބައިނަލްއަގްވާމީ ދުވަހު އެ ޖަމްއިއްޔާ އިން ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ލާޒިމްކުރަނީ މައުލޫމާތަށް އެދޭ މީހުންނަށް އެކަނި އެ މައުލޫމާތު ފޯރުކޮށްދޭން ނޫން ކަމަށެވެ. އޭގެ އިތުރުން ރައްޔިތުންގެ މަސްލަހަތަށްޓަކައި ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް އަމިއްލަ އިސްނެގުމުގެ މަތިން ،އެ ގާނޫނުގައި ބުނެފައިވާ މައުލޫމާތުތައް، ޝާއިއުކުރަން ޖެހޭ ކަމަށް ބުންޏެވެ.

އެހެންކަމުން ޓްރާންސްޕޭރެންސީން ވަނީ ގާނޫނުގައި ބުނެފައިވާ ގޮތަށް އެފަދަ މައުލޫމާތު ދައުލަތުގެ އިދާރާތަކުން ޝާއިއުކުރޭތޯ ބަލަން ދިރާސާއެއް ކޮށްފަ އެވެ.

- މިނިވަން މުއައްސަސާތަކަށް އެވްރެޖްކޮށް ލިބެނީ 10 އަކުން 5.7

- މިނިސްޓްރީތަކަށް 10 އަކުން 3.9

- ރައްޔިތުންގެ މަޖިލީހަށް 10 އަކުން 3.5

- އަދި ކޯޓްތަކަށް 10 އިން 3.2

"އެހެން ގޮތަކަށް ބުނާ ނަމަ ދައުލަތުގެ އެއްވެސް ދާއިރާއަކުން އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރަން ގާނޫނީ ގޮތުން ލާޒިމްކުރާ މިންވަރާ ގާތަށް ވެސް އެކަން ކުރެވިފައެއް ނެތް،" ފޭސްބުކް ޕޯސްޓެއްގައި ޓްރާންސްޕޭރެންސީން ބުންޏެވެ.

މައުލޫމާތު ލިބިގަތުމަކީ ކޮންމެ މީހަކަށް ލިބިގެންވާ އިންސާނީ ހައްގެއް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމާއި އެއީ ގާނޫނުގެ ދަށުން ތަންފީޒުކުރެވޭނެ ގާނޫނީ ހައްގެއް ކަން ވެސް އެ ޖަމްއިއްޔާ އިން ބުނެ އެވެ.

މައުލޫމާތު ހާމަކުރުމުގައި މި ފަހުން އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު މީހުންގެ ލިސްޓްގަ އެވެ. އެ ލިސްޓްގައި ހަމައެކަނި ފޯމް ނަންބަރު ޖަހާފައި އޮތުމުން، ފްލެޓް ލިބުނީ ދަށްވެގެން ކިތައް ޕޮއިންޓް ލިބިގެންތޯ އެތައް ހާސް ބަޔަކު ކުރަމުން ދާ ސުވާލުތަކަށް މިނިސްޓްރީން ވެސް އަދި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށްގެން ވެސް ޖަވާބެއް ލިބޭ ގޮތެއް ނުވެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ މައުލޫމާތުތައް ހާމަނުކުރަނީ އެއީ ބައެއްގެ ޒާތީ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ ކަމަށެވެ. އެކަމަކު އެ ވާހަކަ ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. ފްލެޓް ހޯދަން 15،000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ އިރު ފްލެޓް ލިބުނީ ކިތައް ޕޮއިންޓުންކަން އެންމެ ކުޑަވެގެން އެނގެން ޖެހޭނެ ކަމަށް އާންމުން ދެކެ އެވެ.

މީގެ ކުރީ ސަރުކާރުތަކުން ފްލެޓްތައް ދޫކުރީ ލިބުނު ޕޮއިންޓާއި ލިބުނު މީހުންގެ ނަން ލިސްޓް ވެސް އާންމުކޮށްފަ އެވެ.