ދެން އޮތް މަންޒިލަކީ މެންޗެސްޓާ ޔުނައިޓެޑް: އިބްރަހިމޮވިޗް
ދެން އޮތް މަންޒިލަކީ މެންޗެސްޓާ ޔުނައިޓެޑް: އިބްރަހިމޮވިޗް

ޕެރިސް، ފްރާންސް (ޖުލައި 1) - އަންނަ ސީޒަނުގައި އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެން ސްވިޑަންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ނިންމައިފި އެވެ.

ފްރާންސްގެ ޕީއެސްޖީއާ އެކު އިބްރަހިމޮވިޗް ހަދާފައިވާ ހަތަރު އަހަރުގެ ކޮންޓްރެކްޓް މިދިޔަ ސީޒަނަށް ފަހު ހަމަވެފައިވާތީ އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އައީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ކްލަބް އޭސީ މިލާނާއި އެމެރިކާގެ މޭޖާ ލީގުގެ ބައެއް ކްލަބްތައް ހިމެނެ އެވެ. އެކަމަކު އޭނާ ނިންމީ ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އަންނަ ސީޒަނަށް ނުކުންނަ ޔުނައިޓެޑާ ގުޅޭށެވެ.

"މުޅި ދުނިޔެއަށް އަންގާލުމުގެ ވަގުތު އައިސްފި. އަހަރެންގެ ދެން އޮތް މަންޒިލަކީ މެންޗެސްޓާ ޔުނައިޓެޑް،" އިބްރަހިމޮވިޗް ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރި އެވެ.

ޔޫރަޕުގެ އެންމެ ވަރުގަދަ ހަތަރު ލީގުގެ ތެރެއިން އިބްރަހިމޮވިޗް މިހާތަނަށް ކުޅެފައިނުވާ ހަމައެކަނި ލީގަކީ ޕްރިމިއާ ލީގެވެ. އެކަމަކު އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ މިވަނީ ކެރިއަރު ނިންމާލުމުގެ ކުރިން އެ ލީގު ތަޖުރިބާކޮށްލަން ނިންމައިފަ އެވެ.

ސްވިޑަންގެ މަލްމޯ އިން ކެރިއަރު ފަށައި ނެދަލެންޑްސްގެ އަޔަކްސް އިން ވިދާލި އިބްރަހިމޮވިޗް ވަނީ އިޓަލީގެ ޔުވެންޓަސް އާއި އިންޓަ އާއި އޭސީ މިލާނުގެ އިތުރުން ސްޕެއިނުގެ ބާސެލޯނާ އަދި ޕީއެސްޖީ އަށް ކުޅެފަ އެވެ. ކޮންމެ ޓީމަކާ އެކު ވެސް އެ ގައުމެއްގެ ލީގު ކާމިޔާބުކުރި އެވެ.

ޔުނައިޓެޑުގެ އާ ކޯޗު މޮރީނިއޯގެ ކޯޗުކަމުގެ ދަށުން އިބްރަހިމޮވިޗް ވަނީ އިންޓަ އަށް ކުޅެ އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. އިބްރަހިމޮވިޗް މީގެ ކުރިން ބުނީ ޔުނައިޓެޑް ކުރީގެ މަގާމަށް ގެންދެވޭނެ މީހަކީ މޮރީނިއޯ ކަމަށެވެ. ޔުނައިޓެޑުގެ ކޯޗުކަމުން 2013 ވަނަ އަހަރު އެލެކްސް ފާގަސަން ވަކިވި ފަހުން އެ ޓީމަށް ކުރީގެ ކާމިޔާބީ ހޯދޭ ގޮތެއް ނުވެ އެވެ.

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ސްވިޑަން ކެޓުމާ އެކު، ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިބްރަހިމޮވިޗް އިއުލާންކޮށްފައިވާއިރު އޭނާ ދެން ހުސްވާނީ ޔުނައިޓެޑަށެވެ. އިބްރަހިމޮވިޗް ވަނީ ގައުމީ ޓީމަށް 116 މެޗުން 62 ގޯލް ޖަހައިދީފަ އެވެ.