ޔާޝްރާޖްގެ އާ ފިލްމުގައި ރިތިކް އާއި ޓައިގާ
ޔާޝްރާޖްގެ އާ ފިލްމުގައި ރިތިކް އާއި ޓައިގާ

ޓައިގާ ޝްރޮފް އަކީ އަބަދުވެސް ރިތިކް ރޯޝަންގެ ފޭނެކެވެ. އަދި ރިތިކް ކޮޕީކުރުމަކީ ޓައިގާ ވަރަށް ފަޚުރުވެރިކަމާއެކު ކުރާ ކަމެކެވެ. ޓައިގާ ބުނާ ގޮތުގައި އޭނާގެ އައިޑަލް އަކީ ރިތިކެވެ.

ޓައިގާ އޭނާ ދެކެ ލޯބިވާ މިންވަރާއި އޭނާއަށް ތައުރީފުކުރާ ވަރު ރިތިކަށް ވެސް އެނގެ އެވެ. ނަމަވެސް ބުދަ ދުވަހު ކުއްލިއަކަށް ޓުވިޓާގައި ވަރުގަދަ ބަހުގެ ހަނގުރާމައެއް ރިތިކާއި ޓައިގާގެ މެދުގައި ފެށުނެވެ. ރިތިކްވާސަސްޓައިގާ ޖަހާފައިވާ ހޭޝްޓެގެއްގެ ދަށުންނެވެ. އެކަމަކު މި ވެގެން އުޅޭ ކަމެއް ވިސްނޭކަށް މާ ގިނަ ވަގުތެއް ނުނެގި އެވެ.

މި ހަނގުރާމަ އަކީ މި ދެ އެކްޓަރުންގެ މެދުގައި ފެށުނު ހަގީގީ ހަނގުރާމައެއް ނޫނެވެ. ދެ މީހުން އެކުގައި ކުޅެން ހަމަޖެހިފައިވާ ފިލްމެއް އިއުލާން ކުރުމަށް އާންމުންގެ ސަމާލުކަން ހޯދުމަށް ކޮށްގެން އުޅޭ ކަމެކެވެ.

ރިތިކާ އެކު ފިލްމެއް ކުޅުމުގެ ފުރުސަތު ޓައިގާ އަށް މިހާރު ވަނީ ލިބިފަ އެވެ. އެ ފިލްމުގައި މި ދެ އެކްޓަރުން އެކަކު އަނެކަކާ ހަނގުރާމާކުރާ ތަން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ޔާޝް ރާޖް ފިލްމްސް އިން އިއްޔެ އިއުލާން ކުރި މި އާ ޕްރޮޖެކްޓްގައި ލީޑް ރޯލު ކުޅެނީ ރިިތިކް އާއި ޓައިގާ އެވެ. އަދި ނަމެއް ހަމަޖެހިފައި ނެތް މި ފިލްމު ޑައިރެކްޓްކުރަނީ ސިދާރްތު އާނަންދެވެ. މިއީ ނޭވާ ހިފަހައްޓާލައިގެން ބަލަން ތިބެން ޖެހޭ ކަހަލަ ވަރުގަދަ އެކްޝަން މަންޒަރުތައް ހިމެނޭ ފިލްމެކެވެ.

މި ފިލްމުގެ ބަތަލާއިންނަކީ ކޮބައިކަމެއް އަދި އިއުލާނެއް ނުކުރެ އެވެ. ފިލްމު ރިލީޒްކުރާނެ ތާރީޚެއް ކަމަށް ވަނީ 2019ގެ ޖެނުއަރީ 25 ވަނަ ދުވަހެވެ.

ރިތިކް ޔާޝްރާޖް ކޭމްޕަށް އެނބުރި ގޮސްފައި ވަނީ ވަރަށް ގިނަ އަހަރު ތަކަކަށް ފަހުގަ އެވެ. އޭނާ އެންމެ ފަހުން ކުޅުނު ޔާޝްރާޖް ފިލްމަކީ "ދޫމް 2" އެވެ. އެ ފިލްމަކީ މުޅި އެ އަހަރުވެސް ނުކުތް އެންމެ ކާމިޔާބު ފިލްމަށް ވަނީ ވެފަ އެވެ.

މިއީ "ބޭންގް ބޭންގް"ގެ ޑައިރެކްޓަރު ސިދާރްތު އާއެކު ރިތިކް މަސައްކަތްކުރާ ދެ ވަނަ ފަހަރެވެ. ނަމަވެސް ސިލްވެސްޓާ ސްޓެލޯންގެ "ރާމްބޯ" ރިމޭކް އަކީ ސިދާރްތު މިހާރު ޑައިރެކްޓްކުރަމުންދާ އަދި ޓައިގާ ބަތަލުގެ ބައި ކުޅޭ ފިލްމެކެވެ.

ޔާޝްރާޖް އިން މިހާރު އުފައްދަމުންދާ އެހެން ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" އާއި ރާނީ މުކަރުޖީގެ "ހިޗްކީ"، ވަރުން ދަވަން އާއި އަނުޝްކާ ޝަރުމާގެ "ސުއި ދާގާ"، އާމިރު ޚާނާއި އަމީތާބު ބައްޗަންގެ "ތަގްސް އޮފް ހިންދުސްތާން"، ޕަރިނީތީ ޗޯޕްރާ އާއި އަރްޖުން ކަޕޫރުގެ "ސަންދީޕް އައުރް ޕިންދީ ފަރާރް" ހިމެނެ އެވެ.