ސަލްމާންގެ "ރޭސް 3" އަށް ސިދާރްތު ނޫނެކޭ ބުނެފި
ސަލްމާންގެ "ރޭސް 3" އަށް ސިދާރްތު ނޫނެކޭ ބުނެފި

"ރޭސް 3"ގައި އަނެއްކާވެސް ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ކުޅެން ސަލްމާން ޚާން އަންނަނީ ތައްޔާރުވަމުންނެވެ. "ރޭސް" ފްރެންޗައިސްގެ ފިލްމުތަކަކީ ވަރަށް ޒަމާނީ އަދި އެކްޝަން މަންޒަރުތައް ވަރަށް ފުރިހަމަ ފިލްމުތަކެކެވެ.

"ރޭސް" ސިލްސިލާގެ ތިން ވަނަ ފިލްމުގައި ސަލްމާން ބައިވެރިވާން ނިންމުމަކީ އެ ފްރެންޗައިސްގެ ފިލްމުތަކަށް ލިބުނު އާ ރޫހެއް ކަމަށް ގިނަ ބަޔަކު ސިފަ ކުރެ އެވެ. އަދި މި ފިލްމުގައި ސަލްމާން ބައިވެރިވާތީ ކުރީގެ ދެ ފިލްމަށް ވުރެ މި ފިލްމު މާ މޮޅުވާނެ ކަމަށް ބެލެވެ އެވެ.

މި ފިލްމުގެ ބަތަލާގެ ރޯލަށް ޖެކްލީން ފެނާންޑިސް އާއި ޑެއިޒީ ޝާހް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ވަނަ ބަތަލުގެ ރޯލަށް ސިދާރްތު މަލްހޯތުރާ ހަމަޖައްސާ ވާހަކަ ތަކެއް ވެސް މި ފަހަކަށް އައިސް އިންޑިޔާގެ ނޫސްތަކުން ފެނިފައިވެ އެވެ.

ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމު ކުޅެދޭން ސިދާރްތު ވަނީ ދެކޮޅު ހަދާފަ އެވެ. ސަބަބަކީ ފިލްމުގެ ސްކްރިޕްޓާ ގަޔާ ނުވުމެވެ. އެހެންވެ މާ ގިނަ ވަގުތު އެކަމަށް ހޭދަނުކޮށް ވަގުތުން އޭނާ ނުނެކޭ ބުނެފައިވާ ކަމަށްވެ އެވެ.

ސިދާރްތުގެ ބަދަލުގައި މި ފިލްމުގެ ދެ ވަނަ ބަތަލަކަށް ސޮއިކުރާނީ އަދިތުޔާ ރޯއީ ކަޕޫރު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ފިލްމު އުފައްދާ ފަރާތުން ވެސް އަދި އަދިތުޔާ ވެސް މި ވާހަކަ އަދި ޔަގީންކޮށެއް ނުދެ އެވެ.