28 ސެޕްޓެމްބަރ 2017 - 12:46

ރަކީން ސްޓޭޓް (ސެޕްޓެމްބަރު 28) - މިއަންމާގެ ރަކީން ސްޓޭޓުގައި ހިންދޫންތަކެއް މަރާފައި ވަނީ ރޮހިންޖާ ހަނގުރާމަވެރިން ކަމަށް ސިފައިން ބުނާ ވާހަކަތައް ދޮގުކޮށްފި އެވެ.
ރަކީން ސްޓޭޓުން ވަނީ ހިންދޫންގެ ގިނަ ބަޔަކު މެރުމަށް ފަހު ވަޅުލާފައިވާ ވަޅުތަކެއް ފެނިފަ އެވެ. މިއަންމާ ސިފައިން ބުނެފައި ވަނީ އެކަން ކޮށްފައި ވަނީ އަރާކާން ރޮހިންޖާ ސެލްވޭޝަން އާމީ (އަރްސާ) އިން ކަމަށެވެ. އަރްސާ އިން ބުނެފައި ވަނީ އެ ޖަމާއަތުން އެއްވެސް ގަތުލްއާއްމެއް ހިންގާފައި ނުވާނެ ކަމަށެވެ. އަރްސާގެ ޓްވިޓާ މެދުވެރިކޮށް އާއްމުކުރި ބަޔާނެއްގައި ވަނީ ދޮގު މައުލޫމާތު ނުފެތުރުމަށް މިއަންމާ ސިފައިންނަށް ގޮވާލާފައިވެ އެވެ.
ހިންދޫން ވަޅުލާފައި ވަނިކޮށް ފެނިފައި ވަނީ ރަކީން ސްޓޭޓުގެ ޚާ މައުންގް ސެއިކް ނުވަތަ މުސްލިމުން ކިޔާ ގޮތުން ނަމަ ފާކިރާޒާބާރުންނެވެ. ހިންދޫންގެ 45 މީހެއްގެ ހަށިގަނޑު ފެނުނު ސަރަހައްދަށް މިއަންމާ ސިފައިން އިއްޔެ ވަނީ ނޫސްވެރިން ގެންގޮސްފަ އެވެ. މިއަންމާ ސިފައިން ބުނެފައި ވަނީ ހިންދޫންގެ އިތުރު 48 މީހަކު ގެއްލިފައިވާ ކަމަށެވެ. އަދި އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރަކީން ސްޓޭޓުން ސަލާމަތްވި ބައެއް ހިންދޫން ނޫސްވެރިންނަށް ކިޔައިދިން ގޮތުގައި އޮގަސްޓް 25 ވަނަ ދުވަހު ވަނީ އެ މީހުން އުޅުނު ސަރަހައްދުތަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ކަތިވަޅިން ހަމަލާދީ ގިނަ ބަޔަކު މަރާފައި ކަމަށެވެ. ރަކީން އިން ސަލާމަތްވި ހިންދޫ ބައެއް ރެފިއުޖީން މިހާރު ވަނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ކޭމްޕް ޖަހައިފަ އެވެ.
ރޮހިންޖާ މުސްލިމުން ބުނެފައި ވަނީ އެ މީހުން ބަންގްލަދޭޝް އަށް ހިޖުރަ ކުރީ މިއަންމާ ސިފައިންގެ އަނިޔާވެރިކަން ހައްދުފަހަނަޅާ ދިއުމުން ކަމަށެވެ.