28 ސެޕްޓެމްބަރ 2017 - 11:41

ލަންޑަން (ސެޕްޓެމްބަރު 28) – ޗެލްސީގެ ސްޕެނިޝް ފޯވާޑް އަލްވާރޯ މޮރާޓާ ކުޅޭތަން ފެނުމުން ހަނދާން ވަނީ ލިވަޕޫލުގެ ކުރީގެ ފޯވާޑް ސްޕެއިނުގެ ފެނާންޑޯ ޓޮރޭޒް މަތިން ކަމަށް ލިވަޕޫލުގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް ބުނެފި އެވެ.
ރެއާލް މެޑްރިޑް ދޫކޮށް މި ސީޒަނުގައި ޗެލްސީ އަށް ބަދަލުވެ މޮރާޓާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެންމެ ފަހުން ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީ ކޮޅަށް އޭނާ ހެޓްރިކް ހެދިއިރު މިހާތަނަށް ޖުމްލަ ހަތް ގޯލް ވަނީ ޖަހައިފަ އެވެ.
ލިވަޕޫލުގައި ހަތަރު އަހަރާއި ބައިގެ މުއްދަތެއް ހޭދަކުރި ޓޮރޭޒް ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ޗެލްސީ އަށް ބަދަލުވުމަށް ފަހު އެ ކުޅުން ތަކުރާރެއް ނުކުރެވުނެވެ.
ޖެރާޑް ބުނީ ސްޓޯކް މެޗުގައި މޮރާޓާ ޖެހި ލަނޑުތައް ފެނުމުން ހަނދާންވީ ޓޮރޭޒް މަތިން ކަމަށެވެ.
"އޭނާ (ޓޮރޭޒް) ލިވަޕޫލަށް އައިއިރު ހުރީ ތަފާތު ފޯމެއްގައި. އޭނާގެ (މޮރާޓާ) މޫވްމަންޓްތަކުން އަހަންނަށް ހަނދާން ވަނީ ޓޮރޭޒް. އޭނާ ދުވާ ގޮތާ. އޭނާ ޗެލްސީގައި ކެރިއަރު ފެށި ގޮތާއި ޓޮރޭޒް ލިވަޕޫލުގައި ކެރިއަރު ފެށި ގޮތް އެއްގޮތް. މޮރާޓާ ފެނިފައި ވަރަށް ބޮޑަށް ޓޮރޭޒް ހަނދާންވޭ،" ޖެރާޑް ބުންޏެވެ.
ސްޕެއިން ގައުމީ ޓީމުގެ ފޯވާޑް ވަނީ މީގެ ކުރިން ސްޕެނިޝް ލީގާއި އިޓާލިއަން ލީގުގައި ވެސް ތަފާތު ދައްކައިފަ އެވެ. މެޑްރިޑުގެ ޔޫތު ޓީމުގެ ކުރީގެ ކުޅުންތެރިއާ 2014 ވަނަ އަހަރު ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސް އަށް ކުޅުނުއިރު ވެސް ގިނަ ގޯލްތަކެއް ޖެހި އެވެ. މެޑްރިޑުން މިދިޔަ އަހަރު އޭނާ އަލުން ގަތީ 30 މިލިއަން ޔޫރޯ އަށެވެ. މިދިޔަ ސީޒަނުގައި ލިބުނު މަދު ފުރުސަތުތަކެ ބޭނުން ހިފައި އޭނާ ލަނޑު ޖެހި އެވެ.