30 ސެޕްޓެމްބަރ 2017 - 06:17

އެސްޕްރިން ކައި މީހަކު ކުއްލިއަކަށް އެ ބޭސް ހުއްޓާލައިފި ނަަމަ ހާޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު 30 ޕަސެންޓް އިތުރުވާ ކަމަށް މުޅިން ދިރާސާއަކުން ހާމަވެއްޖެ އެވެ.
ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ޕްރޮފެސަރު ޖޯހަން ސުންޑަސްޓްރޯމް ވިދާޅުވީ ވަރަށް ދަށް ޑޯޒެއް ކާން ދީގެން ދޭ އެސްޕްރިންގެ ފަރުވާ އަކީ ފައިދާހުރި، އަގު ހެޔޮ ފަރުވާއެއް ކަމަށެވެ.
ނަމަވެސް ކުއްލިއަކަށް މި ބޭސް ހުއްޓާލައިފި ނަމަ ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކޮށް ހިތް ނުވަތަ ސިކުނޑިއަށް ލޭ ފޮނުވައިދޭ ލޭ ހޮޅިއެއްގައި ލޭ ކޮޅެއް ގަނޑުވުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ.
މި ދިރާސާ އަށް އުޕަސްލާ ޔުނިވަސިޓީގެ ސައިންސްވެރިން ވަނީ ސްވިޑްންގެ 600،000 ބަލި މީހުން ހަތަރު އަހަރާއި ހަ މަސް ވަންދެން ދިރާސާކޮށްފަ އެވެ. މި އެންމެންނަކީ ވެސް ސްޓްރޯކާއި ހާޓް އެޓޭކުން ދިފާއުވުމަށްޓަކައި އެސްޕްރިންގެ ދަށް ޑޯޒެއް ގަވައިދުން ކަމުން ގެންދިޔަ މީހުންނެވެ. މި އެންމެންނަކީ ވެސް އުމުރުން 40 އަށް ވުރެ މަތިވެފައި ތިބި މީހުންނެވެ. އަދި މި މީހުން ބޭނުންކުރަމުން ދިޔައީ ބޭހުގެ ބައިކުޅަ ބައެކެވެ.
މި މީހުން ތިން އަހަރު ފަހުން ފޮލޯއަޕެއް ހެދިއިރު 62،690 މީހުންނަށް ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހިފައިވެ އެވެ. އަދި މި ދިރާސާއިން ހޯދުނު ގޮތުގައި ބޭސް ކަމުންދިޔަ މީހުންގެ ތެރެއިން ބޭސް ކެއުން ހުއްޓާލި މީހުންނަށް ހާޓް އެޓޭކާއި ސްޓްރޯކްގެ ނުރައްކާ ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފައިވެ އެވެ. އަދި ބޭސް އިތުރަށް ނުކެއުމުގެ ސަބަބުން ހިތާއި ސިކުނޑިއަށް ތަފާތު މައްސަލަތައް ދިމާވުމުގެ ފުރުސަތު ވެސް 37 ޕަސެންޓް އިތުރުވެފައިވާ ކަން ސައިންސްވެރިން ވަނީ ފާހަގަކޮށްފަ އެވެ.
އެސްޕްރިން ބޭނުންކުރުމުގެ ސަބަބުން ލޭ އައުން ފަދަ ކަމެއް ދިމާނުވާ ނަމަ އަދި ކައިރި މުސްތަގްބަލެއްގައި ސާޖަރީއެއް ހަދަން ޖެހިފައި ނެތް ނަމަ ބޭސް ކެއުން ހުއްޓާނުލައި ކުރިޔަށް ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް މި ދިރާސާގައި ސައިންސްވެރިން ފާހަގަ ކޮށްފައިވެ އެވެ. އަދި ޑޮކްޓަރުން ލިޔެދެއްވާ ބޭސް ސިޓީގައިވާ ބޭސްތައް ޑޮކްޓަރުގެ އިރުޝާދަކާ ނުލައި، ކެއުން ހުއްޓާލުމުން ލިބިދާނެ ގެއްލުންތަކަށް ވެސް މި ދިރާސާގައި ސައިންސްވެރިން ބަލާފައިވެ އެވެ.