ބެންޗު ބަދަލުކުރި މައްސަލާގައި ގޮތެއް ނިމެންދެން ފާރިސްގެ އިސްތިއުނާފް މަޑުޖައްސާލައިފި
ބެންޗު ބަދަލުކުރި މައްސަލާގައި ގޮތެއް ނިމެންދެން ފާރިސްގެ އިސްތިއުނާފް މަޑުޖައްސާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ބަލާ ބެންޗް ބަދަލުކުރި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެެއް ނިންމަންދެން، އިސްތިއުނާފް މައްސަލަ ހައި ކޯޓުން މަޑުޖައްސާލައިފި އެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް، ހައި ކޯޓުން ވަނީ އެ މައްސަލަ ބަލާ ބެންޗަށް ބަދަލު ގެނެސްފަ އެވެ. އެއީ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ބުނެ ފާރިސްގެ ފަރާތުން ކުރިން އޮތީ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅައިފަ އެވެ.

ބެންޗު ބަދަލު ކޮށްފައިވާތީ، ހުކުމް ކުރުމުން ކުރިން މިިއަދު ބޭއްވި އަޑުއެހުމުގައި ފާރިސްގެ ވަކީލުން ވަނީ އެ މައްސަލަ މިހާރު ބަލާ ބެންޗަކީ ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ އަމުރަކާ ޚިލާފަށް އެކުލަވާލި ބެންޗެއް ކަމަށް ބުނެ އެ މައްސަލަ ކޯޓުގައި ފާހަގަކޮށްފަ އެވެ. އެކަން މިހާރު ސުޕްރީމް ކޯޓުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ވަކީލުން ވިދާޅުވުމުން މިހާރު އޮތް ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އިސްތިއުނާފް މައްސަލަ މަޑުޖައްސާލުމަށެވެ.

ކުރިން އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ސަމީރެވެ. އެކަމަކު ސަމީރުގެ ބަދަލުގައި މިހާރު އެ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ފަނޑިޔާރު ޝުޖާއުގެ އިތުރުން ދެން އެ ބެންޗުގައި ތިއްބަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. އެ ދެ ބޭފުޅުންނަކީ ކުރިން ވެސް އެ ބެންޗުގައި ތިއްބެވި ދެ ބޭފުޅުންނެވެ.

ރިޝްވަތު ދިން ކަމަށް ބުނެ ފާރިސް އަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ޝަރީއަތް ފަށައިފަ އެވެ.