29 ސެޕްޓެމްބަރ 2017 - 09:42

މައިންބަފައިން ސަމާލުކަން ދޭން ޖެހޭ ވަރަށް މުހިއްމު ދިރާސާއެއް ދާދި ފަހުން ސައިންސްވެރިން ކޮށްފި އެވެ. ކުދިން ނިދާ ކޮޓަރީގައި ޓީވީ ނުވަތަ ވީޑިއޯ ގޭމް ބަހައްޓާފައި ހުރުމުން ކުރާ އަސަރުތައް ދެނެގަތުމަށެވެ.
މި ދިރާސާއަށް ފަހު ސައިންސްވެރިން ބުނަނީ ކުދިންގެ ނިދާ ކޮޓަރީގައި ޓީވީ ނުވަތަ ވީޑިއޯ ގޭމް ހުރުމުން އެ ކުދިން ކިޔެވުމާއި ނިދުމުގައި ހޭދަކުރާ ވަގުތު މަދުވާ ކަމަށެވެ. ސްކޫލްގައި އެކަށީގެންވާ ރަނގަޅު ނަތީޖާ ނުހޯދޭ ސަބަބަކަށް މިކަން ވުމުގެ އިތުރުން އާދަޔާޚިލާފަށް ކުދިން ފަލަވުމާއި ވީޑިއޯ ގޭމަށް ދެވިހިފުން ފަދަ ކަންތައްތައް ވެސް ދިމާވާކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
މިއީ ކުޑަކުދިން ނިދާ ކޮޓަރީގައި ޓީވީ އާއި ވީޑިއޯ ގޭމް ހުރުމުން އޭގެން އެކުދިންނަށް ކުރާ އަސަރުތައް ދެނެގަތުމަށް ކުރި މިފަދަ ފުރަތަމަ ދިރާސާ އެވެ.
އެމެރިކާގެ އައޯވާ ސްޓޭޓް ޔުނިވަސިޓީގެ ޕްރޮފެސަރު ޑަގްލަސް ޖެންޓިލް ވިދާޅުވީ ޓީވީ އާއި ވީޑިއޯ ގޭމް ފަދަ ތަކެތި ބަހައްޓާފައި ހުންނަ ތަން ކުދިންގެ ދިރިއުޅުމުގައި ވަރަށް މުހިއްމު ދައުރެއް ކުޅޭ ކަމަށެވެ. އެގޮތުން ގޭގެ އެހެން ތަނެއްގައި މިފަދަ އެއްޗެތި ބެހެއްޓުމަށް ވުރެ ކޮޓަރި ތެރޭގައި ހުރެއްޖެ ނަމަ ފޮތް ކިއުމާއި ދަސްކުރުމާއި ނިދުމުގައި ހޭދަކުރާ ވަގުތު މަދުވެ ޓީވީ ބެލުމާއި ކުޅިވަރުގައި ހޭދަކުރާ ވަގުތު ގިނަ ވާކަން އެނގުނެވެ. މިއީ ސްކޫލުން ހޯދާ ނަތީޖާ ދަށްވާން މެދުވެރިވާ ސަބަބަކަށް ވެސް ވެއެވެ. އޭގެ އިތުރުން ހެލިފެލިވެ އުޅުން މަދުވުމުން މާ ބޮޑަށް ފަލަވުމާއި ވީޑިއޯ ގޭމަށް ދެވިހިފުން ފަދަ ކަންތައްތައް ވެސް މެދުވެރިވާ ކަމަށް ދިރާސާ އިން އެނގުނެވެ.
ސައިންސްވެރިން ބުނާ ގޮތުގައި އޭގެ ނުބައި އަސަރު ހަ މަހާއި ދެ އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ފެންނަން ފަށަ އެވެ.
ޖާނަލް ޑިވެލޮޕްމަންޓަަލް ސައިކޮލޮޖީގައި ޝާއިއުކުރި މި ދިރާސާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ކޮޓަރި ތެރޭގައި ތިބެގެން ފިލްމު ބެލުމާއި ގޭމް ކުޅުމުގައި ގިނަ ވަގުތު ހޭދަކުރާ ކުދިންގެ ކިބައިން ހަރުކަށިކަމާއި އަނިޔާވެރިކަން ފެންނަލެއް ވެސް ބޮޑުވެ އެވެ.
ޕްރޮފެސަރު ވިދާޅުވީ މިގޮތަށް ދިމާވާ އެންމެ މައިގަނޑު ސަބަބަކީ ކޮޓަރި ލައްޕައިގެން ކުދިން ކުރަނީ ކޮން ކަމެއްކަން މައިންބަފައިންނަށް ނޭނގުމެވެ.
"ކުދިން ކޮޓަރި ތެރޭގައި އެކަނި ތިބެގެން ޓީވީ އަޅުވައިގެން ބަލާނީކީ ހަމައެކަނި ކުޑަކުދިންގެ ޓީވީ ޝޯތަކެއް ނޫން. އަދި ކުޅޭނީ ކުޑަކުދިންނަށް ޚާއްސަ އެޑިޔުކޭޝަނަލް ގޭމްތަކެއް ނޫން. އެކުދިންނަށް ކޮންމެ އެއްޗެއް ވެސް ބަލައި ކޮންމެ ކަހަލަ ގޭމެއް ވެސް ކުޅެވިދާނެ،" ޖެންޓިލް ވިދާޅުވި އެވެ.
ކޮޓަރި ތެރޭގައި ޓީވީ ބަހައްޓައިދިނުމުން އެހެން މީހެއްގެ އުނދަގުލެއް ނެތި ދުވާލު ހަތަރުދަމު އުޅުމުގެ ފުރުސަތު ލިބެ އެވެ. ކުދިން އުޅޭނޫޅޭ ގޮތް މައިންބަފައިންނަށް މޮނިޓަ ކުރެވޭލެއް މަދުވެ އެވެ. އަދި އެ ކުދިން ކުރާ ކަންތައްތަކުގެ ކޮންޓްރޯލް މައިންބަފައިންނަށް ގެއްލެ އެވެ.