މަރުވަން ދޫކޮށްލުމުން އެންމެ ފަހު ވަގުތު ފެށީ ވާހަކަ ދައްކަން!
މަރުވަން ދޫކޮށްލުމުން އެންމެ ފަހު ވަގުތު ފެށީ ވާހަކަ ދައްކަން!

ލިންޑީ ބްރައުން ޕެލެޓީރީ-ސްވަޕް އޮތީ ހޮސްޕިޓަލުގެ ބަލިއެނދުގައި ކޯމާގަ އެވެ. ޑޮކްޓަރު އައިސް އޭނާ އޮތް އެނދާ ދިމާލަށް ގުދުވެ ލޮލަށް އަލިކޮށް ހެދިއިރު ވެސް އޭނާއަށް އެއްވެސް ހަރަކާތެއް ނުގެނެވުނެވެ. ނަމަވެސް އޭނާއަށް އެ ހުރިހާ މަންޒަރެއް ފެނެ އެވެ. އަޑު އިވެ އެވެ. އޭނާގެ ހަށިގަނޑުގައި ހަރަކާތެއް ނެތީ އެވެ. އެހެންވެ ޑޮކްޓަރު އޭނާ ޗެކްކުރުމަށް ފަހު ދިރި އޮތްކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށް ބުނި އަޑު ވެސް އަސަރާ އެކު އެހި އެވެ. ލައިފް ސަޕޯޓް ނައްޓާލަންވީ ކަމަށާއި އެހެން ހަދަން ޖެހޭ ސަބަބު ވެސް އާއިލާގެ މީހުންނަށް ޑޮކްޓަރު ކިޔައިދިން އިރު ލިންޑީ އޮތީ އަޑުއަހާށެވެ.

އޭގެ އިރުކޮޅެއް ފަހުން ލިންޑީގެ ގުނަވަންތައް ފެއިލްވާން ފެށި އެވެ. ލައިފް ސަޕޯޓް މެޝިން ކަނޑާލައި އޭނާގެ ގަޔަށް ގުޅާފައި ހުރި ހޮޅިތައް ނައްޓާލަން އާއިލާއިން އެއްބަސްވުމުން އެ މަރުހަލާ ފެށުނީ އެވެ. ނަމަވެސް މެޝިނާއި ހޮޅިތައް ނައްޓާލުމުން ވަރަށް ފާހަގަކޮށް ލެވޭ ކަމެއް މެދުވެރިވި އެވެ.

އޭނާ މަރުނުވާ ކަން ބުނެދޭން ތެޅެމުން ދިޔަ ލިންޑީ، 47، އަށް ކުއްލިއަކަށް އެކަމަކު މަޑުމަޑުން އެއްޗެކޭ ބުނެވުނީ އެވެ. އޭނާގެ ގައިގައި ހިފަހައްޓާލައިގެން ހުރި ފިރިމީހާ ކައިރީގައި ލިންޑީ ބުނީ "ތިމަންނައަކީ ހަނގުރާމަވެރިއެކޭ" އެވެ.

ކުއްލިއަކަށް ލިންޑީއާ ދިމާލަށް ފިރިމީހާ ބަލައިލި އެވެ. އެއާ އެކު އޭނާއަކީ ކާކުކަން އެނގޭތޯ ސުވާލު ކުރި އެވެ. "އާނ. ތިއީ މަގޭ ފިރިމިހާ"އޭ ލިންޑީ ބުންޏެެވެ. ދެން އެތާ ކައިރީގައި ހުރި ލިންޑީގެ މަންމަ ދަމާ ގެނެސް އެއީ ކާކުތޯ ފިރިމީހާ އެހި އެވެ. ޖަވާބުގައި "އެއީ މަގޭ މަންމަ"އޭ ލިންޑީ ބުންޏެވެ.

ލިންޑީއަށް އާދަޔާޚިލާފު ގޮތަކަށް ވާހަކަދެއްކުމުގެ ގާބިލްކަން ކުއްލިއަކަށް ލިބުނީ ދެ ހަފުތާ ވަންދެން ކޯމާގައި އޮތް ފަހުންނެވެ. އެ މުއްދަތުގައި ބައެއް ފަަހަރަށް އޭނާއަށް ވާނުވާ އެނގޭ ކަމަށާއި ދަރިން އޭނާއަށް ލަވަކިޔައިދޭ އަޑާއި ބޮޑުދައިތަ ކިޔާ ކުއްޖަކު ވާހަކަ ކިޔައިދޭ އަޑު ވެސް އިވުނެވެ. އަދި ޑޮކްޓަރުން އޭނާގެ ބަލި ހާލަތު އާއިލާއަށް ކިޔައިދޭ އަޑު ވެސް ދިޔައީ އަހަމުންނެވެ. އެކަމަކު އޭނާއަށް އެއްވެސް އަޑެއް އިވޭކަން ޑޮކްޓަރުންނަށް ވިސްނާލަން ވެސް ނޭނގުނެވެ.

ލިންޑީ އެގޮތަށް ސަލާމަތްވުމުން އޭނާ މިހާރު ބޭނުންވަނީ އެކަހަލަ ހާލަތްތަކާ މެދު ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތް ކުރާށެވެ، ހޭވެރިކަން ނެތް މީހުންނަށް ބައެއް ހާލަތުތަކުގައި ވާނުވާ އެނގި އަދި އަޑު ވެސް އިވޭކަން، ލިންޑީ އެވަނީ ސާބިތުކޮށްދީފަ އެވެ.

ލިންޑީ ނޫނަސް ބައެއް އެހެން މީހުންނަށް ވެސް އެ މައްސަލައާ ދިމާވެފައިވެ އެވެ. އެއްވެސް ހަރަކާތެއް ނުކުރެވި އަދި ވާހަކަ ވެސް ނުދެއްކޭ ހާލަތުގައި އޮންނަ ބަލިމީހަކަށް އެ ވަގުތު އެ ކުރެވޭ ހިތްދަތި އަދި ވޭންދެނިވި އިހްސާސްތައް އެހެން މީހުންނަށް ވިސްނައިދޭން ލިންޑީ ބޭނުންވެ އެވެ.

އެމެރިކާގެ އެރިޒޯނާގައި ދިރިއުޅޭ ލިންޑީ އެއްވެސް ހަރަކާތެއް ނެތި އޮއްވާ ފެނުނީ ފިރިހެން ދަރިފުޅު ސްޓީވަން އަށެވެ. އެއީ އޮކްޓޯބަރު 15، 2015 ވަނަ ދުވަހެވެ. ވަޒީފާ އިން ނިމިގެން ލިންޑީ އަރާމުކޮށްލަން އޮށޯވެލި ގޮތަށް ޚަބަރު ހުސްވީ އެވެ. މަންމަގެ ހަރަކާތެއް ނެތްކަން އެނގުމުން ސްޓީވަން ވަގުތުން އެމްބިއުލެންސް ގެނެސްގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ފަހުން ފާއިތުވީ ފަސް ދުވަހުގެ ތެރޭގައި ލިންޑީއަށް ފިޓްޖެހުނެވެ. މިއީ އޭގެ ކުރިން ދުވަހަކު ވެސް އޭނާއަށް ވީ ކަމެއް ނޫނެވެ.

ލިންޑީ ބުނާ ގޮތުގައި ވާނުވާ އެނގެން ފެށީ ފިޓް ޖެހުން ހުއްޓުނު ފަހުންނެވެ.

ލިންޑީ އަކީ މަރުވުމުން އޭނާގެ ގުނަވަންތައް އެހެން ބަޔަކަށް ހަދިޔާކުރަން ނިންމާފައިވާ މީހެކެވެ. އެހެންވެ ކޯމާގައި ގިނަ ދުވަސްތަކެއް ވާން ފެށުމާ އެކު ގުނަވަންތައް ފެއިލްވާ މަރުހަލާއަށް އަޅާލުމުން ލައިފް ސަޕޯޓް ނައްޓާލަން އެއްބަސްވާން އާއިލާގެ މީހުންނަށް މަޖްބޫރުވީ އެވެ. އެގޮތުން ލިންޑީއަށް އަލްވަދާއު ކިޔަން އާއިލާ އަށް ޑޮކްޓަރުން އެއް ދުވަސް ދިނެވެ. ލައިފް ސަޕޯޓް ކަނޑާލަން އޮތީ އޭގެ ފަހުންނެވެ. އެ ވަގުތު ވެސް ލިންޑީގެ ފިރިމީހާ އޭނާގެ ކަންފަތް ދޮށުގައި "ތިކަމުން ސަލާމަތްވާން ހަނގުރާމަކުރާށޭ" ބުނަމުން ދިޔަ އަޑު ލިންޑީ އަށް އިވުނެވެ.

ލިންޑީ މަރުވިކަން ޔަގީންކުރަން ގޮސް ހުރި ޑޮކްޓަރަކު ވެސް އޭނާގެ އެނދު ކައިރީގައި އެ ވަގުތު ހުއްޓެވެ. ގުނަވަންތަކާ ހަވާލުވާނެ ބަޔަކު ވެސް ތައްޔާރުވެގެން ތިއްބެވެ. އެވަގުތު ލިންޑީ ހިތްވަރުކޮށްފައި ވާހަކަ ދައްކަން ކުރި މަސައްކަތް ކާމިޔާބުވީ އަޖައިބެއް ފަދަ ގޮތަކަށެވެ.

"އައި އޭމް އަ ފައިޓާ" އޭ ލިންޑީ އަށް ބުނެވުނީ ވަރަށް ހާލުން އެހާމެ މަޑުންނެވެ. ނަމަވެސް އޭނާގެ ފިރިމީހާއަށް އެ އަޑު އިވުނެވެ. އަދި ވަގުތުން ޑޮކްޓަރު ހޯދައިގެން ގެނަ އެވެ.

"އޭނައަށް ނުކުރެވޭނެ ކަމަށް ކަލޭމެން ބުނި ކަންތައް އޭނަ އެ ކުރަނީ މިހާރު،" ޑޮކްޓަރު ކައިރީ ލިންޑީގެ ފިރިމީހާ ބުންޏެވެ.

ލިންޑީ އަށް ފަރުވާ ދޭން ފެށި އެވެ. މަދު ހަފުތާތަކެއް ތެރޭ އަމިއްލައަށް ކައިބޮއި އަދި ހިނގާބިނގާވެ އުޅެވޭ ވަރަށް ރަނގަޅުވި އެވެ. ގޭގައި ރަނގަޅަށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަހު އެ އަހަރުގެ ނޮވެމްބަރު މަހު ހޮސްޕިޓަލުން ދޫކޮށްލި އެވެ.

ކޯމާގައި ގިނަ ދުވަސްތަކެއް އޮތުމުން ލިންޑީއަށް ސިއްހީ ގޮތުން ދިމާވި މައްސަލަތަކެއް ހުއްޓެވެ. ބަލިވުމުގެ ކުރިން ވަރަށް ހަރަކާތްތެރިކޮށް އަދި ބުރަކޮށް އުޅުނު ލިންޑީއަށް އެކަނި ގެއިން ބޭރަށް ނުކުމޭ ގޮތެއް ނުވެ އެވެ. ބިރުގަތުމާއި، ކުއްލިއަކަށް ހާސްވުން، ރޭގަނޑުގެ އަނދިރިކަން ދެކެ ބިރުގަތުން ފަދަ ނަފްސާނީ މައްސަލަތަކެވެ.

ހޮސްޕިޓަލުން ދޫކޮށްލި ފަހުން ލިންޑީ ހަތަރު ފަހަރު ސާޖަރީ ހަދަން ޖެހުނެވެ. އެއީ ފައިގެ ހަތަރު ތަނަކާއި ފުއްޕާމޭގައި ލޭކޮޅެއް ގަނޑުގަނެގެން ކުރަން ޖެހުނު އޮޕަރޭޝަންތަކެވެ.

ލިންޑީގެ ސިއްހީ މައްސަލާގައި ޖަވާބު ނުލިބޭ އެތައް ސުވާލެއް އެބަ ހުއްޓެވެ. އެންމެ ފުރަތަމަ އޭނާ ޚަބަރު ހުސްވެގެން ވެއްޓި ފިޓް ޖެހެން މެދުވެރިވީ ސަބަބެކެވެ. ކުއްލިއަކަށް ހޭއަރައިގެން ވާހަކަ ދެއްކެން މެދުވެރިވީ ސަބަބެވެ.