28 ސެޕްޓެމްބަރ 2017 - 08:58

މެޑްރިޑް (ސެޕްޓެމްބަރު 28) – ދިގު ދެމިގެންދިޔަ "ހަނގުރާމަ" އަކަށް ފަހު ޗެލްސީ ދޫކޮށް އެތުލެޓިކޯ މެޑްރިޑާ ދާދި ފަހުން ގުޅުނު ޑިއެގޯ ކޮސްޓާގެ ހާޒިރުގައި، ޗެލްސީން ރޭ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ އަތުން ފަހު ވަގުތު 2-1 އިން މުހިއްމު މޮޅެއް ހޯދައިފި އެވެ.
އެތުލެޓިކޯގެ އާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 40 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އެންޓޮއިން ގްރިޒްމަން ވަނީ އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. އެކަމަކު ކޮސްޓާގެ ބަދަލުގައި މި ސީޒަނުގައި ޗެލްސީން ގެނައި ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ ވަނީ 59 ވަނަ މިނެޓުގައި ޗެލްސީ އަށް އެއްވަރުކޮށްދީފަ އެވެ. މިއީ އެތުލެޓިކޯއާ ވާދަވެރި ރެއާލް މެޑްރިޑުގެ ކުރީގެ ފޯވާޑް ޗެލްސީ އަށް މި ސީޒަނުގައި އަށް މެޗުން ޖަހައިދިން ހަތް ވަނަ ގޯލެވެ.
މެޗު އެއްވަރުވެގެން ނިމެނިކޮށް ޗެލްސީ ސަލާމަތްކޮށްދިނީ މިޗީ ބަޓްޝުއާއީ އެވެ. މޮރާޓާގެ ބަދަލުގައި 82 ވަނަ މިނެޓުގައި ކުޅެން އެރި ބަޓްޝުއާއީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި މި ގޯލް ވައްދާލީ މާކަސް އަލޮންސޯ ދިން ބޯޅައަކުންނެވެ.
ރޭގެ މެޗުގައި ކޮސްޓާ ކުޅިބަލަން ހުރިއިރު އޭނާ އަށް އެތުލެޓިކޯއާ ރަސްމީކޮށް ގުޅެވޭނީ ފީފާ އިން އެ ކްލަބަށް ދީފައިވާ ސަސްޕެންޝަން އުވުމާ އެކު، ޖެނުއަރީ ޓްރާންސްފާ ބާޒާރުގަ އެވެ. ފަހު ވަގުތު ބަޓްޝުއާއީ ޖެހި ގޯލާ އެކު ކޮސްޓާ ވަނީ މޫނުމަތީ އަތްއަޅައިފަ އެވެ.
ރޭގެ މެޗުގައި ޗެލްސީގެ އެޑިން ހަޒާޑް މޮޅު ކުޅުމެއް ދެއްކި އެވެ. ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އަނިޔާ އަށް ފަހު ހަޒާޑް ކުޅުނު ބޮޑު ފުރަތަމަ މެޗުގައި ވެސް ދެއްކި މޮޅު ކުޅުމާ އެކު ޗެލްސީ އުފާވާން ޖެހޭ ކަމަށެވެ.
ގްރޫޕް ސީ ގެ ދެ ވަނަ މެޗުގައި ރޭ އިޓަލީގެ އޭއެސް ރޯމާ ވަނީ ރަށުން ބޭރުގައި އަޒަރުބައިޖާނުގެ ގަރަބަގް އަތުން 2-1 އިން މޮޅުވެފަ އެވެ. ރޯމާ އަށް ދެ ލަނޑު ޖަހައިދިނީ ކޮސްޓަސް މަނޮލޮސް އާއި އެޑިން ޖެކޯ އެވެ.
ހަ ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައި ޗެލްސީ އޮތްއިރު ރޯމާ ވަނީ ހަތަރު ޕޮއިންޓާ އެކު ދެ ވަނަ އަށް އަރައިފަ އެވެ. ފުރަތަމަ މެޗުން ރޯމާއާ އެއްވަރުވި އެތުލެޓިކޯ މެޑްރިޑް އޮތީ އެންމެ ޕޮއިންޓަކާ އެކު ތިން ވަނައިގަ އެވެ. ގަރަބަގް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.