29 ސެޕްޓެމްބަރ 2017 - 09:16

މިހާތަނަށް އެންމެ ގިނަ ލަވަ ވިއްކާފައިވާ އާޓިސްޓުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ލަވަކިޔުންތެރިޔާ ޝެއާއަކީ ހެދުންއެޅުމާއި ސްޓައިލްގެ ގޮތުން ވެސް ގިނަ ބަޔަކު ފާހަގަކުރާ ފަންނާނެކެވެ. ފަންސާސް އަހަރަށް ވުރެ ގިނަ ދުވަސްވީ ކެރިއަރުގައި ލަވަކިޔުމާއި އެކްޓްކުރުމުގެ ރޮނގުން ޝަރަފްވެރި އެތައް އެވޯޑެއް ހޯދާފައިވާ ޝެއާ، 71، އަށް ފިޓްކޮށް ހުރުމަކީ ވެސް ހަމަ އެހާ މުހިއްމު ކަމެކެވެ.
މިދިޔަ ހަފްތާގައި ޕީޕަލް.ކޮމްއާ ވާހަކަދައްކަމުން ޝެއާ ބުނީ އޭނާ މިހާރު ވެސް ކޮންމެ ދުވަހަކު ޕްލޭންކް ހަދާ ކަމަށެވެ.
"ފެށީ 30 ސިކުންތުން. އަހަރެން ހީކުރީ އަހަރެން މަރުވަނީއޭ. މިހާރު ތިން މިނިޓާއި ފަސް މިނިޓާ ދެމެދުގެ ވަގުތަކަށް ޕްލޭންކް ހަދަން،" 1960ގެ އަހަރުތަކުން ފެށިގެން 2010ގެ އަހަރުތަކާ ހަމައަށް ވޭތުވެދިޔަ ކޮންމެ 10 އަހަރަކު ބިލްބޯޑް ޗާޓުގެ އެއްވަނަ އަށް އަރާފައިވާ ހަމައެކަނި އާޓިސްޓް ބުންޏެވެ.
އެކަމަކު ޝެއާ ބުނީ އޭނާގެ "މުޅި ހަޔާތުގައި" ނުވަތަ ޒުވާން ދުވަސްވަރު ބަރުދަން އެންމެ 48 ކިލޯގައި ހުރެފައި 57 ކިލޯ އަށް ބަރުވެފައިވާ ކަމަށެވެ. ކުރީގެ ޝޯތަކުގައި އޭނާ ބޭނުންކޮށްފައިވާ މަޝްހޫރު ހެދުންތައް ބަހައްޓަނީ އެ އެއްޗެހި ހަލާކުނުވާނެ ހެން، އަބަދުވެސް ވަކި ފިނިހޫނުމިނެއްގައި ހުންނަ ގުދަނެއްގަ އެވެ. ޝެއާ ބުނީ އެ ހެދުންތައް އަލުން ލާން ގަސްދު ނުކުރާ ކަމަށާއި ފަލަވެފައިވާތީ އޭގެ ތެރެއިން ގިނަ އެއްޗެހި މިހާރު ނުވެސް ލެވޭ ކަމަށެވެ.
ޝެއާ އިތުރަށް ބުނީ ފެޝަންގައި އޭނާ އަށް މުހިއްމީ އެންމެ ގަވާއިދެއް ކަމަށާއި އެއީ އެ މީހެއްގެ ހަގީގީ ގޮތުގައި ހުރުން ކަމަށެވެ.