29 ސެޕްޓެމްބަރ 2017 - 09:17

ފުރައްސާރަކުރާ މީހުންގެ ކިބައިން ސަލާމަތްވާނެ މަގެއް އިންސްޓަގްރާމުން ފަހިކޮށްދީފި އެވެ.
ފޮޓޯ އާއި ވީޑިއޯ ޝެއާކުރެވޭ މަގްބޫލު އެޕުން މިހާރު ވަނީ "ކޮމެންޓްސް ކޮންޓްރޯލްސް"ގެ ނަމުގައި ފީޗާއެއް ތައާރަފްކޮށްފަ އެވެ.
ޕަބްލިކް އެކައުންޓްތައް ގެންގުޅޭ މީހުންނަށް އެ މީހުންގެ ޕޯސްޓްތަކަށް ކޮމެންޓް ނުކުރެވޭ ގޮތަށް ވަކި އެކައުންޓްތަކެއް މިހާރު ބްލޮކްކޮށްލެވިދާނެ އެވެ. އެ މީހަކު ފޮލޯކުރާ މީހުން އަދި އެ މީހެއްގެ ފޮލޯވަރުން ފަދަ، ވަކި ގްރޫޕްތަކަކަށް އެކަނި ކޮމެންޓްކުރެވޭ ގޮތް ހެދޭނެ އެވެ.
ޕްރައިވެޓް އެކައުންޓެއް ގެންގުޅުނަސް، ކޮމެންޓް ނުކުރެވޭ ގޮތަށް، ވަކި އެކައުންޓްތަކެއް ބްލޮކްކުރެވޭނެ އެވެ.
މީގެ އިތުރުން އިންސްޓަގްރާމުން ވަނީ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމުގެ ފީޗާތަކެއް ވެސް ތައާރަފްކޮށްފަ އެވެ. ލައިވް ވީޑިއޯއެއް ސްޓްރީމްކުރާ މީހަކު އުޅެނީ އުނދަގޫ ހާލަތެއްގައި ނުވަތަ އެހީތެރިކަމެއް ބޭނުންވެފައި ކަމަށް ހީވެއްޖެއްޔާ ކާކުކަން ނޭނގޭ ގޮތަށް އެ ވީޑިއޯއެއް ރިޕޯޓްކޮށްލެވިދާނެ އެވެ. އޭރުން ސްޓްރީމްކުރާ މީހާ އަށް، އެހީ ހޯދޭނެ ގޮތްތައް ބުނެދޭ މެސެޖެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ހެލްޕްލައިނަކަށް ގުޅުން، ރައްޓެއްސަކާ ވާހަކަދެއްކުން އަދި އެ ނޫން ވެސް އިޚްތިޔާރުތައް ހިމެނެ އެވެ.
"(އެފަދަ ރިޕޯޓްތަކަށް) އިޖާބަދޭން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަހަރެމެންގެ ޓީމްތައް 24 ގަޑި އިރު، ހަފްތާގެ ހުރިހާ ދުވަހަކު ވެސް މަސައްކަތްކުރަމުން ގެންދާނެ،" ފޭސްބުކްގެ މިލްކުވެރިކަން އޮންނަ އިންސްޓަގްރާމް އިން ބުންޏެވެ.
އިންސްޓަގްރާމުން ވަނީ "ކައިންޑްކޮމެންޓްސް"ގެ ނަމުގައި ކެމްޕެއިނެއް ވެސް ފަށައިފަ އެވެ.