ވަކީލުންގެ ސަސްޕެންޝަން ވަގުތުން އުވާލަން އައިސީޖޭއިން ގޮވާލައިފި
ވަކީލުންގެ ސަސްޕެންޝަން ވަގުތުން އުވާލަން އައިސީޖޭއިން ގޮވާލައިފި

ސަސްޕެންޑްކޮށްފައި ތިބި ދިވެހި ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް އިންޓަނޭޝަނަލް ކޮމިޝަން އޮން ޖޫރިސްޓް (އައިސީޖޭ) އިން މިއަދު ގޮވާލައިފި އެވެ.

ވަކީލުންތަކެއް ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން 54 ވަކީލަކު ސަސްޕެންޑް ކުރުމަށް ފަހު އޭގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން މިހާރު ވަނީ އުވާލައިފަ އެވެ. އެކަމަކު ބާކީ ތިބި ވަކީލުން އަދިވެސް ތިބީ ސަސްޕެންޝަންގަ އެވެ.

އައިސީޖޭ އިން މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި ވަނީ ވަކީލުން ސަސްޕެންޑް ކޮށްފައިވަނީ ހުރިހާ ގޮތަކުން ވެސް ބައިނަލްއަގްވާމީ އުސޫލުތަކާ ޚިލާފަށް ކަމަށާއި އެއްވެސް ޝަރުތެއް ނެތި، ވަކީލުންގެ ސަސްޕެންޝަން އުވާލަން ގޮވާލާ ކަމަށެވެ. ވަކީލުންނަކީ އިންސާނީ ހައްގުތައް ދިފާއު ކުރުމުގަ އާއި އިންސާފު ގާއިމް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށްވާއިރު ގިނަ ވަކީލުންތަކެއް ސަސްޕެންޑް ކުރުމަކީ ގާނޫނީ ދާއިރާ އަށް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

"ވަކީލުންނަކީ ހައްގުތައް ހިމާޔަތް ކުރުމާ އެކު ތުހުމަތު ކުރެވިފައިވާ ފަރާތަށް އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ކަށަވަރުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް. އެހެންކަމުން ލީގަލް ޕްރޮފެޝަންގެ މިނިވަންކަން ދެމެހެއްޓުމަށް ދައުލަތާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުން ވެސް ބަލަންޖެހޭ." އައިސީޖޭ އިން ބުންޏެވެ.

އެ ކޮމިޝަންގެ ބަޔާނުގައިވާ ގޮތުން އެ ވަކީލުންނާ މެދު ފިޔަވަޅު އަޅާފައިވަނީ ބައިނަލްއަގްވާމީ އުސޫލުތަކާ ޚިލާފަށެވެ. ސަސްޕެންޑް ކުރުމުގެ ކުރިން ވަކީލުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށާއި އަދި ފިޔަވަޅު އަޅާފައިވަނީ ވެސް ތަހުގީގު ހިންގުމެއް ނެތި ކަމަށް އެ ބަޔާނުގައިވެ އެވެ. ފިޔަވަޅެއް އެޅޭ ނަމަ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އަދި އެ ނިންމުމެއް މެދު ހިތްހަމަ ނުޖެހޭ ނަމަ އެ ނިންމުމެެއް ކޯޓުތަކަށް ހުށަހެޅޭނެ ފުރުސަތު ވެސް ލިބެންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ވަކީލުންގެ ސަސްޕެންޝަނާ މެދު ޗެލެންޖް ކުރެވޭނެ ނިޒާމެއް ވެސް އެ ވަކީލުންނަށް ލިބިފައެއް ނެތް،" އެ ބަޔާނުގައިވެ އެވެ.

ވަކީލުންގެ ސަސްޕެންޝަނާ މެދު ޔޫރަޕިއަން ޔޫނިއަން އާއި ބައެއް ގައުމުތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ވަކީލުން ސަސްޕެންޑްކުރީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފް ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއި ކުރުމާއި ފަނޑިޔާރުންނާއި ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ސުޕްރީމް ކޯޓަށް އެއްވި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާތީ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެ އެވެ.