ފުލުހުން ޔުނިފޯމް ނާޅާ ތިބެ، މީހުން ހައްޔަރު ނުކުރެވޭ މައްސަލާގައި ގާނޫނީ ލަފާ ހޯދަނީ
ފުލުހުން ޔުނިފޯމް ނާޅާ ތިބެ، މީހުން ހައްޔަރު ނުކުރެވޭ މައްސަލާގައި ގާނޫނީ ލަފާ ހޯދަނީ

ފުލުހުން ޔުނިފޯމް ނުލައި ތިބޭ ގަޑީގައި، އެކި ކުށްކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ނުކުރެވޭ މައްސަލާގައި ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ ޖުލައި މަހު އަމަލުކުރަން ފެށި ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ރ. ބުނާގޮތުން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރަން ޖެހޭނީ ޔުނިފޯމް އެޅި ފުލުހުންނެވެ.

އެއާ ޚިލާފަށް، ޔުނިފޯމް ނާޅާ ތިބެ ދެ މީހަކު ހައްޔަރު ކުރުމުން އެ ދެ މީހުން ދޫކޮށްލަން ކޯޓުން ވަނީ އަންގައިފަ އެވެ. އޭގެ ތެރޭގައި މަރުގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ވެސް ހިމެނެ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ގާނޫނުގައި އެ މާއްދާ ލިޔެފައި އޮތީ ފުލުހުން މިހާތަނަށް އަމަލުކުރަމުން އައި އުސޫލުތަކާ ކޮންމެވެސް ވަރަކަށް ފުށުއަރާ ގޮތަކަށް ކަމަށެވެ. އެހެންވެ، އެކަން ގާނޫނީ ގޮތުން ސާފު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޝިފާން ވިދާޅުވި އެވެ.

"ގާނޫނީ ގޮތުން އެކަން ސާފު ކުރެވިފައިވާ ކަމެއްގެ ތެރެއިން އެކަން ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން. އަޅުގަނޑުމެންނަށް މަތިކޮށްފައިވާ ނިޒާމުގެ ތެރެއިން އެ މަސައްކަތް ކުރަމުން މިދަނީ." ޝިފާން ވިދާޅުވި އެވެ.

ގާނޫނު އައުމުގެ ކުރިން ކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރާއިރު ފުލުހުން ޔުނިފޯމްގައި ތިބޭކަށް ގާނޫނުތަކުން ލާޒިމެއް ނުކުރެ އެވެ. ފުލުހުން ހިންގާ ބައެއް އޮޕަރޭޝަންތަކުގައި ޔުނިފޯމް ނުލައި ތިބެ، މީހުން ހައްޔަރު ކުރުމުގައި ފުލުހުން ހަރަކާތްތެރިވެފައިވެ އެވެ.