ގުޅުމެއް ނެތް ކަމަށް ބުނި ސަނީ އާއި ޑިމްޕަލް އެކުގައި ޗުއްޓީ ހޭދަކުރަނީ
ގުޅުމެއް ނެތް ކަމަށް ބުނި ސަނީ އާއި ޑިމްޕަލް އެކުގައި ޗުއްޓީ ހޭދަކުރަނީ

ބޮލީވުޑް އެކްޓަރު ރަންބީރު ކަޕޫރާއި ޕާކިސްތާނު ބަތަލާ މާހިރާ ޚާން ނިއު ޔޯކްގައި އެކުގައި ވަގުތު ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ލީކުވެފައި ވަނިކޮށް އެކްޓަރު ސަނީ ޑެއޯލް އާއި ބަތަލާ ޑިމްޕަލް ކަޕާޑިއާ އަތާ އަތް ގުޅާލައިގެން، ލަންޑަނުގެ މަގެއްމަތީގައި ހުރި ގޮނޑިއެއްގައި ތިބި ވީޑިއޯއެއް އާންމުކޮށްފި އެވެ.

ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު ރުޅިވެފައިވާ ކަމަށް ބުނާ ސަނީ އާއި ޑިމްޕަލް އެކުގައި ޗުއްޓީ ހޭދަކޮށްލަން ލަންޑަނަށް ގޮސްފައި ވަނީ މިދިޔަ މަހު ކަމަށް މުމްބާއީ މިރާ އިން ބުންޏެވެ. މި ދެ މީހުންގެ ގުޅުމެއް ނެތް ކަމަށް މީޑިއާ ތަކުން ބުނި ނަމަވެސް އެ ގުޅުން އެއް އިރެއްގައި ވެސް ނުކެނޑޭ ކަމަށް ނުވަތަ އަލުން ރައްޓެހިވިކަން ވީޑިއޯ އިން ހާމަވެ އެވެ.

އެންމެ ފުރަތަމަ މި ވީޑިއޯ ޓުވީޓްކުރީ ފިލްމް ކްރިޓިކް ކަމާލް އާރް. ޚާން އެވެ. އޭނާ ލިޔެފައިވަނީ ސަނީ އާއި ޑިމްޕަލް ލަންޑަންގައި ޗުއްޓީ ހޭދަ ކުރަނީ ކަމަށާއި މިއީ ވަރަށް ލޯބި ޖޯޑެއް ކަމަށެވެ.

މި ދެ މީހުންގެ ލޯބީގެ ކުޅިގަނޑު ފެށުނީ 1980ގެ ތެރޭގައި ދެ މީހުން އެކުގައި ކުޅުނު "މަންޒިލް މަންޒިލް"ގެ ޝޫޓިންގަ އެވެ. މި ފިލްމަކީ ރާޖޭޝް ކަންނާ އާ ކައިވެނިކުރުމަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން ފިލްމު ކުޅުމާ ދުރުގައި ހުރުމަށް ފަހު ޑިމްޕަލް ކުޅުނު ފުރަތަމަ ފިލްމެވެ. މި ފިލްމު ކުޅުނު ދުވަސްވަރު ޑިމްޕަލް އާއި ސަނީގެ ލޯބީގެ ވާހަކަތައް ވަރަށް ގަދަޔަށް ދެކެވިފައިވެ އެވެ. އޭގެ ފަހުން މި ދެ ތަރިން ވަނީ އެކުގައި "އަރްޖުން"، "އާގް ކާ ގޯލާ" އަދި "ނަރަސިމްހާ" ކުޅެފަ އެވެ.

އެ ދުވަސްވަރުގެ މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ސަނީ ކައިވެންޏެއް ކޮށްގެން އުޅުނު ނަމަވެސް ޑިމްޕަލް އަށް ވެސް އޭނާ ވަނީ އަންބެއްގެ ދަރަޖަ ދީފަ އެވެ. އަދި ރާޖޭޝް ކަންނާ ކައިރިން ޑިމްޕަލް ވަރިވި ސަބަބަކީ ވެސް ސަނީ އާއި އޭނާގެ މެދުގައި އުފެދުނު ލޯބި ކަމަށްވެ އެވެ. މި ދެ މީހުންގެ ވާހަކަ އެންމެންނަށް އެނގުނު ނަމަވެސް ސަނީ ވެސް ޑިމްޕަލް ވެސް އެކަކު އަނެކަކުގެ ވާހަކަ ދުވަހަކު ވެސް ނުދައްކަ އެވެ.