28 ސެޕްޓެމްބަރ 2017 - 06:15

އާލިއާ ބަޓް ބަތަލާގެ ރޯލު އަދާކުރާ، ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ "ރާޒީ" ގައި އާއިލާގެ މަންމަގެ ރޯލު ކުޅެނީ އޭނާގެ އަސްލު މަންމަ ސޯނީ ރާޒްދާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
އެ ފިލްމުގެ ޝޫޓިން ކަޝްމީރުގެ ފެހި ވާދީތަކުގައި މިހާރު ވަަރަށް ބާރަށް ކުރިޔަށް އެބަދެ އެވެ. މި ޝޫޓިންގްގައި އާލިއާ އާއެކު އޭނާގެ މަންމަ ބައިވެރިވެ ދެ މައިން ނަގާފައިވާ ހިތްގައިމު ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާކުރަން ފެށުމުން ކުރިން ހީވެފައި އޮތީ އާލިއާގެ މަންމަ މި ދަތުރުގައި ބައިވެރިވީ ދަރިފުޅާއެކު ވަގުތު ހޭދަކުރަން ބޭނުންވެގެން ކަމަށެވެ.
ނޫސްތަކުން މިއަދު ރިޕޯޓު ކޮށްފައިވާ ގޮތުގައި އާލިއާގެ މަންމަ އަކީ "ރާޒީ"ގެ މުހިއްމު ބައިވެރިއެކެވެ. އޭނާ މި ފިލްމުގައި ކުޅެނީ އާލިއާގެ މަންމަގެ ރޯލު ކަމަށް ވެއެވެ. އާލިއާ އެެކޭ އެއްފަދައިން އޭނާގެ މަންމަ އަކީ ވެސް ކުޅަދާނަ އެކްޓަރެކެވެ. ވަރަށް ގިނަ ޓީވީ ސިލްސިލާތަކުގެ ލީޑް ރޯލުތައް ތަންކޮޅެއް ކުރިން ސޯނީ ކުޅެފައިވެ އެވެ. އަދި ބައެއް ފިލްމުތަކުގައި ވެސް މުހިއްމު ބައިތަކެއް އަދާކުރި އެވެ.
މި ފިލްމާ ބެހޭ ގޮތުން މައުލޫމާތު ދިން މީހަކު އިންޑިއާ ޓުޑޭ އަށް ކިޔައިދިން ގޮތުގައި އާލިއާ އާއި އޭނާގެ މަންމަ ވަނީ ކަޝްމީރުގެ އެންމެ ދުވަސްވީ ހޮސްޕިޓަލް ކަމަށްވާ ޕަހަލްގާމް ގަވަންމަންޓް ސިވިލް ހޮސްޕިޓަލުގައި ބައެއް މަންޒަރުތައް ޝޫޓް ކޮށްފަ އެވެ. މި ޝޫޓިން ބޭއްވީ ވަރަށް ވަރުގަދައަށް ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"ރާޒީ" އަކީ ހަރިންދަރް ސިއްކާ ކިޔާ ލިޔުންތެރިޔަކު ލިޔެފައިވާ މަޝްހޫރު ވާހަކަ ފޮތެއް ކަމަށްވާ "ކޯލިން ސެހްމަތު" ގެ މައްޗަށް ކުޅޭ ފިލްމެކެވެ. އާލިއާ ކުޅެނީ ޕާކިސްތާނު ސިފައިންގެ އޮފިސަރަކަށް ޖާސޫސްކުރާ އިންޑިއާ މީހެއްގެ ރޯލެވެ.
ދަރްމާ ޕްރޮޑަކްޝަން އާއި ޖަންގްލީ ޕިކްޗާޒް އިން ޕްރޮޑިއުސްކުރާ "ރާޒީ" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މޭ 11 ވަނަ ދުވަހު އެވެ.