ގާތުން ދޭއިރު މައިމީހާ ބަދަން ކެއުމުން ދަރިފުޅު އެލާޖީއާ ދުރުވޭ
ގާތުން ދޭއިރު މައިމީހާ ބަދަން ކެއުމުން ދަރިފުޅު އެލާޖީއާ ދުރުވޭ

އަލަތު މައިން ގާތުން ދޭ ދުވަސްވަރު ބަދަން ކެއުމުން ދަރިން އެލާޖީން ދުރުކޮށްދޭ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

މި ދިރާސާ ބުނާ ގޮތުން އެންމެ ޅަފަތުން ފެށިގެން ވެސް ކުދިންގެ ހަށިގަނޑަށް ނަޓްސްގެ އަސަރު ކުރުވަންޖެހެ އެވެ. ކެނެޑާގެ ސައިންސްވެރިން ކުރި މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން ގާތުން ކިރުދޭ ދުވަސްވަރާއި ކުއްޖާއަށް އެއް އަހަރު ފުރުމުގެ ކުރިން ކުދިންގެ ކާނާގައި ނަޓްސް ހިމެނުމަކީ އެކުދިންނަށް އެލާޖީގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ފަސް ގުނައަށް ދަށްވެ އެވެ.

މި ދިރާސާގައި އިސްކޮށް ހުންނެވި އޮންޓާރިއޯގެ ހުމްބާ ރިވާ ހޮސްޕިޓަލުގެ ޑޮކްޓަރު ޓްރޭސީ ޕިޓް ވިދާޅުވީ 1 އަހަރު ފުރުމުގެ ކުރިން ކުދިންނަށް ނަޓްސް ކާންދޭ ނަަމަ ސްކޫލަށް ދާ އުމުރުގައި ބައެއް ކުދިންނަށް ދިމާވާ، ބަދަނަށް އެލާޖިކް ވުމުގެ މައްސަލަ ދިމާވާލެއް މަދުވެ އެވެ.

ކިރުގެ ޒަރިއްޔާއިން ކުދިންގެ ހަށިގަނޑަށް ބަދަނުގެ އަސަރު ފޯރުވުމާއި އެއް އަހަރު ފުރުމުގެ ކުދިން ކުދިންގެ ކެއުމުގައި ބަދަން ހިމަނައިގެން ކާން ދިނުމަކީ އެކުދިންގެ އުމުރުން ހަތް އަހަރު ފުރޭއިރު އެލާޖީގެ މައްސަލަތައް ކުޑަވެގެން ދާނެ ކަމެއް ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ވަނީ އެ އިންްސްޓްޓިއުޓްގެ ގައިޑްލައިންތަކަށް ބަދަލު ގެނެސްފަ އެވެ. މިހާރުގެ ގައިޑްލައިންގައި ބުނެފައިވަނީ ތުއްތު ކުދިންނަށް ހަތަރު މަހުން ފެށިގެން، ބަދަން އެކުލެވޭ ކާނާ ދޭންޖެހޭނެ ކަމަށެވެ. އޭރުން އެކުދިންގެ ދިފާއީ ނިޒާމުގެ ނާޒުކުކަން ކުޑަ ވާނެ ކަމަށެވެ. ނަމަވެސް މި އާ ދިރާސާ ބުނަނީ އުފަންވާތާ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަންމައިންނަށް ކުދިން އެލާޖީން ދިފާއުވާން ފިޔަވަޅު އެޅިދާނެ ކަމަށެވެ. އެއީ ގާތުން ދޭ ދުވަސްވަރު އެ މީހުން ބަދަން ކައިގެންނެވެ.

ބަދަނަށް އެލާޖިކްވާ މިންވަރު ވެސް ފާއިތުވި އަހަރުތަކުގައި ވަނީ ވަރަށް ބޮޑަަށް އިތުރުވެގެން ގޮސްފަ އެވެ. އިނގިރޭސި ވިލާތުގައި ސްކޫލަށް ދާ އުމުރުގެ ކޮންމެ 50 ކުއްޖަކުން އެއް ކުއްޖަކަށް މި މައްސަލަ މިހާރު ދިމާވެފައިވެ އެވެ. ނަމަވެސް ނަޓް އެލާޖީ އަކީ މެޑިޓެރޭނިއަން ގައުމުތަކުގެ ކުޑަކުދިންނަށް ވަރަށް ދިމާނުވާ ކަމެކެވެ. ސަަބަބަކީ މި ކުދިންނަށް ވަރަށް ޅަފަތުން ފެށިގެން ނަޓްސް އެކުލެވޭ ކާނާ ދޭތީ އެވެ.