މާގިނައިން އަދި މާ މަދުން ނިދުމުން ވެސް ހަކުރު ބަލި ޖެހިދާނެ
މާގިނައިން އަދި މާ މަދުން ނިދުމުން ވެސް ހަކުރު ބަލި ޖެހިދާނެ

މާގިނައިން ނުވަތަ މާ މަދުން ނިދުމަކީ ފިރިހެނުންނަށް ހަކުރު ބަލި ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

އެންޑޮކްރައިން ސޮސައިޓީގެ އެންޑޮކްރައިން ފެކްސް އެންޑް ފިގާޒް ރިޕޯޓްސްގައިވާ ގޮތުން ދުނިޔޭގައި މިވަގުތު ހަކުރު ބަލި ޖެހިފައިވާ 29 މިލިއަނަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

ފާއިތުވީ 50 އަހަރުގެ ތެރޭގައި، އެވްރެޖްކޮށް އިންސާނުން ނިދާ މިންވަރުން ވަނީ 1.5 އާއި ދެ ގަޑިއިރާ ދެމެދުގެ މިންވަރެއް ދަށްވެފަ އެވެ. އަދި ހަމަ މި މުއްދަތުގެ ތެރޭގައި، ހަކުރުބަލި ޖެހޭ މީހުންގެ އަދަދު ވެސް ވަނީ ދެ ގުނަ އިތުރު ވެފަ އެވެ.

މި ދިރާސާކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ފެމްކޭ ރަޓާޒް ވިދާޅުވީ ސިއްހަތު ރަނގަޅު 800 މީހުންގެ ގްރޫޕެއް އެބޭފުޅުންގެ މިފަހަރުގެ ދިރާސާގައި ބައިވެރިކުރި ކަމަށެވެ. އަދި ކޮންމެ ދުވަހަކު އެމީހުން ނިދާ މިންވަރާއި ގުލްކޯޒް މެޓަބޮލިޒަމްއާ އޮތް ގުޅުން ވެސް ޗެކްކުރި އެވެ.

މި ޗެކްކުރި ކުރުމުން ހާމަވީ ފިރިހެންގެ ނިދި މަދުވިޔަސް އަދި ގިނަވިޔަސް އިންސިއުލިން އުފައްދާ ސެލްތައް ހަރަކާތްކުރާ މިންވަރު ދަށްވާ ކަމެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑުން ގުލްކޯޒް ނަގައިދޭ މިންވަރު ދަށްވެ ހަކުރު ބަލި ޖެހުމުގެ ނުރައްކާ އިތުރު ވުމެވެ. ނަމަވެސް މި ދިރާސާގައި ބެލި އަންހެނުންނަކަށް މިގޮތަކަށް ދިމަލެއް ނުވެ އެވެ.

މިފަދަ އިތުރު ކްރޮސް ސެކްޝަނަލް ދިރާސާއެއްގައި، ނިދާ ވަގުތާއި ހަކުރުބަލި ޖެހުމުގެ ނުރައްކަލާ އޮތް ގުޅުން ހޯދުމަށް 788 މީހަކު ބަލާފައިވެ އެވެ. މި އެންމެންނަކީ ވެސް އުމުރުން 30 އާއި 60 އަހަރާ ދެމެދުގެ އުމުރުގެ، ސިއްހީ މައްސަލައެއް ނެތް މީހުންނެވެ. މި ދިރާސާގައި ބައިވެރިކުރި މީހުންނަކީ ޔޫރަޕްގެ 14 ގައުމެއްގެ 19 ސްޓަޑީ ސެންޓަރަކުން ހޮވާލެވުނު ބައެކެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި ދުވާލަކު އެވްރެޖްކޮށް ހަތް ގަޑިއިރު އާއްމުކޮށް ނިދާ ފިރިހެނުންނަށް ވުރެ ވަރަށް މަދުން އަދި ވަރަށް ގިނައިން ނިދާ ފިރިހެނުންގެ ހަށިގަނޑުން ހަކުރު ޕްރޮސެސްކުރުމުގައި މައްސަލަތައް ދިމާވެފައިވެ އެވެ. ނަމަވެސް އަންހެނުން ނިދާ މިންވަރަކުން ހަކުރު ޕްރޮސެސްކުރުމަށް ބަދަލެއް ނާދެ އެވެ. އަދި ބީޓާ ސެލްސް ފަންކްޝަން ވެސް އަންހެނުންގެ މާ މައްޗެވެ. ބީޓާ ސެލްސް އަކީ ޕެންކްރިއަސްގައި ހުންނަ އެއްޗެކެވެ. ހޯމޯން އިންސިއުލިން އުފައްދަނީ މި ސެލްތަކުގެ ޒަރިއްޔާއިންނެވެ.
މިކަމުން ދޭހަވަނީ އަންހެނުންގެ ނިދި ގެއްލުމަކީ އެމީހުންނަށް ހަކުރު ބަލި ޖެހުމަށް މެދުވެރިވާ ސަބަބެއް ނޫން ކަމެވެ.